ރަޝިޔާ

މަޝްވަރާއަށް ތާލިބާނުންގެ ވަފުދު ރަޝިއާއަށް

ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭ ބޯޑަރުގައި ގާއިމް ވެގެން އުޅޭ ތާލިބާނުންނާއެކު ދެން މަޝްވަރާ ނުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވުމުން، ތާލިބާނުންގެ ވަފުދެއް ރަޝިއާއަށް ގޮސް މަޝްވަރާގައި އެމެރިކާ އަލުން ބައިވެރި ކުރާނެ ގޮތާއި ބެހޭގޮތުން މަޝްވަރާކޮށްފި އެވެ.

ތާލިބާނުންނާ މަޝްވަރާ ކުރުމުގެ ކަންތައް ކުރިއަށް ނުގެންދަން ޓްރަމްޕު ނިންމެވީ މީގެ ކުރިން ތާލިބާނުންނާ އެދުނު ގޮތަށް އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން އަނބުރާ ގައުމަށް ގެންދިއުމުގެ މަސައްކަތް ފަށާފައި ވަނިކޮށް، ތާލިބާނުން އެމެރިކާއަށް ބިރު ދެއްކުމުގެ ބޭނުމުގައި ބޮމުގެ ހަމަލާތެކެއް ދިނުމުންނެވެ. ސިފައިން އަނބުރާ ގެންގޮސް ފިނަމަ ހަމަލާ ނުދޭނެ ކަމުގެ ޔަގީންކަން ތާލިބާނުން ވަނީ އެމެރިކާއަށް މީގެ ކުރިން ދީފަ އެވެ.

އަސްކަރީ އަދި އިގްތިސޯދީ ގޮތުން ބާރުގަދަ ގައުމުތަކެއް ހިމެނޭ ގޮތަށް ތާލިބާނުންނާއެކު ކުރިއަށް ގެންދާ މަޝްވަރާއަކީ، ތާލިބާން ޖަމާއަތުގެ ހަރަކާތް ހުއްޓާލައި، އެމެރިކާއެކު ފާއިތުވި 18 އަހަރު ވަންދެން ކުރަމުންދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުމެވެ. ޕާކިސްތާނު ބޯޑަރު ކައިރީގައި އެމެރިކާ ސިފައިން ތިބެގެން ތާލިބާނުންނާ ދެކޮޅަށް 18 އަހަރު ވަންދެން ކުރި ދިގު ހަނގުރާމައިގައި އެމެރިކާ ކާމިޔާބު ހޯދިފައެއް ނުވެ އެވެ.

ރަޝިއާއަށް ދިޔަ ތާލިބާނުންގެ ވަފްދުން ވަނީ، އެމެރިކާ ހިމަނައިގެން އަލުން މަޝްވަރާކުރަން ބޭނުންވާ ކަމަށް ރަޝިއާގެ އޮފިޝަލުން ކައިރީ ބުނެފަ އެވެ. އަދި އެމެރިކާ އަލުން މަޝްވަރާގެ މޭޒުދޮށައް އަތު ނުވެއްޖެނަމަ، ހަނގުރާމައަށް ނިމުމެއް ނޯންނާނެ ކަމަށް ބުނެފަ އެވެ.

ގަތަރުގައި ހުންނަ ތާލިބާނުންގެ ސްޕޯކްސްމެން ސުހެއިލް ޝަމީމް، ބުނީ، ތާލިބާނުން ދީފައިވާ ބޮމުގެ ހަމަލާތަކަކީ އެމެރިކާއަށް އަމާޒު ކޮށްގެން ދިން ހަމަލާތެކެއް ނޫން ކަމަށެވެ. އަދި ބުނީ، އެމެރިކާއިން މަޝްވަރާއިން ވަކިވީ ނަތީޖާއަކަށް ދާން ކައިރިވެފައި ވަނިކޮށެވެ.