ހަބަރު

ގާނޫނަށް އިސްލާހު ގެންނަނީ މީހުުން ހައްޔަރު ކުރަން: އަދުރޭ

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަނީ ބޭނުން މީހަކު، ބޭނުން އިރަކު ހައްޔަރު ކުރަން މަގުފަހި ކުރަން ކަމަށް ކޮންގްރެސްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވަނީ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހެއް ހުށައަޅާފަ އެވެ.

އެ އިސްލާހު ތަކާމެދު ކަންބޮޑުވުން ފާޅު ކުރައްވާ ކުރިން ފޮނަދޫ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި އަބްދުއްރަހީމް ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހަކީ ބޭނުން މީހަކު، ބޭނުން އިރަކު ހައްޔަރު ކުރަން މަގުފަހި ކުރުން ކަމަށެވެ. އަދި އެކަމުގައި ފޮރުވިފައި ވަނީ ދީނީ އިލްމުވެރިންގެ އަޑު ކަނޑުވާލުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ އަމާޒު ހުރީ ލާދީނީ ފިކުރަށް ޖާގަ ހޯދަން ކަމަށެވެ.

"މިކަމުގައި ފޮރުވިފައިވާ ބޭނުމަކީ ދީނީ އިލްމުވެރިންގެ އަޑު ކަނޑުވާލާ، ލާދީނީ ފިކުރަށް ޖާގަ ހޯދުން.. އެމީހުންގެ ބަހުން ނަމަ 'މިނިވަން ފިކުރަށް' ފުރުސަތު ދިނުން." އަބްދުއްރަހީމް ވިދާޅުވިއެވެ.

މިކަމުގައި ފޮރުވިފައިވާ ބޭނުމަކީ ދީނީ އިލްމުވެރިންގެ އަޑު ކަނޑުވާލާ، ލާދީނީ ފިކުރަށް ޖާގަ ހޯދުން،
އަބްދުއްރަހީމް އަބްދުﷲ | ކޮންގްރެސްގެ ރައީސް

ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި، ކުށް ކުރާ މީހާ ނޫން އެހެން މީހަކަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަ ކަމުން މީހަކު ރަހީނުކޮށް ފޮރުވުމާއި، މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި ފަސިންޖަރުން ނޫނީ މުދާ އުފުލާ އުޅަނދެއް ހައިޖެކް ކުރުން ހިމެނެ އެވެ.

ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތެއް ނުރައްކަލެއް ކުރިމަތި ކުރުމުގެ އިތުރުން އުމްރާނީ ވަސީލަތަކަށް ގެއްލުން ދިނުމާއި އާންމު އަސާސީ ހިދުމަތެއް ގަސްދުގައި މެދުކަނޑާލުން ވެސް ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވެ އެވެ. ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާ ކުރަނިވި މާއްދާ ހިމެނޭ އެއްޗެއް އުފެއްދުމާއި އެ ތަކެތީގެ ވިޔަފާރި ކުރުމަކީ ވެސް ޓެރަރިޒަމް ކުށެކެވެ.

ޓެރަރިޒަމް ކުށްތަކުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވާ ކުށްތަކުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލުގައި ބަންދު ކުރުން ކަމަށް ބިލުގައިވެ އެވެ.

އެ ކުށްތަކަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރުކޮށް އަދި 48 ގަޑިއިރު ވަންދެން ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ދޭ ގޮތަށް ވަނީ ކަނޑައަޅާފަ އެވެ. އަދި ކޯޓު އަމުރެއް ނެތި ޓެރަރިޒަމްގެ އެފަދަ ބޮޑެތި ކުށްތަކަށް ތުހުމަތު ކުރެވޭ މީހާއާއި އޭނާއާ ގުޅުން ހުރި ތަންތަނަށް ވަދެ ބަލައި ފާސް ކުރުމުގެ ބާރު ވެސް ފުލުހުންނަށް ލިބޭ ކަމަށް ބިލުގައިވެ އެވެ.

ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތެއްގައި ހައްޔަރު ކުރެވޭ މީހުންނަށް ގާނޫނު އަސާސީގައިވާ ހަނު ހުރުމުގެ ހައްގެއް ނުލިބޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.

މީގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމަށް ގޮވާލުމާއި އެފަދަ ޖަމާއަތަށް ތާއީދުކޮށް ހިޔާލު ފާޅު ކުރުން ފަދަ ކަންކަން ވެސް ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ބިލުގައި ހިމަނައިފަ އެވެ.