ކުޅިވަރު

ސާރީއަށްވުރެ އަންޗެލޯޓީ މާރަނގަޅު: ނަޕޯލީގެ ރައީސް

ކުލަބުގައި ރޮޓޭޝަން ޕޮލިސީ ގެންގުޅުމުގެ މުހިންމުކަން އޭނާއަށް ކުރިން ނުވިސްނޭ ކަމަށާއި އެހެންނަމަވެސް ކާލޯ އަންޗެލޯޓީ އައިސް ނަޕޯލީގައި މަސައްކަތް ކުރަން ފެށި ފަހުން އެކަމުގެ މުހިންމުކަން މާ ރަނގަޅަށް ވިސްނުނު ކަމަށް ނަޕޯލީގެ ރައީސް އައުރެލިއޯ ޑި ލައުރެންޓިސް ވިދާޅުވެއްޖެ އެވެ.

ނަޕޯލީގެ ކޯޗްކަން، އަންޗެލޯޓީ އާ ހަވާލު ކުރީ މިދިޔަ އަހަރު ޗެލްސީއަށް ސާރީ ބަދަލުވާން އުޅުމުންނެވެ. ޗެލްސީގައި ހޭދަ ކުރި ހަމައެކަނި ސީޒަންގައި ސާރީ ވަނީ އެ ޓީމާއެކު ޔޫރޮޕާ ލީގާއި ޕްރިމިއާ ލީގް ތިން ވަނަ ހޯދާފަ އެވެ. ސާރީ ނަޕޯލީއާ ވަކިވި ހިސާބުން ވެސް އޭނާ އާއި ލައުރެންޓިސް އާ ގުޅުން ރަނގަޅު ނޫންކަން ހާމަވެގެން ދިޔަ އެވެ.

އޭނާ ވިދާޅުވީ، ސާރީއަށް ވުރެ، މިހާރުގެ ކޯޗް އަންޗެލޯޓީގެ ތަޖުރިބާ ބޮޑު ކަމަށެވެ. އޭނާ ވަނީ އެކަން ސާބިތު ކުރުމަށް މިސާލެއް ވެސް ދައްކާފަ އެވެ.

"ކާމިޔާބު ހޯދަން ސްކޮޑު ރޮޓޭޓް ކުރުމަކީ ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި އަހަންނަކަށް ނުވިސްނޭ، ސާރިގެ ދުވަސްވަރު ގައިވެސް އަހަންނަށްކަށް އެކަމެއް ނުވިސްނޭ، އެހެންވެ އަހަރެމެން އެކުގައި އެހާ ބޮޑަށް ނުފެންނަނީ،" ލައުރެންޓިސް ވިދާޅުވި އެވެ. "އަންޗެލޯޓީއަށް އޮންނަ އިތުބާރާއި އޭނާގެ އިންޓަނޭޝަނަލް ތަޖުރިބާއިން އޭނާއަށް އިތުބާރު އޮވޭ ސްކޮޑު ރޮޓޭޓް ކުރުމުގެ މުހިންމުކަން."

ލައުރެންޓިސް ވިދާޅުވީ ނަޕޯލީގެ ޒުވާން އަދި ސީނިއާ ކުޅުންތެރިންނާ ވެސް އޭނާ އާ ރަނގަޅު ގުޅުމެއް އޮންނަ ކަމަށެވެ.