ހަބަރު

މަސްތުވާ ތަކެއްޗާއި ދެކޮޅު މަސައްކަތް ބަދަލުކޮށްލަންޖެހޭ: ޝިދާތާ

މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރަން ތަފާތު ވިސްނުމެއް ގެންގުޅެން ޖެހޭ ކަމަށާއި، އީޖާދުވަމުންދާ އާ ގޮތްތަކާ އެއްހަމައެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނޭޝަނަލް ޑްރަގް އޭޖެންސީން ބޭއްވި އޯޕަންޑޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝިދާތާ ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ތެދުވެ، މުޖުތަމައު ސަލާމަތް ކުރަން ދައުލަތާއި ޖަމުއިއްޔާ ޖަމާއަތްތަކުގެ ޝާމިލުވުމާއެކު މަސައްކަތް ކުރާ ކަމަށެވެ.

އަދި ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި ވިއްކުމުގެ މުއާމަލާތްތައް މުޖުތަމައުގައި ދެމިގެންދާ ކަމީ، އެ ވިޔަފާރި ކުރާ ފަރާތްތަކުން ގެންގުޅޭ ވައްޓަފާޅި ބަދަލުކޮށް، އެ ވިޔަފާރި ކުރުމަށް އާ ގޮތްތައް ހޯދަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ. އެހެން ކަމުން ހައްލު ކުރުމަށް ކުރާ މަސައްކަތުގައި ތަފާތު ވިސްނުމެއް ގެންގުޅެން ޖެހޭ ކަމަށެވެ.

އީޖާދުވަމުންދާ އާ ގޮތްތަކާ އެއްހަމައެއްގައި މަސައްކަތް ކާމިޔާބުކުރުމަށް ޓަކައި އާ ތަސައްވުރުތައް އެކުލަވައިލައި އާ ޕްލޭންތަކަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އެންމެ ފުރަތަމަ ކަމަކީ މަސްތުވާތަކެތީގެ ސަބަބުން ތިމާއާ މުޖުތަމައަށް ކުރާ އަސަރު ފަރުދުންނަށް ވިސްނޭނެ ގޮތަކަށް މަސައްކަތްތައް ބައްޓަންކުރުން ކަމަށް އެކަމަނާ ވިދާޅުވި އެވެ.