ލައިފްސްޓައިލް

ތިބާއަށްޓަކައި ނުކުތް ރަހުމަތްތެރިން!

ދިވެހި ބަހުން އަނެކާއަށް އަށް ނިސްބަތްކޮށް ވާހަކަދައްކާއިރު ބޭނުން ކުރާ "ތިބާ" މި ބަހުގައި ތަފާތު ރީތި ކަމެއް ހުރެއެވެ. "ތިބާ" އޭ ކިޔައި ވާހަކަ ދައްކައިފިނަމަ އޯގާތެރިކަން އިހުސާސް ކުރެވެއެވެ. އަޅާލުމައި ލޯއްބާއެކު ވާހަކަ ދައްކާ ކަމުގެ އިހުސާސެއް ކުރެވެއެވެ. މިފަހަރު އެ ލަފުޒުގެ ރީތި ކަމަށްވުރެ ބޮޑަށް އެހެން ވާހަކަ އެކެވެ.

މި މަހު ހުޅުވި "ތިބާ ސައިކޮލޮޖީ ކްލިނިކަ"ކީ ނަފްސާނީ ބަލިތަކަށް ފަރުވާ ދޭން ހުޅުވި ކްލިނިކެކެވެ. އަދި މި ކްލިނިކަކީ ރަނގަޅު ފެންވަރުގެ ހިދުމަތެއް ހޯދައި ދޭން ހުޅުވި ކްލިނިކެކެވެ.

ތިބާ ސައިކޮލޮޖީގެ ފައުންޑާ މެންބަރުންނަކީ ސައިކޮލޮޖީ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށް ތަޖުރިބާތައް ހޯދާފައިވާ ތިން ޒުވާނުން ތަކެކެވެ. ނަދާ ޝަރީފާއި ޝުޒްނާ މަޖްދީއަކީ ސައިކޮލޮޖިސްޓުންނެވެ. ފައުންޑާ މެންބަރު މުސްތަފާ ފާރޫގަކީ ސައިކޯތެރަޕިސްޓެކެވެ.

"ތިބާ ސައިކޮލޮޖީ" ގެ އަމާޒަކީ ނަފްސާނީ ގޮތުން އެންމެނަށް ދުޅަހެޔޮ ހަޔާތެއް ހޯދައިދޭން މަސައްކަތް ކުރުމެވެ.

ނަދާ އާއި ޝުޒްނާ އަންޑަގްރެޖުއޭޓް ޑިގްރީއަށް ކިޔެވީ އެއްކޮށް މެލޭޝިއާގެ ހެލްޕް ޔުނިވާސިޓީންނެވެ. ދެ މީހުން މާސްޓާސް ޑިގްރީ ހާސިލު ކުރީ އިނގިރޭސި ވިލާތުގެ ކިންގްސްޓަން ޔުނިވާސިޓީން ކްލިނިކަލް އެޕްލިކޭޝަން އޮފް ސައިކޮލޮޖީންނެވެ. މުސްތަފާއަކީ އެކުގައި މަސައްކަތް ކުރި ގާތް ރަހުމަތްތެރި އެކެވެ. އަމިއްލައަށް ޕްރެކްޓިސް ކުރުމަކީ މި ތިން ޒުވާނުންގެ އެންމެ ބޮޑު ހުވަފެނެވެ.

"ޝުޒްނާ އާއި ދެމީހުންގެ ޕެޝަނަކަށްވީ ވެސް މި މަސައްކަތް. އެކުގައި ކިޔަވަން އުޅުނީ މެލޭޝިއާގައި އާއި ޔޫކޭގަ. ދެ މީހުންނަކީ ހައުސްމޭޓްސް އަދި ކްލޯޒް ފްރެންޑްސް. އަބަދުވެސް މި ދާއިރާއަށް ހުންނަ ޝައުގުވެރިކަމާއި މަސައްކަތެއް ފަށައިގަތުމުގެ ޕްލޭންތައް ހަދަން."

ނަދާ ވަނީ ކުރީން ޖެންޑާ މިނިސްޓްރީގައި ސީނިއާ ކައުންސެލާ އެއްގެ ގޮތުން މަސައްކަތްކޮށްފަ އެވެ. އަދި އައިލޭންޑާސް އެޑިއުކޭޝަން ގައި ސުކޫލް ސައިކޮލޮޖިސްޓެއްގެ ގޮތުގައި ތަމްރީންތައް ހިންގި އެވެ. އަދި ދާއިރާއިން އެހެން މީހުނަށް އުނގައްނައި ދެއެވެ.

"އިންޑިޕެންޑެންޓްކޮށް މަސައްކަތް ކުރަން ބޭނުންވޭ! ގައުމަށް ބޭނުންވާ ފައިދާހުރި އަދި ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ކޮށްދޭން އަބަދުވެސް ބޭނުންވޭ. 'ތިބާ' ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ މިއީ. ކްލިނިކެއް ހުޅުވައި ރަނގަޅު ފެންވަރުގެ ހިދުމަތެއް ދޭން ބޭނުންވީ. އެހެންވެ 'ތިބާ' އިން ދޭ ހިދުމަތަކީ ވަރަށް ބޮޑަށް ކްލައިންޓް ސެންޓާޑް ހިދުމަތެއް." ޝުޒްނާ ބުންޏެވެ.

މާސްޓާސް ޑިގްރީއަށް ޝުޒްނާ ލިޔުނު ތީސިސް އަކީ ފާހަގަ ކުރެވުނު ތީސިސްއަކަށްވި އެވެ. އިނގިރޭސި ވިލާތާއި އެމެރިކާގައި ކޮންފަރެންސް ތަކުގައި އެނާގެ ރިސާޗް ތީސީސް ޕްރެސެންޓް ކުރަން ލިބުނެވެ. ޝުޒްނާ ކިޔަވައި ދެނީ މި ދާއިރާއަށް ނިކުންނަ ކުދިން ބިނާ ކުރުމުގައި އެހީތެރިވެ ދިނުމަށެވެ.

މުސްތަފާ ފާރޫގު އަކީ ސައިކޯތެރަޕިސްޓެކެވެ. "ތިބާ" ގެ އެއް ފައުންޑާ އެވެ. ސައިކޯތެރަޕިސްޓެއްގެ ގޮތުގައި މުސްތަފާ އަންނަނީ 2009 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުންނެވެ. އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް އެޑަލައިޑް އިން މާސްޓާ އޮފް ކައުންސިލިން އެންޑް ސައިކޯތެރަޕީ ފުރިހަމަ ކޮށްފައި ވެއެވެ.

ޝުޒުނާ ބުނި ގޮތުގައި "ތިބާ" އިން ކައުންސެލިން އާއި ސައިކޮތެރަޕީގެ ހުރިހާ ހިދުމަތެއް ދޭނެ އެވެ.

"އާއްމުކޮށް ދިމާވާ ޑިޕްރެޝަން އާއި އެންޒައިޓީ އަދި ޕޯސްޓް ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑަރގެ އިތުރުން ސައިކޯޓިކް ޑިސްއޯޑާސް ގެ އިތުރުން އާންމުކޮށް ނުފެންނަ ޑިސްއޯޑާސް އަށް ފަރުވާ ދިނުމުގެ ކެޕޭސިޓީ އެބަހުރި. އެވަރުގެ ފަންނީ ޓީމެއް އެބައޮތް." ޝުޒްނާ ބުންޏެވެ.

ކުޑަކުދިންގެ ނިއުރޯޑިވެލޮޕްމަންޓަލް ޑިސްއޯޑާސް ކަމުގައިވާ އޯޓިޒަމް، ލާނިން ޑިސްއެބިލިޓީ، އެޑީއެޗްޑީ ފަދަ ކަންކަން މޭނޭޖްކުރުމާއި އެސެސްމަންޓް ހެދުން ވެސް މިކްލިނިކުން ދެވޭ ޚިދުމަތް ތަކުގެ ތެރޭގައި ހިމެނެ އެވެ. އޮކުއުޕޭޝަނަލް ތެރަޕީ، ސްޕީޗް ތެރަޕީ ފަދަ ޚިދުމަތްތަކަކީ އަވަސް ފުރުސަތެއްގެ ތެރޭގައި ފެށުމަށް ރޭވިފައިވާ ޚިދުމަތްތަކެކެވެ. މީގެ އިތުރުން ރާއްޖެއަށް މުޅިން އަލަށް ތަޢާރަފް ކުރާ ޕޭރަންޓް ޗައިލްޑް އިންޓަރެކްޝަން ތެރަޕީ އާއި ސައިކަލް އޮފް ސެކުރިޓީ އިންޓަވެންޝަން ވެސް ހިމެނެއެވެ.

ތިބާގެ އިންޓީރިއާ އަކީވެސް މި ތިން ޒުވާނުންގެ މަސައްކަތެވެ. ކްލިނިކެއް ހުޅުވުމަށް ކުރި ޕްލޭންގައިވާ ގޮތަށް ހަދާފައިވާ ތަނެކެވެ. ތިބާ ސައިކޮލޮޖީއަށް ހިދުމަތް ހޯދަން ދާ މީހުން އެތަނަށް ވަނުމުން މީހާއަށް ހަމަޖެހުން އިހުސާސް ކުރެވޭނެ ކަހަލަ މާހައުލެއް ލިބޭނެ ގޮތަށް އިންޓީރިއާ ޑެކެރޭޓް ކުރީ ވިސްނުންތެރިކަމާއި އެކު އެވެ.

"ކުލަތައް ބޭނުންކޮށް ކާމިން ހޯމްލީ އަދި ކްލައިންޓް ކޮމްފޮޓަބަލްވާނެ ކަހަލަ އެންވާރަމެންޓެއް ކްރިއޭޓްކޮށްފައި ވާނެ" ޝުޒްނާ ބުންޏެވެ.