ހަބަރު

ގަވާއިދާ ހިލާފަށް ބިދޭސީން ރެކްރޫޓްކުރާ މީހަކު ޑީޕޯޓު ކޮށްލައިފި

ރާއްޖެއަށް ގަވައިދާ ހިލާފަށް މީހުން ރެކްރޫޓް ކުރުމާއި ހުއްދަނެތި ވިޔަފާރި ކުރުމުގައި އުޅުނު ބަންގްލަދޭޝް މީހަކު ރާއްޖޭން ޑީޕޯޓްކޮށްލައިފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ގަވައިދާ ހިލާފަށް މީހުން ރެކްރޫޓްކުރާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ގަވާއިދާ ހިލާފަށް ހުއްދަނެތި ވިޔަފާރި ކުރާތީ ޑީޕޯޓްކޮށްލާފައި ވަނީ ބަންގްލަދޭޝްގެ ޝަފީގުލް އިސްލާމް، 49 ކަމަށެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވީ ޝަފީގުލް އިސްލާމް ހައްޔަރުކޮށް ޑީޕޯޓްކޮށްލީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން މަދުކުރަން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި މަގުސަދަކީ ގަވާއިދާ ހިލާފުވުމަށް މެދުވެރިވާ ސަބަބުތައް ހޯދާ އެ ސަބަބުތައް މަދުކޮށް މިކަމުގައި ނަތީޖާއަކަށް ވާސިލްވުމަށް މަސައްކަތް ކުރުން ކަމަށްވެސް ހަނަފީ މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވެފައިވާ ބިދޭސީންގެ އަދަދު އިތުރުވެފައިވާއިރު، މީހުން ރެކްރޫޓް ކުރުމުގައިވެސް ގަވާއިދާ ހިލާފަށް ކަންކަން ހިނގާ މީހުން ރެކްރޫޓްކުރުމުގެ ތެރެއިން ހިއުމަން ޓްރެފިކިން އަށް މަގުފަހިވާ އެތައް ކަމެއްވެސް ހިނގަ އެވެ.