ހަބަރު

ގިނަ އެއާޕޯޓް އެޅުމަކީ މުއްސަދިކަމެއް: ރައީސް ޔާމީން

ގިނަ އެއާޕޯޓްތައް އެޅުމަކީ ބަޔަކަށް "ބޯގަޅި" ކަމަކަށް ވިޔަސް އެއީ ރާއްޖޭގެ ފަތުުރުވެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން "ދަވާލައިފި" މިނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގިނަ އެއާޕޯޓްތައް އެޅުމަކީ ތަރައްގީ ނޫން ކަމަށާ އެއީ މުހިންމު ކަމެއް ނޫންކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. ރައީސް ނަޝީދު ވިދާޅުވީ ކުޅުދުއްފުއްޓާއި ހއ. ހޯރަފުށީގައި ތަރައްގީ ކުރާ އެއާޕޯޓަކީ "މޮޔަ ކަމެއް" ކަމަށެވެ. އަދި އެއީ ތަރައްގީ ނޫން ކަމަށާއި ތަރައްގީއަކީ މީހާއަށް އަންނަ ބަދަލެއް ކަމަށެވެ.

ނަޝީދުގެ އެ ވާހަކަތަކަށް ނުސީދާކޮށް ރައްދު ދެއްވަމުން ޔާމީން މިރޭ ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ކުރިއެރުވުމަށް ފަތުރުވެރިކަން ކުރިއެރުވުމަށް އެ މަނިކުފާނުގެ ސަރުކާރުން ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އެގޮތުން މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާ ކުރުމަށް މަސައްކަތް ކުރެވުނު ކަމަށާ އެ މަސައްކަތް އިތުރަށް ފުޅާ ކުުރުމަށް ގިނަ އެއާޕޯޓްތަކެއް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ނަމަވެސް ގިނަ އެއާޕޯޓްތައް އެޅުމަކީ މޮޔަ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ވިދާޅުވުމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ ގިނަ އެއާޕޯޓްތައް އެޅުމަކީ ބަޔަކަށް "ބޯގަޅި" ކަމަކަށް ވިޔަސް އެއީ ރާއްޖޭގެ ރައްޔިތުންނަށް ލިބޭ މުއްސަދިކަމެއްކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ގައުމުގައި ހިނގަމުންދިޔަ ތަރައްގީގެ މަޝްރޫއުތައް މިއަދު ހުއްޓިފައިވާ ކަމަށާ މުޅިން ވެސް އިވެނީ ތަރައްގީގެ މަޝްރޫއުތައް "އަންނަނީ... އަންނަނީ..." އޭ ބުނާ އަޑު ކަމަށެވެ. އަދި މިދިޔަ ސަރުކާރުން ކޮށްފައިވާ މަަސައްކަތްތަކުގެ ނިމުން މި ސަރުކާރުން ފާހަގަކޮށް އެކަމުގެ "ކްރެޑިޓް" ނަގަމުންދާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"މި ބޭފުޅުންވެސް ހާސިލް ކުރައްވާ ކަންކަން އެބަހުރި ނޫންތޯ. ކޮންމެ 15 ދުވަހަކުން ރިސޯޓެއް، ކޮންމެ 18 ދުވަހަކުން އެއާޕޯޓެއް ހުޅުވަމުން އެބަގެންދޭ... ހަމަ "ކާޅު ހާލި ހެދީމަ، ކޮވެލި ބިސް އަޅާ އުސޫލުން" ކަންތައްތައް މިކުރަނީ. އެއާވެސް އެބޭފުޅުން މޮޅު." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގައި އޮތީ ދެ އުޅިއެއްނުވާ ސިޔާސަތުތަކެއް ކަމަށެވެ.

މި ބޭފުޅުންވެސް ހާސިލް ކުރައްވާ ކަންކަން އެބަހުރި ނޫންތޯ. ކޮންމެ 15 ދުވަހަކުން ރިސޯޓެއް، ކޮންމެ 18 ދުވަހަކުން އެއާޕޯޓެއް ހުޅުވަމުން އެބަގެންދޭ... ހަމަ ކާޅު ހާލި ހެދީމަ، ކޮވެލި ބިސް އަޅާ އުސޫލުން ކަންތައްތައް މިކުރަނީ. އެއާވެސް އެބޭފުޅުން މޮޅު.
އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ކުރީގެ ރައީސު

ރައީސް ޔާމީން ވިދާޅުވީ 30 ބިލިއަން ރުފިޔާގެ ބަޖެޓަށް ވީގޮތެއް ނޭނގޭ ކަމަށާ 700 އެތައް މިލިއަން ޑޮލަރެއް ރިޒާވުގައި ހުރި އިރު އެވެސް "ދަވާލީ" ކަމަށެވެ.

"ބަޖެޓް ހަމަ ފެންފޮދަކާ ނުލައި ދިރުވާލާފަ، އަނެއްކާވެސް އެއަށްވުރެ ބޮޑު ބަޖެޓެއް ފާސްކުރި މަންޒަރު މި ފެނުނީ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޕެންޝަން ފަންޑުގެ ހާލަތު އޮތީ ކިހިނެތްކަން އެނގިވަޑައިނުގަންނަވާކަމަށާ އެހެން ހުރިހާ ދިމާލެއްގައި ހުރި ހުރިހާ ފައިސާއެއް ގެއްލިގެން ގޮސްފައިވާކަމަށެވެ.

މިއަދުގެ ސަރުކާރުން ބޭނުންވަނީ މީރާގައި ސިޔާސީ ބޭފުޅަކު ބެހެއްޓުމަށްކަމަށާ އެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. ރައީސް ޔާމީން އެ އިޝާރާތްކުރައްވަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑަށް ބޮޑެތި ބަދަލުތަކެއް އަންނަގޮތަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް މިއަދު ތަސްދީގުކުރައްވާފައިވާތީ އެކަމަށެވެ. މި ބިލުގައި މީރާގެ ބޯޑުއެކުލެވިގެންވާ ގޮތަށް އިސްލާހު ހުށަހަޅާފައިވެއެވެ. އެގޮތުން މީރާގެ ބޯޑު އެކުލެވިގެން ވަނީ 7 މެންބަރެއްގެ މައްޗަށްކަމަށް ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގެ ޓެކުހާބެހޭ ސިޔާސަތުތަކާގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅާ ފަރާތަކާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 5 މެންބަރަކާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން އެވެ.

"މިވެރިން ނޫންތޯ ބުނީ މަންމަ އުނަގަނޑުގައި އޮތް ފައްޓަރުބައިވެސް ޖަހައި ގަންނަންވާނޭ. އެހެންވީމަ މި ދަންނަވަނީ މިމީހުން ކޮށްފާނެ ކޮންމެފަދަ ކަމެއްވެސް." މީރާއަށް ގެންނަ ބަދަލުތަކަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެއް އަހަރު ހުސްވެގެންދާއިރު އެއްވެސްކަމެއް ނުވާކަމަށެވެ. ގައުމު އޮތީ ބޮޑު މުސީބާތެއްގައިކަމަށް ސިފަކުރައްވާ ރައީސް ޔާމީން ވިދާޅުވީ "މުސީބާތެއްގައި ތިބޭއިރު އެއް އަހަރުވެސް އިހުސާސްކުރެވެނީ ތިން އަހަރުގެ ދިގު މުއްދަތެއްގެ ގޮތުގައިކަމަށެވެ.