އޮފްބީޓް

މީހެއްގެ ބޮލަށް ހެރުނު ވަޅި ނެގުނީ 26 އަހަރު ފަހުން

ޗައިނާގެ މީހެއްގެ ބޮލަށް ވަޅިއެއް ހެރުނުތާ 26 އަހަރު ފަހުން އެ ވަޅި ނަގައިފި އެވެ. މުޅިން ދަބަށްވެފައިވާ މި ވަޅި މިމަހު ތެރޭ ނަގާދިނީ ޗައިނާގެ ޑޮކްޓަރުންގެ ޓީމަކުންނެވެ.

ޑުއޯރިޖީ، 76، ނަމަކަށް ކިޔާ މި މީހާ އަކީ ދަނޑުވެރިއެކެވެ. އޭނާ 1994 ވަނަ އަހަރުގެ ދުވަހަކު ދަނޑުގައި މަސައްކަތް ކުރަނިކޮށް ބަޔަކު އޭނާއަށް ހަމަލާ ދިނެވެ. އަދި ބޮލަށް ހަތަރު އިންޗި ތިލައެއް ހުރި ބޮޑު ވަޅިއެއް ހަރާލި އެވެ. ނަމަވެސް އޭނާ ދިރިއުޅޭ ހިސާބުގައި ހޮސްޕިޓަލުތައް މަދުވެފައި ވަސީލަތްތައް ނެތުމުން ޑުއޯރިޖީއަށް ބޮލަށް ހެރިފައިވާ ވަޅި ނެގޭ ގޮތެއް ނުވި އެވެ. އޭރު ޑޮކްޓަރުން ބުނެފައިވަނީ އެ ވަޅި ނަގަން އުޅުމަކީ ޑުއޯރިޖީގެ ފުރާނައަށް ނުރައްކާވާނެ ކަމެއް ކަމަށެވެ.

ވަޅި ހެރިފައިވީ ނަމަވެސް އެތައް އަހަރެއް ވަންދެން ޑުއޯރިޖީ ހަމަ އާދައިގެ ދިރިއުޅުމެއް އުޅެފައި ވެއެވެ. ނަމަވެސް 2012 ގައި އޭނާގެ ބޮލުގައި ވަރަށް ގަދަޔަށް ރިއްސަން ފެށި އެވެ. އެންމެ ފަހުން އެ ވަޅި ނަގަން އޮޕަރޭޝަން ކޮށްފައިވަނީ ޗައިނާގެ ޝެންޑޮންގް ކިއަންފޮޝަން ހޮސްޕިޓަލުގަ އެވެ. މި ސާޖަރީ ހެދި ޑޮކްޓަރުންގެ ޓީމުން ޑުއޯރިޖީގެ ސިފަކުރަނީ "މިރަކްލް" އެއް ފަދަ ކަމެއްގެ ގޮތުގަ އެވެ.

މިހިނގާ އެޕްރީލް މަހުގެ 2 އަދި 8 ވަނަ ދުވަހު ޑުއޯރިޖީގެ ބޮލަށް ހެރިފައިވާ ވަޅި ނަގަން ދެ ސާޖަރީއެއް ހަދާފައި ވެއެވެ.
ޑުއޯރިޖީގެ ބޮލަށް ހެރިފައިވާ ވަޅި ނެގުމުގެ ފުރުސަތު އޭނާއަށް ލިބުނީ ޗައިނާގެ ޑޮކްޓަރުންގެ ޓީމަކުން އޭނާ އުޅޭ ފަގީރު އަވަށްގަނޑަށް ކުރި ޒިޔާރަތެއްގައި އިއްތިފާގަކުން ޑޫއޯރިޖީ އާ ބައްދަލުވުމުގެ ސަބަބުންނެވެ. ޑޮކްޓަރުންގެ ޓީމުން ވަނީ ޑުއޯރިޖީ ގޮވައިގެން 1860 މޭލު ދިގު ދަތުރެއްކޮށް އެ ޓީމު މަސައްކަތްކުރާ ހޮސްޕިޓަލަށް ގެންގޮސް އޭނާގެ ބޮލުގެ ސާޖަރީ ހަދައި ވަޅި ނަގައިދީފަ އެވެ.

ޑުއޯރިޖީ މި ހާލުގައި އުޅެނިކޮށް ފެނުނު ޑޮކްޓަރުންގެ ޓީމުގައި ހިމެނޭ ޑރ.ޒަންގް ޝޫޒިއަންގް ވިދާޅުވީ އެ ޓީމަށް ޑުއޯރިޖީއާ ބައްދަލުވީ ކިންގާއީ ކިޔާ އަވަށަކަށް އެ ޓީމުން ކުރި ޒިޔާރަތެއްގައިކަމަށާއި އެ ސަރަހައްދުގައި ހުރި ހޮސްޕިޓަލުގެ ޑޮކްޓަރުން ޑުއޯރިޖީ އަށް މިހާތަނަށް ދެމުން އައިސްފައިވަނީ ހަމަ އެކަނި ތަދުކަނޑުވާ ބޭސް ކަމަށެވެ.

ބޮލުގައި ވަޅި އިންނަތާ ގިނަ އަހަރުތަކެއް ވުމުގެ ސަބަބުން ޑުއޯރިޖީގެ ހާލަތު ގޯސްވަމުން އަންނާތީ އޭނާ ގެނެސް ސާޖަރީ ހަދައިދޭން ނިންމީ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ސާޖަރީ ހެދިއިރު ޑުއޯރިޖީގެ ލޮލުގެ ފެނުމަށް ވެސް ގެއްލުންވެ އެއް ލޮލަށް ފެންނަނީ ވެސް ކިރިޔަ ކިރިޔާ އެވެ. އަދި އޭނާގެ ވާތު ފަޔާއި އަތް ވެސް ވާގި ނެތެން ފަށާފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. ސާޖަރީގެ ކުރިން ހެދި ސްކޭން ތަކުން ދައްކާފައިވަނީ ވަޅި ހެރިފައިވަނީ ޑުއޯރިޖީގެ ނާށިގަނޑުގެ ތެރެއިން ގޮސް އޭނާގެ ލޮލުގެ ސޮކެޓަށެވެ. އަދި އޭގެ ސަބަބުން އޮޕްޓިކް ނާވް ފިތެމުން ދިޔަ އެވެ. އެހެންވެ ޑުއޯރިޖީގެ ވޭންތަކަށް ލުއި ލިބެން އަންނަނީ ވަޅި ނަގައިގެން ކަން ޑޮކްޓަރުންގެ ޓީމަށް ޔަގީންވުމުން ސާޖަރީ ހަދައިދޭން ނިންމީ އެވެ.

ފުރަތަމަ ސާޖަރީ ހެދީ އޭޕްރީލް 2 ވަނަ ދުވަހު އެވެ. އެ ދުވަހު ޑުއޯރިޖީގެ ބޮލަށް ހެރިފައި އިން ދަބަރުޖަހާ ގިރިފައި އިން ވަޅި ނެގީ އެވެ. އަނެއްކާ އެޕްރީލް 8 ގައި ދެ ވަނަ ސާޖަރީއެއް ހަދައި ވަޅި ހެރިފައި އިންތަނުގައިވާ ޒަޚަމް ސާފުކުރީ އެވެ.
ސާޖަރީއަށް ފަހު ޑުއޯރިޖީގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި މިހާރު ކުރިން ނުފެންނަ ލޮލަށް ވެސް ރަނގަޅަށް ފެންނަ ކަމަށާއި ބޮލުގައި ހުރި ވޭން ގޮސް އަމިއްލައަށް ހިނގާބިނގާވެ އުޅެވޭ ކަމަށް ވެސް ޑޮކްޓަރުންގެ ޓީމުން ބުނެފައި ވެއެވެ.

ޑުއޯރިޖީ ބުނީ ވަޅި ހެރުނުފަހުން އޭނާއަށް ހީނ، އާފުރި އަދި ކެއްސާ ނުހެދޭ ކަމަށާއި މިހާރު އެ ހުރިހާ ކަމެއް ވެސް ކުރެވޭ ކަމަށާއި ޑޮކްޓަރުން އޭނާއަށް މުޅިން ދިރިއުޅުމުގެ ދެ ވަނަ ފުރުސަތެއް ހޯދާދީފައިވާކަމަށް ގަބޫލު ކުރާ ކަމަށެވެ.