ހުނުމަކީ ސިއްހަތަށް ރަނގަޅު ކަމެއްކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ. ހުނުމުން ޖޮގިން ކުރުމުން ލިބޭ ފަދަ ފައިދާތައް އިންސާނާގެ އެތެރެހައްޓަށް ލިބޭ ކަމަށް ވެއެވެ. އަދި ހުނުމުން މޫނުމަތީގެ މަސް ފަށަލަތަކުގެ ފަންކްޝަން ވެސް ރަނގަޅުވެ އެވެ. ނަމަވެސް ހޭން ޖެހޭނީ ވެސް ވަރަށް މިންވަރަކަށެވެ. އެއްވެސް ކޮންޓްރޯލެއް ނެތި ބާރުބާރަށް ހޭން ވެއްޖެނަމަ އިތުރު މައްސަލަތަކާ ކުރިމަތިވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ޗައިނާގެ އަންހެނަކަށް ވެސް މާ ބާރަށް ހޭން ހަދައިގެން ދާދިފަހުން ވަނީ ވަރަށް ބޮޑު މައްސަލައެއް ދިމާވެފަ އެވެ. މި ވާހަކަ ކިޔާފައި ވެސް ބައެއް މީހުންނަށް ވަރަށް ބާރަށް ހެވޭނެކަން ޔަގީނެވެ. ރޭލެއްގައި ދަތުރު ކުރަމުން ދިޔަ މި އަންހެންމީހާ ކުއްލިއަކަށް މާ ގަދަޔަށް ހީނގަތުމުން އޭނާގެ ކޯ ކަށިގަނޑު ނެއްޓުމުގެ ސަބަބުން އަނގަ ތަންމިނަށް ހުޅުވި ނުލެއްޕެން މެދުވެރިވި އެވެ. މި އަންހެންމީހާގެ އަނގަ ތަންމިނަށް ހުޅުވިފައިވާ ފޮޓޮއެއް މި ޚަބަރާއެކު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މި ޚަބަރުގައިވާ ގޮތުން ރޭލެއްގައި ދަތުރު ކުރަމުންދިޔަ އެ އަންހެންމީހާ އެތައް އިރެއް ވަންދެން ބާރު ބާރަށް ހެމުންދިޔަތަން އެ ރޭލުގައި ތިބި އެހެން ފަސިންޖަރުންނަށް ވެސް ފާހަގަ ކުރެވުނެވެ. އަދި ކުއްލިއަކަށް މި މީހާގެ ކޯ ކަށިގަނޑު ނެއްޓިގެން އަނގަ ނުލެއްޕުމުން އިމަންޖެންސީކޮށް ޑޮކްޓަރެއްގެ އެހީތެރި ކަމަށް އެދި އެ ރޭލުން އިއުލާން ކުރި އެވެ. ޑރ. ލުއޯ ވެންޝެންގް ރޭލަށް އަރައި އެ މީހާއަށް ވަގުތުން ފަރުވާ ދޭން ފެށި އެވެ.
"ރޭލުން ފޮނުވި އެނައުންސްމަންޓް އަޑު އިވިގެން އަހަރެން އެ މީހާއަށް އެހީތެރިވާން ދިޔައިން. އޭރު އޭނަގެ އަނގަ ހުރީ ވަރަށް ބޮޑަށް ހުޅުވިފައި. އޭނާއަކަށް ވާހަކައެއް ނުދެއްކޭ. އަދި އަނގައެއް ނުވެސް ލެއްޕުނު،" ޑޮކްޓަރު ވިދާޅުވި އެވެ.
ޑޮކްޓަރުގެ މަސައްކަތުން އެމީހާގެ ކޯ ކަށިގަނޑު އަލުން އަޅުވާދިނެވެ. ޑޮކްޓަރު ވިދާޅުވީ ކޯކަށިގަނޑު ނެއްޓުމަކީ މި އަންހެންމީހާ އަށް ކުރިން ވެސް ދިމާވެފައިވާ މައްސަލައެއް ކަމަށެވެ. އެމީހާ ބަލިވެ އިނދެ މާގިނައިން ހޮޑުލެވުނުއިރު ކޯކަށިގަނޑު ނެއްޓިފައިވާ ކަމަށެވެ. އެއް ފަހަރު ވެސް ކޯކަށިގަނޑު ނެއްޓިފައިވާނަމަ އާފުރުން، ހުނުން ފަދަ ކަމެއް ކުރާ ވަގުތެއްގައި ވެސް އަލުން ނެއްޓުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
މި އަންހެންމީހާ އެހާ ބާރަށް ހުނީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.