ޖައްވަށް ސިފައިން ފޮނުވައިގެން ހިމާޔަތް ކުރަން ޖެހޭ އެއްޗެއް ހުރެދާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. އެހެން ކަމުން މިއީ ކުރާ ބޭކާރު ހަރަދެއް ކަމެއް މީހުން ބުނެ އެވެ. އެކަމަކު ހުރިހާ ސިއްރުތަކެއް އެކުލެވިފައިވަނީ ޖައްވުގައި ހުންނަ ސެޓްލައިޓު ތަކާއި ރާޑަރުތަކުގަ އެވެ. ގައުމުތަކުގެ އަސްކަރީ ސިއްރުތަކާއި އެ ނޫނަސް ގައުމުތަކުގެ ސަލާމަތަށް ނުރައްކާތެރި އެތަކެއް ސިއްރު މައުލޫމާތެއް ސެޓްލައިޓު ތަކުގައި ރައްކާ ކޮށްފައި ހުރެ އެވެ. ސެޓްލައިޓުގައި މައުލޫމާތެއް ނެތް ނަމަވެސް އިންޓަނެޓް ކަނެކްޝަން ފޯރުކޮށް ދިނުމަށް ބޭނުންކުރާ ސެޓްލައިޓުތަކުގެ އެހީގައި ކޮމްޕިއުޓަރުގައި ހުންނަ މައުލޫމާތު ލިބެން ހުންނާނެ އެވެ.
ސިއްރު މައުލޫމާތު ހެކަރުންގެ އަތްދަށަށް ހިނގައިދާނެތީ ޕޮލެންޑުގެ ޑިފެންސް މިނިސްޓްރީން ވަނީ ކަންބޮނޑުވުން ފާޅުކޮށްފަ އެވެ. އެއީ އެ ގައުމުގެ އަސްކަރީ މައުލޫމާތުގެ އިތުރުން އެ ގައުމުން ހިންގާ ބައެއް ސިއްރު ވިޔަފާރިތަކުގެ ޑާޓާ ވެސް ސެޓްލައިޓުގެ މެމޮރީއަށް އަޅާފައިވާތީ އެވެ. މީގެ އިތުރުން ޕޮލެންޑަކީ ނޯތް އެޓްލާންޓިކް ޓްރީޓް އޯގަނިޒޭޝަން (ނޭޓޯ) ގެ މެމްބަރަކަށް ވުމުން، އެ ގައުމުގެ ސެޓްލައިޓުތަކުގައި ހުރި މައުލޫމާތު ހެކަރުންނަށް ލިބިއްޖެއްޔާ ނޭޓޯގެ ގިނަ ގައުމުތަކުން ބިރުވެރިކަމާ ކުރިމަތިލާން ޖެހޭނެތީ އެވެ.
ޕޮލެންޑުން އިތުރަށް ކަންބޮނޑުވަނީ އެ ގައުމުގެ ސެޓްލައިޓުތަކަކީ އޭޝިއާގެ ބައްރުގެ ގިނަ ގައުމުތަކަށް އިންޓެނެޓުގެ ހިދުމަތް ފޯރުކޮށްދޭ ވަސީލަތްތަކަށްވާއިރު އެ ގައުމުތަކުގެ މައުލޫމާތު ލީކުވެދާނެތީ އެވެ.
"އަޅުގަނޑުމެން އެންމަނަށް އެނގޭ އެންމެ ސެޓްލައިޓެއް ހެކްކޮށްފި ނަމަވެސް، ގިނަ ގައުމުތަށް ހުއްޓުމަކަށް އަންނާނެކަން، މިއީ ކަންބޮނޑުވާން ޖެހޭ ވަރުގެ ކަމެއް، މި ޒަމާނުގައި ސެޓްލައިޓު ހެކްކުރެ ވޭނެ، މިކަމާ ކުރިން އެއްވެސް ގައުމަކުން ފުންކޮށް ވިސާނާފައި ނުވާތީ ހިތާމަ ކުރަން، ޕޮލެންޑު ވެސް ހިމެނޭ ގޮތަށް، ޕޮލެންޑުން އެގައުމުގެ ސެޓްލައިޓުތަކާއި ރާޑަރުތަށް ސަލާމަތް ކުރާނެ" ޕޮލެންޑުގެ ޑިފެންސް މިނިސްޓަރު މަރިއުޒް ބްލާސްޒަކް ވިދާޅުވި އެވެ.
ގްރީ މެކްކިނޯން ކިޔާ އެމެރިކާ މީހަކު ވަނީ 1966 ވަނަ އަހަރުގެ ފެބްރުއަރީ މަހު މުޅި ނާސާގެ ކޮމްޕިއުޓަރުތަކާއި ސެޓްލައިޓުތަކުގެ އިތުރުން ނާސާގެ ރާޑަރުތަކެއް ހެކްކޮށް ނާސާގެ ސިއްރު މައުލޫމާތުތަކެއް އާންމުކޮށްފަ އެވެ. އަނެއްކާވެސް މިފަދަ ސައިބާ ހަމާލެއް އަތުވެދާނެތީ ޕޮލެންޑުން ތައްޔާރުވަމުން ދަނީ އެމީހުންގެ އަމިއްލަ ސައިބާ ސެކިއުރެޓީ ސްޓޭޝަނެއް ޖައްވުގައި އަޅައި ސައިބާ ސިފައިން ފޮނުވާށެވެ.
މަރިއުޒް ބްލާސްޒަކް ވިދާޅުވީ، 2024 ވަނަ އަހަރަށް ޖައްވަށް 2000 ސިފައިން ފޮނުވާނެ ކަމަށެވެ. އަދި އެމީހުން ފޮނުވާނީ ހުރިހާ ތަމްރީނުތަކެއް ވެސް ދީފައި ކަމަށެވެ. އެގޮތުން ސިފައިން ކުރަން ޖެހޭނެ މަސައްކަތަކީ ޕޮލެންޑުގެ ސެޓްލައިޓުތަކާއި ރާޑަރުތަކުގައި ހުރި ސިއްރު މައުލޫމާތުތައް ނަގައި ނޮން އިލެންޓްރޯނިކް ޗިޕަކަށް ޖަމާ ކުރުމެވެ.
އެފަދަ ޗިޕެއް ހެކް ނުކުރެވޭނެ އެެވެ. އަދި ޗިޕް ހައި ސެކިއުރެޓީގައި ރައްކާކޮށްފައި ބާއްވާނީ ޖައްވުގައި އަޅާ ސައިބާ ސެކިއުރެޓީ ސްޓޭޝަންގަ އެވެ. އޭރުން ޓެރަރިސްޓް ހަމާލާތަކުން ވެސް ޗިޕް ރައްކާ ކުރެވޭނެ އެވެ.
ޕޮލެންޑަކީ ދުނިޔޭގެ އެހެން ގައުމުތަކާ ބަލާއިރު އައިޓީ ދާއިރާއިން ތަމްރީނުވެފައިވާ މީހުންގެ އަދަދު ދަށް ގައުމެކެވެ. އެހެން ކަމުން ޕޮލެންޑުން މިހާރު ވެސް "ދަ ހެކްޔޭ ހެކްތަން" ކިޔާ ކުންފުންޏަކާ ގުޅިގެން ޖައްވުގައި ހުރި އެ ގައުމުތަކުގެ މުދާ ރައްކާ ކުރާނެ ގޮތްތަކާއި ސައިބާ ސިފައިން ތަމްރީނު ކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރަމުންނެވެ.