ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވެލި މަޑުކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނިކޮށް، ސަރުކާރުގައި ލަސް ކަމެއް އުޅޭހެން ހީވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރައްވަން މިރޭ އަހުމަދިއްޔާ ސުކޫލުގައި ބޭއްވި ބައްދަލުވުމުގައި ދާއިރާގެ އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މީގެ ކުރިން ރައީސް ނަޝީދު ވަނީ ސަރުކާރުގެ ދުވެލި ރަނގަޅު ކަމަށް ތަކުރާރުކޮށް އެތައް ފަހަރަކު ވިދާޅުވެފަ އެވެ.
ނަޝީދުގެ ދާއިރާއަށް ނިސްބަތްވާ އާންމުންގެ މީހަކު ވަނީ ރައީސް ނަޝީދާއެކު ރައްޔިތުންގެ މަޖިލީހުގެ ހިންގުން ވަރަށް ބޮޑަށް ހަލުވިވެފައިވާ ކަން ފާހަގަ ކޮށްފަ އެވެ. އަދި މަޖިލީސް ހިނގާގޮތަށް ސަރުކާރު ހިނގަން ފަށާނީ ކޮން ދުވަހަކުތޯ ވެސް އޭނާ ވަނީ ސުވާލު ކުރި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ރަނގަޅު ވިސްނުންތަކެއް ގެންގުޅޭ ކަމަށެވެ. އަދި ކުރިއަށް ހުރީ ރަނގަޅު މަސައްކަތްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ލަސް ކަމެއް އުޅޭކަމަށް އެމަނިކުފާނަށް ވެސް ހީފުޅުވާ ކަމަށާއި އުންމީދަކީ ކުރިއަށް އޮތް މަސްތަކުގައި އެކަަމަށް ހައްލެއް އައިސް ސަރުކާރުގެ ދުވެލި ރަނގަޅުވެގެން ދިއުން ކަމަށެވެ.
ރައީސް ނަޝީދު މިރޭ ވަނީ ސަރުކާރެއްގެ ދުވެލި ހަލުއިވާނެ ބައެއް ސަބަބުތައް ވެސް ވިދާޅުވެ ދެއްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ހުރިހާ ވުޒާރާތަކަކުން ވެސް ގުޅިގެން ބާރަށް މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އަދި ކަންކަން ނުކުރެވި ލަސްވުމުގައި ފަރުވާކުޑަވުމާއި، އިހުމާލުވުން ވެސް ހިމެނޭ ކަމަށެވެ.
"އުއްމީދު ކޮށްގެން މިހުންނަނީ ކުރިޔަށް އޮތް މަސްތަކުގައި ތަންކޮޅެއް ދެން ދުވެލި ބާރުވާނެ ކަމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުުރުން މަޖިލީހުގެ ބައެއް މަސައްކަތްތަކުގެ މައުލޫމާތު ވެސް ރައީސް ނަޝީދު ވަނީ ދާއިރާގެ ރައްޔިތުންނާ ހިއްސާ ކުރައްވާފަ އެވެ. އެގޮތުން ޓެރަރިޒަމްގެ ގާނޫނަށް ގެންނަން ހުށައަޅާފައިވާ އިސްލާހުގެ ބިލްގެ މުހިންމުކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
އަދި އެ ބިލް އަވަހަށް ފާސް ކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ. ވިދާޅުވީ ޓެރަރިޒަމްގެ ގާނޫންގެ ދަށުން އެންމެ ފުރަތަމަ ދައުވާ ކުރެވުނު އެކަކީވެސް އެމަނިކުފާނު ކަމަށެވެ. އަދި ޓެރަރިޒަމްގެ ގާނޫނަށް ބަދަލު ގެންނަ ކޮންމެ ފަހަރަކު އެމަނިކުފާނަށް ދެރަ ގޮތްތަކެއް މެދުވެރިކޮށްފައިވާ ކަމަށެވެ. އެހެންކަމުން ޓެރަރިޒަމްގެ ގާނޫނަށް މިހާރު ސަރުކާރުން ހުށައަޅާފައިވާ އިސްލާހުތަކާއެކު އެ ބިލް އިންތިހާއަށް މުހިންމު ކަމަށެވެ.