ހަބަރު

އިސްކަންދަރުގެ އެންމެ މޮޅު ދަރިވަރަކަށް ރަފާ

އިސްކަންދަރު ސްކޫލްގެ މިދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އައިޝަތު ރަފާ ނާޒިމް ހޮވައިފި އެވެ.
އެ ސްކޫލުގައި ބޭއްވި އިނާމު ދިނުމުގެ ޖަލްސާގައި، އެންމެ މޮޅު ދަރިވަރަށް އިނާމު ހަވާލު ކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އިސްކަންދަރު ސްކޫލުން ދެވަނަ އަށް ދިޔައީ އީމާ އަލީ ފިރާގެވެ. އައިޝަތު އަނާ އަހުމަދަށް ތިން ވަނަ ލިބުން އިރު ހުރިހާ ދަރިވަރުންނަށް ވެސް އިސްކަންދަރު ސްކޫލާއި އެޑިއުކޭޝަނުން ދޭ އިނާމު ވަނީ ހަވާލު ކޮށްފަ އެވެ.

އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން، އިމްރާން އަބްދުﷲ ވިދާޅުވީ ކޮންމެ މީހެއްގެ ވެސް ކާމިޔާބީގެ އަސްލަކީ އިލްމާއި ހުނަރު ކަމަށެވެ. އަދި އިންސާނީ މުޖުތަމައުގެ ވެސް އެންމެ މަތިވެރި އެއްޗަކީ އިލްމު ކަމަށެވެ.

"ކޮންމެ ކަމެއްވެސް ކާމިޔާބު ކުރެވޭނީ އޭނާއަށް ލިބިފައި ހުންނަ އިލްމެއް ނުވަތަ ހުނަރެއް ބޭނުން ކޮށްގެން. އެންމެ މަތިވެރި އެއްޗަކީ އިލްމު. އެހެން މީހުން ނުދަންނަ ކަންކަން ދަތުން. އެހެން މީހުންނަށް ނުހޯދޭ އެއްޗެހި ހޯދުން. އެހެން މީހުންނަށް ނޭނގޭ ހުނަރު އެނގުން،"

އިތުރަށް ވިދާޅުވީ، އިންސާނެއްގެ އުނގެނުމާއި ދަސްކުރުމުގެ އެންމެ ބޮޑު ހުރަހަކީ، މޮޅު ކުއްޖަކަށްވާ ހިސާބުން އަނެކުންނާ ދޭތެރޭ ނިކަމެތިކޮށް ހިތުން ކަމަށެވެ. އިލްމު ލިބޭ ވަރަކަށް ހިތް ތިރި ވާން ޖެހޭނެ ކަމަށާއި އަނެކުންނާ ދޭތެރޭ އޯގާތެރިވެ އަޅާލަން ޖެހޭނެ ކަމަށެވެ.

"އިންސާނަކަށް އިލްމު ދެއްވުމުން އަދި އިލްމުގެ މައްޗަށް ބިނާކޮށް އޭނާއަށް މަގާމާއި މަތިވެރި ޝަރަފު ދެއްވުމުން، އޭގެ މަައްޗަށް ބިނާކޮށް އޭނާއަށް ތަނަވަސްކަން ދެއްވުމުން ވަރަށް ނުބައި ހިސާބަކަށް ދަތުރު ކުރޭ. އެއީ، އޭނާގެ މޮޅު ކަމާއި ތަނަވަސްކަމާއި ޝަރަފު ފެނިފައި ބޮޑާވެ ކިބުރުވެރި މީހަކަށް ވުން. އިލްމެއް ލިބޭ ވަރަކަށް ދަސްކުރަންޖެހޭ އެންމެ މުހިއްމު ސިފަ އަކީ ތިމާއާ ޖެހިގެން ހުންނަ މީހާއަށް އަޅާލުން. އެ މަތިވެރި ސިފަ އެންމެން ދަސް ކުރަން ޖެހޭ" މިނިސްޓަރު ވިދާޅުވި އެވެ.

އިސްކަންދަރު ސްކޫލުން އެއްވަނަ ހާސިލް ކުރި ދަރިވަރު، ރަފާ ވަނީ ރަސްމިއްޔާތުގައި ބައިވެރިވި ދަރިވަރުންނަށް މެސެޖެއް ދީފަ އެެވެ. ރަފާގެ މެސެޖުގައި ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވުމުގެ މުހިއްމު ކަން ބުނެދީ ކާމިޔާބީ އަކީ މަސައްކަތް ކޮށްގެން ލިބޭނެ އެއްޗެއް ކަން ބުނެދިނެވެ.

ރަފާ ވަނީ މިދިޔަ އަހަރު ބޭއްވި ސާނަވީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނި އިނގިރޭސި މާއްދާއިން ދުނިޔޭގެ ގަދަ 10 އެއްގައި ވެސް ހިމެނިފަ އެވެ. އަދި، 2017 ވަނަ އަހަރު އިސްކަންދަރު ސްކޫލުގެ ޑެޕިއުޓީ ކެޕްޓަން ކަމާއި މިދިޔަ އަހަރު އެކްޓިވިޓީސް ކެޕްޓަންގެ މަގާމުވެސް ހާސިލް ކުރި އެވެ.