ބޮލީވުޑް

"ކިކް 2" ގައި ސަލްމާންގެ ޑަބަލް ރޯލު

Aug 6, 2015

ޕަވަން ކުމާރު ޗަތުރްވެދީ ނަމަކަށް ކިޔާ ވަރަށް ރަނގަޅު މީހެއްގެ ރޯލުން "ބަޖްރަންގީ ބައިޖާން" ގައި ފެނިގެންދިއުމަށްފަހު ސަލްމާން ޚާން ވަނީ "ކިކް"ގެ ސީކުއަލްގައި އޭނާ ފެނިގެންދާނީ ޑަބަލް ރޯލަކުން ކަމަށް ބުނެފަ އެވެ.

މިހާރު މިފިލްމުގެ ސްކްރިޕްޓްގެ މަސައްކަތްކުރަމުން އަންނައިރު، ސަލްމާންގެ ޑަބަލް ރޯލު މިފިލްމުގައި ހިމެނުމަށް ޑައިރެކްޓަރު ސާޖިދް ނަޑިއަޑްވާލާ ކުރެން ބުނެފައިވަނީ ވެސް ސަލްމާން އެވެ. މީގެއިތުރުން ފިލްމުގެ ކޮންސެޕްޓް ސާޖިދަށް ދިނީ ސަލްމާން ކަމަށާއި، ސާޖިދް މިހާރު އަންނަނީ ފިލްމުގެ ވާހަކައިގެ މަސައްކަތްކުރަމުން ކަމަށް ސަލްމާން ވަނީ ބުނެފަ އެވެ.

"ސްކްރީންޕްލޭ އާއި ވާހަކައިގެ މަސައްކަތް ނިމުމުން ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ" މިފިލްމުގައި އޭނާގެ ޑަބަލް ރޯލު ހިމެނުމަކީ މޮޅު އައިޑިއާއެއް ކަމަށް ބުނަމުން ސަލްމާން ބުންޏެވެ.

މިދަޔަ އަހަރު ނިކުތް ބްލޮކްބާސްޓާ "ކިކް" އަކީ މަޝްހޫރު ޕްރޮޑިއުސަރު ސާޖިދް ނަޑިއަދްވާލާ ޑައިރެކްޓަރެއްގެ ގޮތުގައި ޑައރެކްޓްކުރި ފުރަތަމަ ފިލްމެވެ.

މިފިލްމުގެ ސީކުއަލް އާއި ބެހޭގޮތުން ވާހަކަދައްކަމުން ސާޖިދު ވަނީ މިއީ ބެލުންތެރިންނާއި ހަމައަށް ކޮންމެހެންވެސް ގެނެސްދޭންޖެހޭ ވާހަކައެއް ކަމަށާއި ކުރިއަށް ދެތިން މަސްދުވަހުގެ ތެރޭގައި މފިލްމުގެ ވާހަކަ ލިޔެ ނިމޭނެ ކަމަށެވެ.

"ކިކް 2"ގައި ސަލްމާން ޑަބަލް ރޯލު ކުޅޭނަމަ މިއީ 1995 ގައި ނިކުތް "ކަރަން އަރްޖުން" އާއި 1997 ގައި ނިކުތް "ޖުޅްވާ" އަށްފަހު ސަލްމާން ޑަބަލް ރޯލުން ފެނިގެންދާނެ ހަތަރު ވަނަ ފިލްމެވެ. މިހާރު ސަލްމާން ކުޅެމުންދަ ސޫރަޖް ބަރްޖަތްޔާގެ "ޕްރޭމް ރަތަން ދަން ޕާޔޯ" ގައި ވެސް ސަލްމާން ޑަބަލް ރޯލަކުން ފެނިގެންދާނެ އެވެ.

"ކިކް"ގެ ފުރަތަމަ ބައިގައި ސަލްމާން އާއިއެކު މުހިންމު ރޯލުތަކުން ފެނިގެން ގޮސްފައިވަނީ ޖެކުއަލީން ފާނެންޑޭޒް އާއި ރަންދީޕް ހޫޑާގެ އިތުރުން ނަވާޒުއްދީން ސިއްދީގީ އެވެ. އަދި "ކިކް 2"ގެ މުހިންމު ރޯލުންތަކުން ފެނިގެންދާނީ ކޮން ތަރިންނެއް ކަމެއް އަދި ނިންމާފައިނުވާއިރު، ބަތަލާގެ ރޯލުން ޖެކުއަލީން ފެނިގެންނުދާނެ ކަމަށް ދާދިފަހުން ސަލްމާން ވަނީ ބުނެފަ އެވެ.