ސޮނާކްޝީ ސިންހާ އަކީ ފިލްމީ ތަރިއެއްގެ ދަރިއެއް ނަމަވެސް އޭނާގެ އުޅުން އެހެން ސްޓާ ކިޑުންނާ ތަފާތެވެ. ފިލްމު ކުޅެން ފެށުމުގެ ކުރިއްސުރެ ވެސް ސޮނާކްޝީ އުޅުނީ ބަރުދަނަށް ވެސް ބެލުމެއް ނެތި އަދި ޒީނަތްތެރިވުމަށް ވެސް މާ އެދެވޭ މަސައްކަތެއް ނުކޮށެވެ. ނަތީޖާއަކަށްވީ ސްކޫލުންނާއި ބޮލީވުޑުން ވެސް އޭނާއަށް މަލާމާތާއި ހަނގާ ކުރުމާ ކުރިމަތިވުމެވެ.
ސޮނާކްޝީ ބުނީ ސްކޫލްގައި އޭނާއަށް ބުލީ ކުރުމުގެ މައްސަލަތައް ވަރަށް ދިމާވި އެވެ. އަދި ކުޅިވަރުތަކުގައި ބައިވެރިވިޔަސް އެއްވެސް ކުޅިވަރެއްގައި މާ ބޮޑަށް ބައިވެރިއެއް ނުކުރެ އެވެ. އަދި ކެރިއަރުގެ ކުރީކޮޅު ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވެސް ވަރަށް މަލާމާތް ކުރި ކަމަށް ސޮނާކްޝީ ބުނެ އެވެ.
ސޮނާކްޝީ، 32، ބުނީ ކުޑައިރު އޭނާ ވަރަށް ފަލަކަމަށާއި 95 ކިލޯ އޭރު ހުންނަ ކަމަށެވެ. އެހެންވެ ސްކޫލުގައި އުޅުނުއިރު ކުޅިވަރެއްގައި ބައިވެރިވިޔަސް ފިރިހެންކުދިން އޭނާއަށް މަލާމާތްކޮށް ތަފާތު ނަންނަމުން ގޮވާ ކަމަށެވެ.
މަލާމާތްކުރާ މީހުންނަށް ސޮނާކްޝީ ޖަވާބުދިނީ އަމިއްލަ ހަށިގަނޑަށް ގެނައި ބޮޑު ބަދަލުންނެވެ. ފުރަތަމަ ފިލްމު "ދަބަންގް" ކުޅުމަށްޓަކައި ސޮނާކްޝީ 30 ކިލޯ ލުއިކުރި އެވެ. އެހެން ނަމަވެސް ފިލްމު ރިލީޒްވުމާއެކު ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކާއި މީޑިއާ އިން ވަނީ އޭނާ ފަލަކަމުން މަލާމަތް ކޮށްފަ އެވެ.
ކިތަންމެ މަލާމާތް ކުރިޔަސް ގޮތް ދޫކުރާކަށް ސޮނާކްޝީ ބޭނުމެއް ނުވި އެވެ. އެހެންވެ އިތުރަށް ހިކެން މަސައްކަތްކޮށް މިހާރު އޭނާ ވަނީ ވަރަށް ބޮޑަށް ލޫޅާފަތިވެ މަލާމަތްކުރި މީހުންގެ އަނގަ ބަންދު ކުރުވާފަ އެވެ.
ސޮނާކްޝީގެ އެންމެ ފަހުން ރިލީޒްވި "މިޝަން މަންގަލް" ދަނީ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބެއް ހޯދަމުންނެވެ. އޭނަގެ ދެން އެންމެ އަވަހަށް ރިލިޒްވާނީ ސަލްމާން ޚާނާއެކު ކުޅޭ "ދަބަންގް 3" އެވެ. ޕްރަބޫ ދޭވާ ޑައިރެކްޓްކުރާ މި ފިލްމު އަންނަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ރިލިޒްކުރަން ވަނީ ހަމަޖެހިފަ އެވެ.