އެޑެން ހަޒާޑް

ހަޒާޑަށް ފުރުސަތު ދޭން ކެތްތެރިވާން ޖެހޭ: ޒިދާން

ސްޕެނިސް ލީގްގައި، މިއަދު ލެވަންޓޭ އާ ދެކޮޅަށް ކުޅޭ މެޗުން ވެސް އެޑެން ހަޒާޑް ފެންނާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. މި ސީޒަން ފެށުމުގެ ކުރިން ހަޒާޑަށް ލިބުނު އަނިޔާއެއްގައި، ރެއާލްގެ ޓީމާއެކު އަދި އޭނާ އެއްވެސް މެޗެއް ނުކުޅެ އެވެ.

އަނިޔާއާ ގުޅިގެން ނިމިދިޔަ އިންޓަނޭޝަނަލް ބްރޭކުގައި ބެލްޖިއަމްގެ ގައުމީ ޓީމާއެކު ވެސް ހަޒާޑް ބައިވެރިއެއް ނުވެ އެވެ. ނަމަވެސް މިހާރު އޭނާ ހުރީ ފިޓް ވެފަ އެވެ. މިއަދު މެޗުން އޭނައަށް ފުރުސަތު ދޭނެތޯ ބުނާކަށް ނޭނގެ އެވެ.

ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ، ހަޒާޑް ޓީމާއެކު ޕްރެކްޓިހުގައި ބައިވެރިވިތާ ވީ އެންމެ ހަފުތާއެއް ކަމަށާއި އޭނާއަށް މެޗުން ފުރުސަތު ދިނުމުގައި ކެތްތެރިވާން ޖެހޭ ކަމަށެވެ.

"އަހަރެމެން އޭނާ އަށް ފުރުސަތު ދިނުމުގައި ދާން ޖެހޭނީ މަޑުމަޑުން ކެތްތެރި ކަމާއެކު،" ހަޒާޑާ ބެހޭގޮތުން ޒިދާން ބުންޏެވެ. "ތިން ހަފުތާ ވަންދެން އޭނާ ހުރީ އަނިޔާގައި، އޭނާ ޓްރެއިނިންއަށް ނުކުތީ މި ހަފުތާގައި، އަހަރެމެން އެންމެން ބޭނުން އޭނާ ކުޅޭތަން ދެކެން، 21 ދުވަހުގެ ތެރޭ އަހަރެމެންނަށް ހަތް މެޗު އެބައޮތް، އޭނާ އާއެކު އަހަރެމެން ކުރިއަށްދާން ޖެހޭނީ ކެތްތެރި ކަމާއެކު."

ޗެލްސީއަށް 140 މިލިއަން ޔޫރޯ ދިނުމަށް ފަހު، ގެންދިޔަ ހަޒާޑްއަށް މިއަދުގެ މެޗުގެ ކޮންމެވެސް ހިސާބަކުން ފުރުސަތު ދިނުން ވެސް އެކަށީގެން ވެއެވެ.

މިއަދުގެ މެޗަށް ނުކުންނައިރު ރެއާލްގެ މިޑްފީލްޑާ ލުކަ މޮޑްރިޗަށް ނުކުޅެވޭނެ އެވެ. އިންޓަނޭޝަނަލް ބްރޭކުގައި ކްރޮއޭޝިއާގެ ގައުމީ ޓީމާއެކު މެޗެއް ކުޅެނިކޮށް އޭނާއަށް ވަނީ އަނިޔާ ވެފަ އެވެ.