ހަބަރު

އިސްލާހު ގެންނަނީ ހަގީގީ ޓެރަރިސްޓުން ހައްޔަރު ކުރަން: މަހުލޫފު

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަނީ ހަގީގީ ޓެރަރިސްޓުން ހައްޔަރު ކުރަން ކަމަށް ޔޫތު މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ، ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަނީ މީހުުން ހައްޔަރު ކުރަން ކަމަށް ކޮންގްރެސްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމާ ގުޅިގެނެވެ. މިނިސްޓަރު ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަނީ، ހަގީގީ ޓެރަރިސްޓުން ހައްޔަރު ކުރާށެވެ.

އޭނާ އަދި ވިދާޅުވީ ގާނޫނު އިސްލާހު ކުރަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ގާނޫނުން ބޭރުން ސިޔާސީ މީހުން ޓެރަރިސްޓުންނަށް ހަދާ، އެންމެން ޖަލަށްލާ ދައުވާކޮށް ހެދި ގޮތަށް ކަންކަން ކުރަން ނޫން ކަމަށެވެ.

ޓެރަރިޒަމް ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކާމެދު ކަންބޮޑުވުން ފާޅު ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އެ ގާނޫނަށް އިސްލާހު ގެންނަނީ ބޭނުން މީހަކު، ބޭނުން އިރަކު ހައްޔަރު ކުރަން ކަމަށެވެ. އަދި އެކަމުގައި ފޮރުވިފައި ވަނީ ދީނީ އިލްމުވެރިންގެ އަޑު ކަނޑުވާލުން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ އަމާޒު ހުރީ ލާދީނީ ފިކުރަށް ޖާގަ ހޯދަން ކަމަށެވެ.

"މިކަމުގައި ފޮރުވިފައިވާ ބޭނުމަކީ ދީނީ އިލްމުވެރިންގެ އަޑު ކަނޑުވާލައި ލާދީނީ ފިކުރަށް ޖާގަ ހޯދުން... އެމީހުންގެ ބަހުން ނަމަ 'މިނިވަން ފިކުރަށް' ފުރުސަތު ދިނުން." އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީން ވެސް ރޭ ވަނީ، ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނާތީ އެކަމުގެ ނިޔަތާމެދު ސުވާލު އުފައްދަވާފަ އެވެ. ވިދާޅުވީ އެ އިސްލާހަކީ ނާމާންކަމުގެ ބިރުވެރި ރަނގަބީލެއްގެ އަޑު ކަމަށެވެ.