އެޕެންޑިސައިޓިސް އޭ ބުނެވެނީ އެޕެންޑިކްސް ދުޅަވެ އިންފެކްޓް ވުމަށެވެ. މިއީ ވީހާވެސް އަވަސް ސިއްހީ ފަރުވާ ބޭނުންވާނެ ހާލަތެކެވެ. އެޕެންޑިކްސް އަކީ ބޮޑު ގޮހޮރާއި ކުޑަ ގޮހޮރު ގުޅޭ ތަނުގެ ތިރީގައި އިނގިއްޔެއްގެ ބައްޓަމަށް އިންނަ ބޮޑު ގޮހޮރާ ގުޅިފައިވާ ހޮޅިއެއްފަދަ ގުނަވަނަކަށް ކިޔާ ނަމެކެވެ.
އެޕެންޑިކްސްގެ ހަގީގީ ބޭނުން ދެނެގަތުމަށް ސައިންސްވެރިން ގިނަ އަހަރުތަކެއް ނެގި ނަމަވެސް ކަމާބެހޭ މާހިރުން ގަބޫލު ކުރައްވާ ގޮތުގައި ދިފާއީ ނިޒާމުގެ އެކި މަސައްކަތް ތަކުގައި އެޕެންޑިކްސްގެ ދައުރެއް ވެއެވެ. ހާއްސަކޮށް ކުޑަ ކުދިންގެ ދިފާއީ ނިޒާމުގެ މަސައްކަތްތަކުގަ އެވެ. ނަމަވެސް، ކުއްޖާ ބޮޑު ވެގެން އަންނަ އިރު، އެޕެންޑިކްސްގެ ބޭނުން ހަށިގަނޑަށް ކުޑަ ވެގެންދާ ކަމަށް ބެލެވެ އެވެ. އަދި ބޮޑެތި މީހުންގެ ހަށިގަނޑުގައި މާ މުހިންމު ދައުރެއް އެޕެންޑިކްސް އަދާ ކުރާ ކަމަކަށް ހޯދިފައެއް ނުވެ އެވެ. ނަމަވެސް ބޮޑެތި މީހުންގެ ވެސް އެޕެންޑިކްސް ދުޅަވުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ. އެޕެންޑިކްސް ދުޅަވުން މިއީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ދިމާވެދާނެ ކަމެކެވެ. ނަމަވެސް އެންމެ އާންމުކޮށް މިކަން ދިމާ ވަނީ އުމުރުން 10 އަހަރާއި ތިރީސް އަހަރާ ދެމެދުގެ މީހުނަށެވެ.
އެޕެންޑިކްސް ދުޅަވާން މެދުވެރި ވެދާނެ ސަބަބުތަކަށް ބަލައިލާއިރު ކޮންމެވެސް ސަބަބަކާ ހުރެ އެޕެންޑިކްސް ބެދި އެޕެންޑިކްސްގައި އުފެދޭ ދިޔަތައް ފަލަ ގޮހޮރުގެ ތެރެއަށް ހުސް ނުވަނީ އެވެ. ނަތީޖާއެއްގެ ގޮތުން އެޕެންޑިކްސް ދުޅަވެ، ނަޖިސް އަށަގަނެ، އިންފެކްޓް ވުމަށް މެދުވެރިވަނީ އެވެ.
އެޕެންޑިސައިޓިސްގެ ސަބަބުން އެޕެންޑިކްސް ކުއްލިޔަކަށް ފަޅައިގެން ދިޔުމަށް ވެސް މެދުވެރި ވެދާނެ އެވެ. މިހެން ކަން ދިމާ ވެއްޖެނަމަ އެޕެންޑިކްސްގެ އެތެރޭގައި ހުރި އިންފެކްޝަން އެތެރެހަށީގެ ތެރެއަށް ފެތުރި ފުރާނައަށް ނުރައްކާވުން ގާތެވެ. އެންވެ އެޕެންޑިކްސް ދުޅަވުމަކީ މެޑިކަލް އެމަޖެންސީއެއް ނުވަތަ ވީހާވެސް އަވަސް ފަރުވާ ބޭނުން ވާނެ މައްސަލައެކެވެ.
އެޕެންޑިސައިޓިސްގެ އަލާމާތްތައް
- ކުއްލިޔަކަށް ބަނޑު / ދަށްބަނޑުގެ މަތިން ކަނާތް ފަރާތައް ތަދެއް އެރުން
- ފުރަތަމަ ފޫޅުގެ ވަށައިގެން ތަދު ވާން ފެށުމަށްފަހު ބަނޑުގެ ކަނާތް ފަރާތައް ތަދު ވުން
- ގިނަ އިރުވާ ވަރަކަށް ރިހުން ގޯސްވުން
- ކެއްސުން / ހިނގުން ފަދަ ހަރަކާތްތަކާއެކު ރިހުން އިތުރުވުން
- އޯކަށް ދެމުމާއި ހޮޑުލެވުން
- ކާހިތް ކެނޑުން
- ކުޑަކޮށް ހުން އައުން އަދި ގިނަ އިރުވާ ވަރަކަށް ހުން ގަދަ ވުން
- ބަނޑު ހަރުވުން ނުވަތަ ބަނޑު ހިކުން
- ބަނޑު ފުއްޕާފައި ހުރުން
މިފަދަ އަލާމާތްތައް ފެންނަ ނަމަ ލަސް ނުކޮށް ޑޮކްޓަރަކަށް ދާންވާނެ އެވެ. ޑޮކްޓަރު ބަލިމީހާގެ ފަރާތުން އެޕެންޑިކްސައިޓިސް އަށް ޝައްކު ކުރެވޭ ކަންތައްތައް ފެނޭތޯ ބަލާނެ އެވެ. އޭގެ ތެރޭގައި ބަލި މީހާ ހުންނަ ގޮތް (ރިހުން ހުރި ތަނުގައި އަތް އަޅައިގެން) އަދި ރިހުން ފެށުން ގޮތާއި އެހެނިހެން ސުވާލުތައް ކޮށްގެން ބައްޔާ ބެހޭ މުހިންމު ކަންތައްތަކެއް އޮޅުންފިލުވާ ދެނެގަންނާނެ އެވެ. އަދި އެއަށް ފަހު ފިޒިކަލް ޓެސްޓްތަކެއް ހަދާނެ އެވެ.
އޭގެ ތެރޭގައި ބަނޑުގެ ވަކި ތަނަކަށް ފިއްތާލުމަށް ފަހު ކުއްލިޔަކަށް ދޫ ކޮށް ލުމުން ވަރަށް ބޮޑަށް ރިހުން އިތުރު ވެގެން ދާ ނަމަ އެއީ އެޕެންޑިސައިޓިސްގެ ސަބަބުން ކަމަށް ބަލާނެ ފުރުސަތުތައް ވަރަށް ބޮޑެވެ. މީގެ އިތުރުން ވެސް ލޭގެ އަދި ކުޑަ ކަމުދާ ތަކެތީގެ ޓެސްޓްތަކުން އިންފެކްޝަނެއް ހުރިތޯ ދެނެގަނެވޭނެ އެވެ. ބޭނުން ވެއްޖެ ހާލަތް ތަކުގައި ބަނޑުގެ ސްކޭނެއް އަދި އެކްސްރޭ އެއް، ސީޓީއެއް ފަދަ އިމޭޖިންގް ޓެސްޓެއް ހެދުމަށް ޑޮކްޓަރު ވިދާޅުވުން އެކަށީގެންވެ އެވެ.
އެޕެންޑިސައިޓިސްކަން ޔަގީން ވުމުން އެކަމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ އޮޕަރޭޝަނެއް ކޮށްގެން އެޕެންޑިކްސް ނެގުމެވެ. އެޕެންޑިކްސްގެ ދުޅަ ބޮޑުވެ އެޕެންޑިކްސް ފަޅައިގެން ގޮސް އެތެރެހަށި ތެރެއަށް އިންފެކްޝަން ފެތުރިއްޖެ ނަމަ ފުރާނައަށް ނުރައްކާވުން ގާތެވެ. އެހެން ވިޔަ ނުދިނުމަށްޓަކައި އެޕެންޑިކްސް ދުޅަވުމުން މެދުވެރިވާނެ އަލާމާތްތައް ދެނެގަނެ ވީހާވެސް އަވަސް ފަރުވާ ހޯދުން ވަރަށް މުހުންމު ވާނެ އެވެ.