ކުޅިވަރު

ބެންޒެމާގެ ދެ ލަނޑުން ރެއާލްއަށް ދެވަނަ

ރެއާލް މެޑްރިޑްގައި އެޑެން ހަޒާޑް ކުޅުނު ފުރަތަމަ މެޗުގައި، ލެވަންޓޭގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ރެއާލް މެޑްރިޑުން ތާވަލުގެ ދެ ވަނައަށް ޖެހިލައިފި އެވެ.

ހަޒާޑް ކުޅެން ނުކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ރެއާލް މޮޅު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ކަރީމް ބެންޒެމާ އެވެ. ރެއާލްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ އޭނާ އެވެ.

ފުރަތަމަ ހާފުގައި ރެއާލްގެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ އެވެ. މެޗުގައި ރެއާލްގެ ފުރަތަމަ ލަނޑު ބެންޒެމާ ކާމިޔާބު ކުރީ ޑެނީ ކާވަހާލް ނަގައިދިން ހިތްގައިމު ހުރަހަކުންނެވެ. ކަވާހާލް ނަގައިދިން ހުރަސް ބެންޒެމާ ވަނީ ބޮލުން ގޯލްގެ ތެރެއަށް ވައްދާލަފަ އެވެ.

މެޗުގައި، ހަމޭސް ރޮޑްރިގޭޒްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ރެއާލްގެ ހަމަލާތައް އުފެއްދުމުގައި އޭނާ މުހިންމު ދައުރެއް އަދާ ކުރި އެވެ. ރެއާލްގެ ދެ ވަނަ ލަނޑު ބެންޒެމާ ކާމިޔާބު ކުރީ ހަމޭސް ދިން ހިތްގައިމު ޕާހަކުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލްގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ކާލޯސް ކަސެމީރޯ އެވެ. ވިނީސިއުސް ޖޫނިއާ ނަގައިދިން ހުރަސް ފޮނުވާލަން ކަސެމީރޯ އޭރިއާ ތެރެއަށް އެރިއިރު އޭނާ އޮތީ ހުސްކޮށެވެ.

ދެ ވަނަ ހާފުގައި، ލެވަންޓޭއިން ވަނީ ވަރުގަދައަށް ޕްރެސް ކޮށްލައިގެން ކުޅެން މަސައްކަތް ކޮށްފަ އެވެ. ނަތީޖާއަކީ ރެއާލްގެ ފަހަތަށް ބާރު ބޮޑު ވެގެން ދިއުމެވެ. ލެވަންޓޭގެ ފުރަތަމަ ލަނޑު ބޮރަހާ މޮޔޮރޯލް ކާމިޔާބު ކުރީ ފުރަތަމަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓްގަ އެވެ.

ހަޒާޑް ކުޅެން ނުކުތީ ކެސެމީރޯގެ ބަދަލުގަ އެވެ. ކެސެމީރޯ ކުޅެމުން ދިޔަ ޑިފެންސިވް މިޑްފީލްޑަރުގެ ރޯލަށް ޓޯނީ ކްރޫޒް ބަދަލު ކުރި އެވެ. ހަޒާޑަށް ލިބުނު ބޯޅަތަކުގައި އޭނާ ވަނީ ލެވަންޓޭގެ ފަހަތަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ކެސެމީރޯ ނެތުމުން ރެއާލްގެ ފަހަތަށް އިތުރަށް ބާރު ބޮޑުވި އެވެ. ލެވަންޓޭގެ ދެ ވަނަ ލަނޑު ގޮންޒާލޯ މެލޭރޯ ކާމިޔާބު ކުރި މެޗުގެ 75 ވަނަ މިނެޓްގަ އެވެ.

މެޗުގެ ފަހު ކޮޅުގައި ލެވަންޓޭއިން ވަނީ ނަތީޖާ ހަމަހަމަ ކުރުމާ ވަރަށް ގާތަށް ޖެހިލާފަ އެވެ. ހިލޭ ޖެހުމަކުން އެ ޓީމުން ތަނަވަސް ކުރި ހަމަލާއިން ރެއާލްގެ ގޯލް ސަލާމަތްވީ ކީޕަރު ކޯޓްއާ ހުށިޔާރު ކަމާއެކު ދިފާއު ކުރުމުންނެވެ.