ލައިފްސްޓައިލް

ހަރަދު ކުޑަ އިސްރާފު މަދު ދިރިއުޅުން ހޯދޭނެ!

ބޮޑު ކަމަކާ ޖެހޭ އިރު އަތުގައި އެއްވެސް ފައިސާއެއް ނެތި ދޭ ހެއްޔެވެ؟ ފައިސާ ނެތިގެން ކޮންމެވެސް ލޯނަކަށް ބަރޯސާ ވެގެން ކަންކަން ހަމަޖައްސަން ޖެހޭ ހެއްޔެވެ؟ ފައިސާ ލިބުނަސް ރަނގަޅަށް ދިރިއުޅުމުގެ ކަންކަން މެނޭޖް ކުރަން ނޭނގި އަދި ހަރަދު ބަލަހައްޓަން ނޭނގޭ ނަމަ އަބަދުވެސް އަތްމަތި އޮންނާނީ ދަތިވެފަ އެވެ.

ފަހަކަށް އައިސް "ފްރޫގަލް ލިވިން" އަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައި ވެއެވެ. ފްރޫގަލް ލިވިން އަކީ އާއްމުކޮށް ހަރަދު ކުރާ ވަރަށްވުރެ މަދުކޮށް ހަރަދު ކުރުމެވެ. އިސްރާފު މަދުކޮށް މަދުއެއްޗަކުން ފުއްދައިގެން އުޅުމެވެ. މާނައަކީ މި ލައިފްސްޓައިލް ހިޔާރުކުރާ މީހުންނަކީ ހުރިހާ ކަމަކުން މަހުރޫމުވެގެން ތިބޭ ބަޔެއްވެސް ނޫނެވެ.

ހިތް އެދޭހާ އެއްޗެއް ގަތުމާއި އަލަށް ނުކުންނަ ކޮންމެ އެއްޗެއް ގަތުމުގެ ބަދަލުގައި ރަނގަޅަށް ވިސްނާފައި ހަރަދު ކުރާނަމަ މީހާގެ ފުދުންތެރިކަން އިތުރު ވެއެވެ. ދިރިއުޅުމުގެ އަސްލު ބޭނުން ކަންކަން ހާސިލް ކުރުމަށް ފައިސާ ހުރެއެވެ. އަތްމަތި ތިޔާގި ވެއެވެ. ބޮޑު ކަމެއް ޖެހުމުން އެހެން މީހަކަށް ބަރޯސާ ވާކަށް ނުޖެހެއެވެ.

ފައިސާ ކަންކަމުގައި "ސްމާޓް" ވުން

ކޮންމެ މަހަކު ލިބޭ ވަރާއި ކޮންމެ މަހައްގެ ބިލްތަކަށާއި އެހެން ހަރަދުތަކަށް ހޭދަވާ ވަރު އާމްދަނީ އިން ކަނޑާލާ ބާކީވާ ފައިސާ ހޭދަ ކުރުމުގައި ސްމާޓްވާންވީ އެވެ. ފަހަށް ރައްކާ ކުރުމުގެ އާދަ މީހާގެ ކިބައިގައި އަށަގަނުވަންވީ އެވެ. ކޮންމެހެން ކުރަން ޖެހޭ ހަރަދު އެކަނި ކޮށްފައި ދެން ފައިސާ ބަހައްޓަންވީ އަބަދުވެސް ކުރަން ބޭނުންވެފައި ހުންނަ ކަންކަން ކުރުމަށެވެ. މިގޮތުން ސްމާޓްކޮށް ހަރަދު ކުރުމަށް ބަޖެޓެއް އެކުލަވާލާ އެއާއި އެއްގޮތަށް ހަރަދު ބެހެއްޓުމުން ރީތިކޮށް ލިބޭ އެއްޗައްކުން ފުދިގެން އުފާވެރި ދިރިއުޅުމެއް އުޅެވެއެވެ.

ސްމާޓްކޮށް ހޭދަ ކުރުން!

ސްމާޓްކޮށް ހަރަދު ކުރުމަކީ ކުޑަ ފައިސާކޮޅަކުން ވީހާވެސް ގިނަ ދުވަހަށް ފުއްދާލުމެވެ. ހަރަދު ކުރާއިރު ރަނގަޅު ޑީލެއް ހޯދުމާއި، ސެކަންޑް ހޭންޑް ތަންތަނުން ތަކެތި ގަަތުމާއި، ބޮޑެތި ފިހާރަތަކުން އަޅުވާ ސޭލްތަކަށް ސަމާލުވެ އެތަންތަނުން ހަރަދު ކުުރުމެވެ.

މީގެ އިތުރުން ހަރަދު ނުކުރަންވީ ކޮން އިރަކުތޯ ވެސް ދެނެގަންނަންޖެހެެ އެވެ. ބަޖެޓަށް ބުރަވާ ނުވަތަ ފިޓް ނުވާ އެއްޗެއް ގަތުމުގެ ބަދަލުގައި ހަމަޖެހިލައިގެން ފައިސާ އެއްކޮށްލައި ގަނެވެންދެން މަޑުކޮށްލުމެވެ. ނުވަތަ ސޭލްއެއް އަޅުވަންދެން ގަތުމަށް މަޑުކޮށްލުމެވެ. މިކަހަލަ އާދަތަކާއެކު ހަރަދުކުރުން އަމިއްލަ ކޮންޓްރޯލް ދަށަށް ގެނެވިދާނެ އެވެ.

ގަތުމަކީ ހައްލެއް ނޫން!

އަބަދު ގަތުމުގެ ބަދަލުގައި ބަލަންވީ އެއްޗެއް ވީހާވެސް ގިނަ ފަހަރު ބޭނުން ކުރުމަށެވެ، އެއްޗެއް އެއްލާލުމުގެ ކުރިން އެއިން ލިބެނޭ އެހެން ފައިދާއެއް އޮތް ނަމަ ނުވަތަ އެހެން ބޭނުމެއް ކުރެވޭނަމަ އެކަމަކަށް ބޭނުން ކުރަންވީ އެވެ. މިސާލަކަށް ފޮތް ހަރަކަށް ބޭނުން ކުރި ކަބަޑެއް ފައިވާން ލުމަށް ބޭނުން ކުރެވިދާނެ އެވެ. އަބަދު ގޭތެރޭ ސާމާނު އާ ކުރުމުގެ އާދައެއް އަހަރުމެންގެ ތެރޭގައި އޮވެ އެވެ. މީގެ ބަދަލުގައި އަތުގައި ތިބި އެއްޗެހި އުކާލާ އަލުން ހޯދުމުގެ ބަދަލުގައި އިތުރަށް ބޭނުން ނުކުރެވޭ ވަރު ވުމުން ނޫނީ އާ ތަކެތި ހޯދުމާއި ދުރުވާންވީ އެވެ.

ގޭގެ ހަރަދު ކުޑަ ކުރުން

ގޭގައި ކުއްޔަކީ ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫނެވެ. އެހެން ނަމަވެސް ގޭގެ ޔުޓިލިޓީސް ކޮންޓްރޯލް ކުރެވިދާނެ އެވެ. ކަރަންޓް ހަރަދު ކުޑަ ކުރަން ބޭނުން ނުކުރާ ތަންތަން ނިންވުމާއި ފެން އިސްރާފު ނުވާ ގޮތަށް ބަލައިގެން އުޅުވިދާނެ އެވެ.

ކެއިންބުއިމުގެ ހަރަދު ކުޑަ ކުރުމަށް ބޭރުން ކެއުމުގެ އާދައާއި ދުރުވުމާއި ގެއިން ކެއުމަށް އާދަ ކުރެވިދާނެ އެވެ. ބޭރުން ކެއުމަކީ މަޖާކަމެކެވެ. ނަމަވެސް މިއީ ޖީބަށް ބާރު ބޮޑު ގޮތެކެވެ. ބޭރުން ނުކައި ގިނަ ވަގުތު ގެއިން ކާން އާދަ ކުރާނަމަ ބޭންކް އެކައުންޓަށް އެތައް ގުނައެއް ލުއިވެއެވެ.

ގޭގައި ކައްކަން ކާބޯތަކެތި ގަންނަ އިރު ގަންނަ އިރު ހަރަދުކުޑަ ކުރުމަށް ކައްކަން ބޭނުންވާ އެއްޗެެހީގެ ލިސްޓެއް ހިފައިގެން ދެވިދާނެ އެވެ. ހަފުތާގައި ކައްކާނެ އެއްޗެއް ދުރާލާ ރާވަލާ ޕްލޭނެއް ހަދާލެވިދާނެ އެވެ.

ހަރަދުކުޑަ ދިރިއުޅުމެއް އިހުތިޔާރު ކުރާނަމަ މިއީ މީހާގެ ސްޓްރެސް މަދު އުފާވެރިކަން ގެންނާނެ ކަމެކެވެ. ދިރިއުޅުމުގައި އެމީހަކު ކުރަން ބޭނުންވާ ކުރުމަށް ނުވަތަ މަގުސަދު ހާސިލް ކުރުމަށް ފައިސާ ރައްކާވެފައި ހުރެއެވެ.