ހަބަރު

ޝަރީފް، ލަތީފަށް: ކައުންސިލް އިންތިހާބަށް ތައްޔާރުވޭ

އަންނަ އަހަރު ރާއްޖޭގައި ރިޔާސީ އިންތިހާބެއް އޮންނާނެ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއް ލަތީފު މުހައްމަދު ވިދާޅުވުމުން، އީސީގެ ރައީސް އަހުމަދު ޝަރީފު އާދަމް އެކަމަށް ރައްދު ދެއްވާ ވާހަކަފުޅު ދައްކަވައިފި އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން "ދަވާލައިފި" މި ނަމުގައި ބޭއްވި ޖަލްސާގައި ލަތީފު ވަނީ މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާ މި ސަރުކާރު ވަރަށް އަވަހަށް ބަދަލުވާނެ ކަމަށެވެ. އަދި އަންނަ އަހަރު ރިޔާސީ އިންތިޚާބުގައި ވޯޓްލާން ތައްޔާރަށް ތިބުމަށް ވެސް އޭނާގެ ވާހަކައިގައި އިޝާރާތް ކުރެއްވި އެވެ.

ލަތީފުގެ މި ވާހަކަތަކަށް ރައްދު ދެއްވަން އަހުމަދު ޝަރީފް މިއަދު ކުރެއްވީ ޓްވީޓެކެވެ.

ސިޔާސީ ބޭފުޅުންނާއި ސިޔާސީ އެކްޓިވިސްޓުންގެ އާންމު ވާހަކަތަކަށް ޓްވިޓާގައި އާދަވެ ރައްދު ދެއްވާ އަހުމަދު ޝަރީފު ކުރެއްވި ޓްވީޓްގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ފައިނަލް ނަތީޖާ ޝީޓް ހިމަނުއްވާ ވިދާޅުވީ ރިޔާސީ އިންތިޚާބު 2018 ގައި ރައްޔިތުން ވޯޓް ލީގޮތް އީސީން އިއުލާނު ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ދެން ރިޔާސީ އިންތިޚާބުގެ ވާހަކަ ދެއްކުން ހުއްޓާލުމަށެވެ. އަދި އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުން ބުއްދިވެރި ކަމަށެވެ.

ޝަރީފު ކުރެއްވި ޓްވީޓް

މިދިޔަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަނަކާއެކު މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލިބިވަޑައިގެންނެވީ 134616 ވޯޓެވެ. އެކަނި ވާދަ ކުރެއްވި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96132 ވޯޓެވެ. ރާއްޖޭގައި ދެން ރިޔާސީ އިންތިޚާބެއް އޮންނާނީ 2023 ވަނަ އަހަރެވެ.

ކުރީގެ މެންބަރު ލަތީފު ރޭ ވަނީ ރައީސް ސޯލިހަކީ "ބޭވަފާތެރިއެއް"ގެ ގޮތުގައި ސިފަކޮށް ރައްޔިތުންނަށް ވެސް މުޅިން އޮޅުވާ ލެއްވީ ކަމަށް ވިދާޅުވެފަ އެވެ. އަދި ގައުމު ހިންގުމުގެ ގާބިލްކަން ރައީސް ސޯލިހްގެ ކިބައިގައި ނެތްކަމަށް ވިދާޅުވެ، ރިޔާސީ އިންތިޚާބަށް ރައްޔިތުން ތައްޔާރުވެ ތިބުމަށް ވެސް ލަތީފު އެދުނެވެ.