ރާއްޖޭގައި މިވަގުތު އޮތް އެންމެ ކާމިޔާބު ފިލްމު ކުންފުންޏަކީ ޑާކްރެއިން އެންޓަޓެއިންމަންޓޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އެ ކުންފުންޏަށް މިއަދު 13 އަހަރު ފުރިފައިވާއިރު ވޭތިވެދިޔަ އަހަރުތަކުގައި ބެލުންތެރިންގެ މެދުގައި މަގުބޫލުވެގެން ދިޔަ ވަރަށް ގިނަ އުފެއްދުންތައް ޑާކްރެއިންގެ ފަރާތުން ވަނީ ގެނެސްދީފަ އެވެ.
ވަރަށް ގިނަ ސަބަބުތަކާއެކު ޑާކްރެއިންއަކީ ގިނަ ގޮތްގޮތުން ފާހަގަކޮށްލެވޭ ވެސް ފިލްމު ކުންފުންޏެވެ. މިފަހުން އެންމެ ގިނަ ފިލްމު އުފެއްދި ސުޓޫޑިއޯއަކީ އެއީ އެވެ. ފިލްމީ ދާއިރާއިން އެންމެ ގިނަ ތަރިންނަށް ފުރުސަތު ހޯދައި ދިނީ ޑާކްރެއިންގެ ފިލްމުތަކެވެ. އިންޑަސްޓްރީއަށް ކޮންމެ ފިލްމަކުން އާ ތަރިން ދިޔައީ ނެރެދެމުންނެވެ. މިހާތަނަށް އެންމެ ގިނަ އެވޯޑް ހޯދި ފިލްމު ކުންފުންޏަކީ ވެސް ޑާކްރެއިނެވެ.
ދިވެހި ފިލްމީ އިންޑަސްޓްރީއަށް މުހިންމު ބަދަލުތައް ގެނައުމުގެ ފަހަތުގައި ވެސް ޑާކްރެއިން ކުޅެފައިވަނީ މުހިންމު ދައުރެކެވެ.
ޑާކްރެއިންގެ އުފެދުން
ޑާކްރެއިންގެ ބާނީއަކީ ކުޅަދާނަ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އެވެ. މޮގާއަކީ އޭނާގެ ޒުވާން ދުވަސްވަރުން ފެށިގެން ވެސް ފިލްމު އިންޑަސްޓްރީއަށް ޝައުގުވެރިކަން އޮތް މީހެކެވެ. ހާއްސަކޮށް އިންޑިއާގައި އޭނާ ކިޔަވަން ހުރި ދުވަސްވަރު ފިލްމީ އުފެއްދުންތައް ގެނައުމުގެ ޝައުގުވެރިކަން ދިޔައީ ބޮޑުވަމުންނެވެ.
މޮގާ އޭރުވެސް ގެންދިޔައީ ކުރު ފިލްމުތައް އުފައްދަމުންނެވެ. ބެލުންތެރިންނަށް އެ ފިލްމުތައް ނުފެނުނު ނަމަވެސް ގޭތެރެއިން ފިލްމަށް ލިބެމުންދިޔަ ތަރުހީބަކީ ދާއިރާގައި ކުރިއަރައިދާނެ މޮގާއަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ.
"ހޭލާ" ގެ ނަމުގައި މުއުމިން އަދި ޗިއްޕެ އުފެއްދި ފިލްމަކީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ މޮޅު ފިލްމެކެވެ. "ހޭލާ" އުފެއްދި ދުވަސްވަރަކީ އިންޑިއާގައި ކިޔަވަން ހުރުމަށްފަހު މޮގާ ރާއްޖެ އައި ދުވަސްވަރެވެ. މުއިމިންއަކީ މޮގާގެ އާއިލާ މެންބަރެކެވެ. އެއީ ކުރިން މޮގާ އުފެއްދި ކުރު ފިލްމުތަކުގައި ވެސް އެއް ހިއްސާދާރެވެ. މުއުމިން އަދި ޗިއްޕެގެ މި މަސައްކަތާއެކު މޮގާ ވެސް ނިންމީ ފިލްމީ ދާއިރާއަށް ރަސްމީކޮށް ނުކުންނާށެވެ. އެހާ ހިސާބުން ފިލްމު ކުންފުންޏެއް ރަޖިސްޓްރީކޮށް މަސައްކަތް ފަށައިގަތީ އެވެ.
ފުރަތަމަ އުފެއްދީ ޑްރާމާ ސިލްސިލާތައް
ޑާކްރެއިންގެ ފުރަތަމަ މަސައްކަތަކަށްވީ ޓީވީ ސްޓޭޝަންތަކަށް ޑްރާމާ ސިލްސިލާތައް ތައްޔާރު ކޮށްދިނުމެވެ. ޓީވީ މޯލްޑިވްސްއާ ވީޓީވީއަށް ޑްރާމާ ސިލްސިލާތައް ތައްޔާރު ކޮށްދިނެވެ.
ޑާކްރެއިންއިން އުފެއްދި ފުރަތަމަ ޑްރާމާއަކީ "ދަފަރާ" އެވެ. ޓީވީއެމުން ގެނެސްދިން އެ ޑްރާމަށް ބެލުންތެރިންގެ ރަނގަޅު ތަރުހީބެއް ލިބުނެވެ. ތޭރަ އެޕިސޯޑްގެ އެ ޑްރާމާ ސިލްސިލާއަށްފަހު "ރޭފަނާ" ގެ ނަމުގައި ސީރީޒެއް ގެނެސްދިނެވެ. އަދި "އިންތިހާ" ގެ ނަމުގައިވެސް ޑްރާމާ ސިލްސިލާއެއް ގެނެސްދިނެވެ.
ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ދުވަސްވަރު މުޅި ގައުމުގައި އުފެދިގެންދިޔަ ސިޔާސީ ހަލަބޮލި ކަމާއެކު ޑާކްރެއިންގެ ސްޓޫޑިއޯއަށް ވެސް ސިޔާސީ އޮއިވަރުގެ އަސަރު ފޯރިއެވެ. ޓީވީއެމުން ޑްރާމާ ސިލްސިލާ ގަތުން ހުއްޓާލި އެވެ. ވީޓީވީން އެދިގެން ޑާކްރެއިންއިން އުފެއްދި ޑްރާމާ އެ ސްޓޭޝަންގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ގަންނަން ދެކޮޅު ހެދިއެވެ. އޭގެ ސަބަބުން ޑާކްރެއިންނަށް މާލީ ގެއްލުންވެ، ކުރިއަށްދާން އިތުުރު ގޮތްތައް ހޯދަން ޖެހުނެވެ.
ފުރަތަމަ ފިލްމަކީ "ހެޕީ ބާތް ޑޭ"
ބޮޑު އިސްކިރީނަށް ޑާކްރެއިންގެ ފަރާތުން ގެނެސްދިން ފުރަތަމަ ފިލްމަކީ "ހެޕީ ބާތު ޑޭ" ގެ ނަމުގައި ގެނެސްދިން ފިލްމެކެވެ. އެ ފިލްމާއެކުވެސް އެ ކުންފުންޏަށް ކުރިމަތިލާންޖެހުނީ މާލީ އިތުރު މައްސަލަތަކަކާ އެވެ.
އެ ދުވަސްވަރަށް ބަލާއިރު، އެކަށީގެންވާ ޚަރަދެއް ކޮށްގެން އުފެއްދި އެ ފިލްމުގެ ހައުސްފުލް ފަސް ޝޯ ވެސް އޮލިންޕަހުގައި ނުދެއްކުނެވެ. އެހާވެސް ފިލްމަށް ލިބުނު ތަރުހީބު ކުޑަ އެވެ.
ޑާކްރެއިންގެ ފައުންޑާ މޮގާ ބުނި ގޮތުގައި އެހެން ދިމާވުމުގައި ގިނަ ސަބަބުތަކެއް ވެއެވެ. ފިލްމު މާކެޓް ކުރަން ނޭންގުމަކީ އޭގެ އެއް ސަބަބެވެ. އެ ނޫންވެސް ވަރަށް ގިނަ ސަބަބުތައް މޮގާ ފާހަގަކުރެ އެވެ. ނަމަވެސް އޭގެ އަހަރުތަކެއް ފަހުން ބޭއްވި ފިލްމު އެވޯޑް ހަފްލާގައި އެންމެ ވިދާލީ "ހެޕީ ބާތު ޑޭ" އެވެ.
ފުރަތަމަ ފިލްމަށް 17 އެވޯޑް
"ހެޕީ ބާތު ޑޭ" އަށް މޯލްޑިވްސް ފިލްމު އެވޯޑްސްގައި 12 އެވޯޑް ލިބުނެވެ. ގައުމީ ފިލްމު އެވޯޑްސްގައި ބައިވެރިކޮށްގެން އެ ފިލްމު ވަނީ 5 އެވޯޑް ހޯދާފައެވެ. މިއީ ފިލްމީ ތާރީޚުގައި ވެސް މިހާތަނަށް ފިލްމަކަށް ނުލިބޭ ވަރުގެ ބޮޑު ކާމިޔާބީ އެކެވެ. ފިލްމު އެވޯޑްސް ހަފްލާއިން ލިބުނު އުންމީދާއެކު ޑާކްރެއިންގެ މަސައްކަތްތައް މެކުހަށް ޖެހިއެވެ. އަދި "ހެޕީ ބާތު ޑޭ" ބަލަން ބޭނުންނުވި އެތައް ބަޔަކު އެ ފިލްމު ބަލަން ބޭނުންވި އެވެ.
ދެވަނަ ފިލްމުގެ ހައުސްފުލް 15 ޝޯ
ޑާކްރެއިންގެ ދެވަނަ ފީޗާ ފިލްމަކަށް ވެގެންދިޔައީ "ދިންވޭނުގެ ހިތާމާގައި" އެވެ. މަޝްހޫރު ތަރިން ހިމަނައިގެން އުފެއްދި މި ފިލްމަކީ ޑާކްރެއިންގެ ކާމިޔާބީއާ ވަރަށް ބޮޑަށް ގުޅިފައިވާ ފިލްމެކެވެ.
ފިލްމު އޮލިންޕަހުގައި ދައްކަން ފެށުމުގެ ކުރިންވެސް ހަތް ޝޯގެ ޓިކެޓް ވިކި ހުސްވިއެވެ. ފިލްމު ޕްރިމިއާކުރި ރޭ އަށްވަނަ ޝޯގެ ޓިިކެޓް ވިކި ހުސްވެއްޖެ އެވެ. މިއީ އެހާތަނަށް ޑާކްރެއިނަށް ހޯދިފައިވާ ކާމިޔާބެއް ނޫނެވެ. "ދިންވޭނުގެ ހިތާމާގައި" ދެއްކުމަށް ޑާކްރެއިންއިން އޮލިންޕަސް ކުއްޔަށް ނަގާފައި އޮތީ 15 ރެއަށެވެ. 15 ޝޯ ހައުސްފުލްކޮށް ދެއްކުމަށްފަހު ފިލްމު އޮލިންޕަހުން ނަގަން ޖެހުނީ އޮލިމްޕަހުގެ ކިއު ތަރުތީބަށް ޖާގަ ދޭން ޖެހިގެނެވެ. އެހެން ނޫންނަމަ "ދިންވޭނުގެ ހިތާމާގައި" ވެގެންދާނީ އިތުރު ރެކޯޑެއް މުގުރާލާނެ ފިލްމަކަށެވެ.
ޑާކްރެއިންގެ ބައެއް އުފެއްދުންތައް
- ބަޑި އެދުރު (2007)
- އުންމީދު (2008)
- ހެޕީ ބާތް ޑޭ (2009)
- ދިންވޭނުގެ ހިތާމާގައި (2010)
- ޒަޚަރު (2011)
- ވޫޑޫ (2012)
- ފަތިސްހަނދުވަރުގެ ފެށުން - ތުރީޑީ (2013)
- ހުޅުދާން (2014)
- ކަޝްފު (2014)
- އެންމެ ފަހު ވިންދާ ޖެހެންދެން (2015)
- މިކެއޮ ބައްޕަ ބައޭބައޭ (2015)
- ވާށޭމާށޭ އެކީ (2016)
- މީ ލޯތްބަކީ (2017)
- ވަކިން ލޯބިން (2018)
- ގޮށްރާޅު (2018)
- މާމުއި (2019)
ފުރަތަމަ ތްރީޑީ ފިލްމު އުފެއްދުން
ރާއްޖޭގައި މިހާތަނަށް އުފެއްދި ހަމައެކަނި ތްރީޑީ ފިލްމަކީ "ފަތިސް ހަނދުވަރުގެ ފެށުން" މިނަމުގައި އުފައްދާފައިވާ ފިލްމެވެ. މިއީ ޑާކްރެއިންގެ ހަތަރުވަނަ ފީޗާ ފިލްމެވެ.
ކުޅަދާނަ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓަރުކޮށްފައިވާ މި ފިލްމުގެ ޕްރަޑަކްޝަން ހެދުމާ ތްރީޑީ ކުރުމުގެ ފަހަތުގައި ހުރީ އަހުމަދު ޝިނާނެވެ. މި ފިލްމާއެކު ޑާކްރެއިން އަނެއްކާ ވެސް ތާރީޚުން ޖާގަ ހޯދީއެވެ. ޑާކްރެއިންގެ އެ ބޮޑު ކާމިޔާބީއަކީ މިހާތަނަށް ދިވެހި ފިލްމު އިންޑަސްޓްރީއަށް ލިބުނު އެންމެ ބޮޑު ކުރިއެރުންތަކުގައި ބުނަންޖެހެ އެވެ. -- ޝިނާންއަކީ މޮގާ ފިލްމީ ދާއިރާއަށް ނެރެދިން އުފެއްދުންތެރި ޑައިރެކްޓަރެވެ --
ރާއްޖޭގައި ތްރީޑީ ފިލްމެއް އުފެއްދި ނަމަވެސް، އެފަދަ ފިލްމެއް ބަލައިލެވޭނެ ސިނަމާއެއް ނެތެވެ. އެހެން ކަމުން ޑާކްރެއިންގެ ފަރާތުން ވަނީ "ފަތިސްހަނދުވަރުގެ ފެށުން" ތްރީޑީކޮށް ބަލާލެވޭނެ ފުރުސަތު ބެލުންތެރިންނަށް ދިނުމަށް އެކަމަށް ޚާއްސަކޮށް ޗައިނާއީން 40،000 އައިނު އުފައްދާފަ އެވެ.
12 ފިލްމު، އެންމެ ލަވައެއް ފިޔަވައި މުޅިން އަމިއްލަ ރާގު
ޑާކްރެއިންގެ ހަޔާތުން ފާއިތުވެދިޔަ 13 އަހަރުގެ ތެރޭގައި 12 ފިލްމެއް ވަނީ އުފައްދާފަ އެވެ. ތޭރަ ވަނަ ފިލްމުގެ މަަސައްކަތް ވަނީ ފަށާފައެވެ. "ނޮވެންބަރު" މިނަމުގައި އުފައްދާ ފިލްމުގެ ޝޫޓިން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް އެ ޓީމުން މިހާރު ގެންދަނީ ކުރަމުންނެވެ.
ޑާކްރެއިންގެ ކޮންމެ ފިލްމެއްގައި ވެސް ހިމެނެނީ މުޅިން ވެސް އަމިއްލަ ރާގުގެ ލަވަތަކެވެ. އެންމެ ފިލްމެއްގައި ކޮޕީ ލަވައެއް ހިމަނާފައި ވެއެވެ. އެއީ ފިލްމުގައި ހިމެނޭ ތަރިއެއްގެ އެދުމަށް ހިމަނާފައިވާ ލަވައެކެވެ.
މީގެ އިތުރުން ފަންނާނުން އުފައްދާފައިވާ ލަވަތައް ބެލުންތެރިންގެ މެދުގައި މަގުބޫލުކުރުމަށް ވެސް ޑާކްރެއިންގެ ފިލްމުތަކުން މުހިންމު ރޯލެއް އަދާކޮށްފައި ވެއެވެ. އެގޮތުން އެކި ފަންނާނުން ތަައްޔާރު ކޮށްފައިވާ އަމިއްލަ ރާގުގެ ވަރަށް ގިނަ ލަވަތަކެއް ޑާކްރެއިންގެ ފިލްމުތަކުގައި ހިމަނާފައި ވެއެވެ.
އާ 36 ތަރިއަކަށް ފުރުސަތު ދިން
ޑާކްރެއިންގެ ކޮންމެ އުފެއްދުމަކުން ވެސް އާ ތަރިންނަށް ފުުރުސަތު ދިނުމަކީ ސްޓޫޑިއޯއިން އަބަދުވެސް ވަރަށް އިސްކަންދިން ކަމެކެވެ.
މިހާތަނަށް އުފެއްދި ތަފާތު އުފެއްދުންތަކުން ވަރަށް ގިނަ އަދަދަކަށް އާ ތަރިންނަށް ފުރުސަތު ދީފައި ވެއެވެ. އެގޮތުން 36 ފަންނާނަކު ދާއިރާއަށް ނެރެދިނެވެ. އޭގެ ތެރޭގައި މިހާރު މި އިންޑަސްޓްރީގައި އެންމެ ގަދައަށް ފިޔަޖަހާ ތަރިން ވެސް ހިމެނެއެވެ. ޖުމައްޔިލް ނިމާލް އަދި މަރިޔަމް މަޖުދާ އަކީ ފާހަގަކޮށްލެވޭ ތަރިންނެވެ.
މީގެ އިތުރުން ވާހަކަ ލިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވެސް ޑާކްރެއިންއިން އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އެ ފުރުސަތުގެ ބޭނުން ހިފާ މިހާރުވެސް ދާއިރާއަށް ވަންނަން ޒުވާނުން ދަނީ މަސައްކަތް ކުރަމުންނެވެ.
މިހާތަނަށް 52 އެވޯޑް، މިއީ ރެކޯޑެއް
ޑާކްރެއިންގެ ކުޑައިގެ ދަށުން ވަރަށް ގިނަ އުފެއްދުންތައް މިހާތަނަށް އުފައްދާފައި ވެއެވެ. ވަރަށް ގިނަ ފިލްމުތަކަށް އެކި ގޮތްގޮތުން އެ ސްޓޫޑިއޯއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ބައެއް ކުންފުނިތަކަށް ވެސް އެކި މުބާރާތަކަށް ތަފާތު އުފެއްދުންތައް ވަނީ އުފައްދައިދީފަ އެވެ. ސީއެސްއާރު ގިނަ ޕްރޮޖެކްޓްތަކެއްގައި ޑާކްރެއިންގެ ހިއްސާ އެބައޮތެވެ. އާންމުން ހޭލުންތެރި ކުރުވުމަށް އުފައްދާފައިވާ ގިނަ ލަވަތަކެއްގެ ފަހަތުގައި ވެސް އޮތީ ޑާކްރެއިންއެވެ.
މި ހުރިހާ މަސައްކަތްތަކަށް މިހާތަނަށް ޑާކްރެއިނުން ވަނީ 52 އެވޯޑް އުފުލާލާފަ އެވެ. އޭގެ ތެރޭގައި ހުރިހާ ދާއިރާއެއް ހިމެނެއެވެ. އެންމެ މޮޅު ޕްރޮޑިއުސަރުގެ އެވޯޑް، އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް، އެންމެ މޮޅު ސްކްރީންޕްލޭ، އެންމެ މޮޅު އެޑިޓިން، އެންމެ މޮޅު އެކްޓްރެސް، އެންމެ މޮޅު އެކްޓަރު މިހެންގޮސް ޑާކްރެއިންގެ ފިލްމުތަކަށް ނުލިބޭ އެއްވެސް އެވޯޑެއް ނެތެވެ.
އެންމެ އިސްކަން ދެނީ ކޮލިޓީއަށް
ޑާކްރެއިންގެ އުފެއްދުންތަކުގައި ޚާއްސަ ކަންތައްތަކެއް ހިމެނެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ފިލްމުތަކުގައި ކޮލިޓީ ހިފަހައްޓަން ކުރާ މަސައްކަތެކެވެ. ޑާކްރެއިންގެ ކޮންމެ ފިލްމެއްގެ މަސައްކަތް ނިންމާލުމަށްފަހު ވެސް ބެލުންތެރިންނާ ހަމައަށް ގެންނަނީ ޚާއްސަ ޓީމަކުން އެ އުފެއްދުމެއް ވަޒަން ކުރުމަށްފަހު އެވެ.
ޑާކްރެއިންގެ ފިލްމުތަކުގައި ހިތްގައިމު މަންޒަރުތަކާއި، އެންމެ ގުޅޭ ތަނެއްގައި މަންޒަރުތައް ޝޫޓް ކުރުމަށް އިސްކަން ދެއެވެ. އެކަމަށް ކުރަންޖެހޭ ޚަރަދު ބޮޑު ނަމަވެސް ޑާކްރެއިންގެ އެންމެ ބޮޑު އަމާޒަކީ ބެލުންތެރިންނަށް ކޮލިޓީ އުފެއްދުންތަކެއ ގެނެސްދިނުމެވެ. އެކަން މިހާތަނަށް ގެނެސްދިން 12 ފިލްމުން ޔަގީންކޮށްދެ އެވެ.
އެންމެ ޚާއްސައީ "މާމުއި"
ޑާކްރެއިންގެ ފައުންޑާ މުހައްމަދު އަލީ (މޮގާ) ގެ ނަޒަރުގައި އެ ސްޓޫޑިއޯގެ އެންމެ ޚާއްސަ އުފެއްދުމަކީ އެންމެ ފަހުން ސްކްރީނަށް ގެނެސްދިން "މާމުއި" އެވެ. މިއީ އެ ކުންފުނިން އުފެއްދި އެންމެ އަގު ބޮޑު ފިލްމެވެ.
އަދި މިއީ ރާއްޖޭގެ ސިނަމާތަކަށް އައި އެންމެ ތަފާތު ކޮމެޑީ އެވެ. ހައުސްފުލް 18 ޝޯ އޮލިމްޕަހުގައި ވަނީ ދައްކާފަ އެވެ. މޮޅު ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ މި ފިލްމަކީ މިހާތަނަށް އެންމެ ހިތްގައިމު މަންޒަރުތައް ހިމަނައިގެން ރާއްޖޭގައި އުފެއްދި ފިލްމޭ ވެސް ބުނެވިދާނެ އެވެ.
"އެންމެ ޚާއްސަ ފިލްމެއް ހޮވުން އެއީ އުނދަގޫ ކަމެއް. އަޅުގަނޑު ކޮންމެ އުފެއްދުމެއް ވެސް އުފައްދަނީ ވަރަށް ލޯބިން. އެހެންވީމަ ހުރިހާ ފިލްމެއް ދެކެ ވެސް ލޯބިވަން. އެހެންނަމަވެސް އެންމެ ޚާއްސައީ މާމުއި." މޮގާ ދެނީ މި ޖަވާބެވެ.
ކުރިއަށްވެސް ބޮޑެތި ޕްރޮޖެކްޓްތަކެއް
ޑާކްރެއިންގެ 13 ވަނަ އުފަންދުވަހު އެ ސްޓޫޑިއޯއިން ދޭ ޔަގީން ކަމަކީ "ކުރިއަށްވެސް ބޮޑެތި ޕްރޮޖެކްޓްތަކެއް" ހުރިިކަމުގެ އުފާވެރި ޚަބަރެވެ. މިހާރުވެސް ވަނީ އެ ސްޓޫޑިއޯގެ 13 ވަނަ ފީޗާ ފިލްމު "ނޮވެންބަރު" ގެ މަސައްކަތް ފަށާފައެވެ. ފިލްމު ޝޫޓް ކުރަނީ ސިންގަޕޫރުގަ އެވެ.
އޭގެ ފަހުން "ބަޅިނދު" އަދި "ބައިސާ" ގެ ނަމުގައި ދެ ފިލްމު އުފައްދަން ވަނީ އިއުލާނު ކޮށްފަ އެވެ.