ލައިފްސްޓައިލް

އުފާވެރި ޒަވާޖީހަޔާތެއްގެ ފުރިހަމަ ރެސިޕީ އެނގޭތަ؟

Aug 6, 2015

އެންމެ ފުރިހަމަ ރެސިޕީ ނޭނގި އެއްޗެއް ކެއްކީމަ އެއިން ދޭ ރަހަ ފަހަރެއްގައި އެހާ ކަމުދާ ރަހައަކަށް ނުވެދާނެ އެވެ. ލޯތްބަކީ ވެސް ހަމަ އެކަހަލަ އެއްޗެކެވެ. ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުމެއް ވެސް މި ދެންނެވި "ރެސިޕީ" އޮޅުވާލައިގެން ގޯސްވެދާނެ އެވެ.

ދިރިއުޅުން ކައްކަން ޖެހޭ ގޮތް ނޭނގި އުޅެނިކޮށް ދުންގަތީމަ ދެން އޮންނާނީ ހުރިހައި ކަމެއް ބޮއްސުންލައިފަ އެވެ.

އެހެންވީމަ ލޯބި އޭގެ އެންމެ ފުންމިނަށް ފައްކާކުރާނެ ގޮތާއި ގުޅުމެއް އޭގެ އެންމެ ފުންމިނަށް ފައްކާކުރާނެ ގޮތް އެނގެން އެބަޖެހެ އެވެ.

އެހެންވީމަ އެ ރެސިޕީއެއް ހޯދުމަށް ދަތުރުފެށުމުގެ ކުރިން އެހެން ވާހަކައެއް ވެސް ހިއްސާކޮށްލާނަމެވެ. ޒުވާން ލަވަކިޔުންތެރިޔާ އަންދަލާ ހަލީމް ޓީވީއެމްގެ ރާގު ޝޯ އަށް 2013 ވަނަ އަހަރު ރިކޯޑްކޮށްފައިވާ ލަވަ "ޖޯޑެއްގެ ސާފު ލޯބި" މިއީ ވެސް ލޯބީގެ ރެސިޕީއެއް ކިޔައިދޭ ލަވައެކެވެ.

މިއީ ދުޅަހެޔޮ ޒަވާޖީހަޔާތެއްގައި ދެމި ތިބުމަށް އެދޭ ނަމަ ކޮންމެހެން ކުރުން ލާޒިމް ކަމަށް ހުރިހައި ތަޖުރިބާކާރުން ވެސް ލަފާ ދޭ ކަމެކެވެ. އާދައިގެ ކޫސަނި ކަންކަމުގައި މޫނު ކުނިކޮށްލައިގެން ޒުވާބެއް ކޮށްލައިގެން ދުވަސް ނިންމާލުމުގެ ބަދަލުގައި ދެ މީހުންގެ ދިރިއުޅުމާ ގުޅިފައިވާ އުފާވެރިކަމެއް ނުވަތަ ހާއްސަ ކަމެއް ކޮންމެވެސް ގޮތެއް ހަދައިގެން ފާހަގަކޮށްލުމަކީ ދިރިއުޅުމަށް އުފާވެރިކަމެއް ބަންޑުންވެދާނެ ކަމެކެވެ.

ދިރާސާތަކުން އެނގިފައިވާ ގޮތުން މިގޮތަށް، ދިރިއުޅުމަށް އަންނަ އުފާވެރި ދުވަސްތައް ނުވަތަ ދިމާވާ އުފާވެރި ކަންކަން ފާހަގަކުރުމަކީ އެކުގައި އުޅޭ ދެ މީހުންގެ ދެމެދުގައި ލޯތްބާއި އިތުބާރާއި ތެދުވެރިކަން އަދި ހިތްހަމަޖެހުން އިތުރުކޮށްދޭ ކަމެކެވެ.

އެހެންވީމަ އުފަން ދުވަހާއި އެނިވާސަރީ ފާހަގަކުރަން ހަނދާން ނައްތައިނުލައްޗެކެވެ. މީގެ އިތުރުން ދެ މީހުންނަށް ވަކިވަކިން ލިބޭ ކުރިއެރުންތަކުގައި ވެސް ކޮންމެވެސް ކަހަލަ ސެލެބްރޭޝަނެއް ހިމަނައިލުމަކީ ޔަގީނަށް ވެސް އޭގެ ފައިދާތަކެއް ދެ މީހުންގެ ދިރިއުޅުމަށް ކުރާނެ ކަމެކެވެ.

ކޮންމެ ކަމެއް ވެސް ގޯސްވެ ބޮއްސުންލައިގެން ދަނީ ހެދޭ ގޯސްތަކެއް ތަކުރާރުވުމުގެ ސަބަބުންނެވެ. މި ސަބަބާ ހެދި ތަޖުރިބާކާރުން ބުނަނީ ޒަވާޖީހަޔާތެއް ހަލާކުނުވެ ދެމިއޮތުމަށް އެދެނީ ނަމަ ގޯސް ކަމެއް ކުރެވޭ ހިނދު އޭގެ މައްޗަށް ރަނގަޅު ފަސް ކަމެއް އަންނަން ޖެހޭނެ ކަމަށެވެ.

މި ރޭޝިއޯ ދިމާނުކުރެވިއްޖެ ނަމަ ވަރިއާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

މީހުން ބުނެ އުޅެއެއް ނޫން ހެއްޔެވެ؟ ރަނގަޅު ކަންތައް ގިނަވީމަ ގޯސް ކަމެއް ހިނގިކަމުގެ އިހްސާސެއް ނުކުރެވޭނެ އެވެ. މިއީ އެކަހަލަ ކަމެކެވެ.

ވަރަށް ގިނަ މީހުން ބުނާ ވާހަކައެއް އޮވެ އެވެ. އެކްސްޕެކްޓޭޝަން މާ މަތިނުކުރާށެވެ. ހާއްސަކޮށް ކައިވެންޏަކުން ލިބޭ އެއްޗަކަށް އެކްސްޕެކްޓޭޝަން މަތިނުކުރުމަށް ގޮވާލާ އަޑު އިވޭލެއް ނިކަން އާންމެވެ.

މީހުން މިހެން ބުނެ އުޅެނީ އުއްމީދުތައް މާ މަތިވުމުން ހޮނޑުލެވިދާނެ ކަމަށް ބުނެ އެވެ. އެކަމަކު ދިރާސާތަކުން ދައްކަނީ މުޅިން ތަފާތު ނަތީޖާ އެކެވެ.

ދިރާސާތަކުން ދައްކާ ގޮތުން މިގޮތަށް އުއްމީދުތައް މަތިވުމަކީ އޭގެ ނަތީޖާ މާ ފޮނިވާ ކަމެކެވެ.

ދިރާސާތަކުން އެނގިފައިވާ ގޮތުން އަދި ތަޖުރިބާކާރުން ބުނާ ގޮތުން ޒަވާޖީހަޔާތެއްގައި ރަނގަޅު އަޅާލުމެއް ލިބުމަށް އެދޭ މީހާ އަދި އެކަމަށް ބާރުއަޅާ މީހާގެ ހަޔާތް މިގޮތަށް މަސައްކަތްނުކުރާ މީހާގެ ހަޔާތަށް ވުރެ އުފާވެރި އެވެ. އެހެންވީމަ "ތި މަންނައާ އިންނައިރު މާ ބޮޑު އެއްޗެއް ލިބިދާނެ ކަމަށް ހީނުކުރައްޗޭ" ބުނާ މީހުންނާ އިންނަން ވެސް ހިފާނެ ކަމެއް ހަގީގަތުގައި ނެތެވެ.

ކައިވެނީގެ ގުޅުން ދިރިއުޅުމުގެ މަތީ ފަޑީގައި ގެންގުޅޭ މީހުންނަކީ އުފަލުގައި އުޅޭ މީހުންނެވެ. މައްސަލައެއް ޖެހުމުން ޝަކުވާއެއް ނުކޮށް އެ ކަމެއް ރަނގަޅުނުކޮށް ފަރުވާކުޑަކޮށްލައިގެން އެނދަށް އަރައި ކަންނެތްކަމުގައި ނިދައިފައި އޮންނާ މީހާގެ ހަޔާތް ވެސް އޮންނާނީ ނިދައިފަ އެވެ.

"ޖަސްޓް މެރިޑް" ބޯޑު ކަރުގައި އަޅުވައިގެން އެކުވެރިންނާއި އާއިލާގެ މީހުން ދޫކޮށް ވަކިން ދުރު ތަނެއްގައި ދިރިއުޅުމަކީ ދެ މީހެއްގެ ޒަވާޖީހަޔާތް ނިކަން އުފާވެރި ގުޅުމަކަށް ބަދަލުކޮށްފާނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ހީކޮށްފާނެ އެވެ. އަދި މި ޒަމާނުގައި ކައިވެންޏާއި ޒަވާޖީހަޔާތުގެ ގުޅުން މި އޮންނަނީ ހަމަ އަސްލަށް ދެ މީހެއްގެ ކަމަކަށް ބަދަލުވެފަ އެވެ. 

ނަމަވެސް ހަގީގަތަކީ މިއީ އެއް ނޫނެވެ. ކައިވެނިކުރުމަކީ ތިމާގެ އެހެން ހުރިހައި ގުޅުންތަކެއް ކަނޑާލަން ޖެހޭ ސަބަބެއް ކަމަށް ދެކިގެން ނުވާނެ އެވެ. ހާއްސަކޮށް އެކުވެރިންނާއި އާއިލާގެ މީހުންނާ ގުޅުން ކަނޑާލައިގެން ނުވާނެ އެވެ.

ތަޖުރިބާކާރުން ބުނަނީ އެންމެ އުފަލުގައި އުޅޭ ދެމަފިރިންނަކީ އެމީހުންގެ ފަހަތުގައި ކޮންމެވެސް ބަޔަކު ތިބޭ ދެ މީހުން ކަމަށެވެ. މީހުން ވެސް ބުނެ އުޅެއެއް ނޫން ހެއްޔެވެ. ވަކިވެގަތުމަކީ ހަލާކެކެވެ.

މިއީ އެއްގޮތަކަށް ވެސް އެ ވާހަކައެއް ދައްކަން ލަދުގަންނަން ޖެހޭ ވާހަކައެއް ނޫނެވެ. މިހެން ބުނީމަ ބައެއް މީހުން އެމީހުންގެ އަނގަމަތީގައި އަތް އަޅައިފާނެ އެވެ.

ނަމަވެސް ހަގީގަތަކީ ޒަވާޖީހަޔާތުގެ ދަތުރުގައި މައްސަލަތަކެއް ޖެހިގެން އުޅޭ ނަމަ ދެމަފިރިއެއްގެ ދެމެދުގައި އޮންނަ ޖިންސީ ގުޅުން އިތުރުކޮށްގެން އެތައް ބައިވަރު މައްސަލަތަކަކަށް ހައްލު ހޯދިދާނެ ކަމެވެ. މިއީ ދިރާސާތަކުން ސާބިތުވެފައި ހުރި ކަންކަމެވެ. ގަވާއިދުން ޖިންސީ ގުޅުން ހިންގައި ލޯބިކޮށް އުޅުމަކީ ދެމަފިރިއެއްގެ ހަޔާތަށް ބަޔޮލޮޖިކަލް އަދި އިމޯޝަނަލް އެތައް ފައިދާއެއްކުރާ ކަމެކެވެ.

މޫޑް ރަނގަޅުކޮށް، ކެތްތެރިވުމަށް ދަސްކޮށްދީ ރުޅިވެރިކަން ވެސް ދުރަށް ޖައްސަ އެވެ.

އެހެންވީމަ މި ލިޔުމެއް ވިދާޅުވަމުން ތިޔަ ގެންދަވާ ފަރާތަކީ އަނބިމީހާއާ ނުވަތަ ފިރިމީހާއާ މައްސަލަޖެހި ވަރި ފަށަށް އަރާފައިވާ ފަރާތެއް ނަމަ އޭނާ ގޮވައިގެން ލޯބީގެ ދާނަކަށް ބަންޑުންވެގަތުމަކީ ފަހަރެއްގައި މިވަގުތަށް އޮތް އެންމެ ފައްކާ ހައްލެވެ.