ބޮލީވުޑް

"ޑްރީމް ގާލް": ކޮންމެހެން ބަލަން ޖެހޭ!

އަޔޫޝްމާން ކުރާނާގެ "ޑްރީމް ގާލް" ހުކުރު ދުވަހު ވަނީ ރިލީޒް ކޮށްފަ އެވެ. މިހާތަނަށް ފިލްމު ބެލި ގިނަ މީހުން ބުނަނީ މިއީ ކޮންމެހެން ވެސް ބަލާލަން ޖެހޭ ފިލްމެއް ކަމަށެވެ. ރާޖް ޝާންޑިލިޔާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ ރިވިއުތަކުގައި ވެސް ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައި ވެއެވެ. ފިލްމު ބްލޮކްބަސްޓާއަކަށް ވާނެކަމަށް ގިނަ މީހުން ޔަގީން ކުރެ އެވެ.

ފިލްމުގެ ބަތަލު އަޔޫޝްމާން އަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ. އަދި މި ފަހަކަށް އައިސް އަޔޫޝްމާން އަށް ވުރެ މޮޅު، ރީތި ފިލްމުކުޅޭ އެހެން ބަތަލަކު ނެތް ކަމަށް ފިލްމަށް ތައުރީފުކުރި ބައެއް މީހުން ބުނެފައި ވެއެވެ.

ނުޝްރަތު ބަރޯޗާ ބަތަލާގެ ރޯލު ކުޅެފައިވާ "ޑްރީމް ގާލް"ގައި އަޔޫޝްމާން ކުޅެފައިވަނީ ޕޫޖާ ނަމަކަށް ކިޔާ އަންހެނެއްގެ ބައެވެ. މިއީ ވަރަށް ހެއްވާ މަޖާ އަދި މޮޅު ވާހަކައެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ.

ފިލްމު ބެލި މީހުން ކުރި ޓުވީޓްތަކުން ވެސް ފިލްމުގެ މޮޅުކަމާއި ބެލުންތެރިންނަށް ފިލްމު ކަމުގޮސްފައިވާ މިންވަރު ހާމަވެ އެވެ. އެތަނުން އެކަކު ބުނީ މިއީ ކޮންމެހެން ވެސް ބަލާލަން ޖެހޭ ފިލްމެއް ކަމަށެވެ. އަދި މި ފިލްމުގެ އަޔުޝްމާންގެ އެކްޓިން ވަރަށް މޮޅު ކަމަށެވެ.

ރޫހި ނަމަކަށް ކިޔާ މީހަކު ކުރި ޓުވީޓެއްގައި މި ފިލްމު ބްލޮކްބަސްޓާ ވާނެކަން ޔަގީންކަމަށް ބުނެފައި ވެއެވެ. އަދި ޕޫޖާގެ ރޯލު އޭނާ އަދާކޮށްފައިވާލެއް ފުރިހަމަކަން ފާހަގަ ކޮށްފައި ވެއެވެ.

ޓޯނީ ސްޓާކް ކިޔާ މީހެއްގެ ޓުވީޓްގައި ބުނެފައިވާ ގޮތުގައި އަޔުޝްމާން އާއި ރާޖް ކުމާރްގެ ފިލްމުތައް ބަލަން އެއްވެސް ފިކުރެއް ނެތި މިހާރު ދާން ނިންމައިފި ކަމަށެވެ. ސަބަބަކީ މި ދެ އެކްޓަރުންގެ ފިލްމުތައް މޮޅުވެފައި ރީތިކަން ޔަގީންވާތީ ކަމަށް އޭނާ ބުނެފައި ވެއެވެ.

އަޔޫޝްމާން ކުޅެފައިވާ ހުރިހާ ފިލްމުތަކެއްގެ ވެސް ސްކްރިޕްޓް ވަރަށް ތަފާތުވެފައި މޮޅުކަން މިހާރު އެންމެން ވެސް ގަބޫލު ކުރެ އެވެ. އޭނާގެ ފުރަތަމަ ފިލްމު "ވިކީ ޑޯނާ" އަކީ ވެސް ވަރަށް މޮޅު އަދި މީގެ ކުރިން އެއްވެސް މީހަކު ކުޅެފައިވާ ޒާތުގެ ފިލްމެއް ނޫނެވެ. އޭގެ ފަހުން ކުޅުނު "ބަރޭލީ ކީ ބަރްފީ"، "ދަމް ލަގާ ކޭ ހައިޝާ"، "ޝުބް މަންގަލް ސާވްދާން"، "ބަދާއި ހޯ"، "އަންދާދުން"، "އާޓީކަލް 15" ވެސް ތަފާތުވެފައި މޮޅެވެ. މި ފިލްމުތަކުގެ ތެރެއިން "އަންދާދުން" ކުޅެގެން ބެސްޓް އެކްޓަރުގެ ނެޝަނަލް އެވޯޑު އަޔުޝްމާނަށް ވަނީ ލިބިފަ އެވެ.