އެފްރިކާ ބައްރުގެ ގައުމުތަކުގައި ހަރަކާތްތެރިވާ ސަރުކާރާ ދެކޮޅު ހަތިޔާރު އެޅި ޖަމާއަތްތަށް ބަލި ކުރަން އެއް ބިލިއަން ޑޮލަރު ބޭނުން ވާނެ ކަމަށް އެފްރީކާގެ ލީޑަރުންގެ ބައްދަލުވުމެއްގައި ނިންމައިފި އެވެ.
އިކޮނޮމިކް ކޮމިއުނިޓީ ސަމިޓް އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އީކޯވޯސް) ގެ ނަމުގައި މޮރިޓޭނިއާ އާއި ޗާޑް ގައި ކުރިއަށްދާ ސަމިޓްގައި ގައުމުތަށް ގުޅިގެން ހަނގުރާމަވެރި ޖަމާއަތްތައް ބަލި ކުރަން އެއް ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ނިންމައި އެ ފައިސާ ހޯދާނެ ގޮތަކާމެދު ވަނީ މަޝްވަރާ ކޮށްފަ އެވެ.
ސަމިޓުގައި ބައިވެރިވި ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރި ވިދާޅުވީ، އެއް ބިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައެޅީ ސަރުކާރާ ދެކޮޅު ޖަމާއަތްތައް ބަލި ކުރުމުގެ އިތުރުން، އެފްރިކާގައި ގާއިމްވެ ތިބޭ ޓެރަރިސްޓު ޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަ ކުރަން ކަމަށެވެ.
މި ފަންޑަށް އެފްރިކާގެ ކޮންމެ ގައުމަކުން ވެސް އަހަރަކު ވަކި މިންވަރެއް ޖަމާ ކުރާ ގޮތަށް ވަނީ ފާސްކޮށްފަ އެވެ. އެގޮތުން 2024 ވަނަ އަހަރުގެ ނިޔަލަށް އެއް ބިލިއަން ޑޮލަރު ހަމަވާނެ ކަމަށް ނައިޖީރިއާގެ ރައީސް ވިދާޅުވި އެެވެ.
ނައިޖީރި އަދި ސޫދާން ބޯޑަރު ގުޅޭ ސަރަހައްދުގައި އޮންނަ ސަހޭލް ރީޖަނަކީ ނުރައްކާތެރި ޓެރަރިސްޓު ގްރޫޕުތައް ކަމަށްވާ އަލްގައިދާ އަދި އައިއެސް އިން އަތްގަދަ ކޮށްފައިވާ ސަރަހައްދެކެވެ. މީގެ އިތުރުން ބޯކޯ ހަރާމުން ވެސް ދަނީ ނައިޖީރިއާގެ ފަގީރު އަވަށްތަކަށް އަތްގަދަ ކުރަމުންނެވެ.
ސަހޭލް ސަރަހައްދުގައި އެފްރިކާގެ ގައުމުތަކުގެ ސިފައިން ބޭސްތައް ހަދައި ޓެރަރިސްޓު ގްރޫޕުތަކާ ދެކޮޅަށް އޮޕަރޭޝަން ހިންގުމަށް ވެސް ސަމިޓުގެ ތެރެއިން ވަނީ ފާސްކޮށްފަ އެވެ. ސަހޭލް ސަރަހައްދުގައި ތިބޭ ހުރިހާ ސިފައިންގެ ކަންތައްކާއި އޮޕަރޭޝަންތަކަށް ފަންޑުކުރާނީ އެއް ބިލިއަން ޑޮލަރުގެ ފަންޑުންނެވެ.
އެފްރިކާގެ ސަރުކާރުތަކާ ދެކޮޅަށް ހަތިޔާރު އެޅި ޖަމާއަތްތަކުން ހަރަކާތްތެރިވާ މައްސަލަ ބޮޑުވުމުން އދ ސިފައިން ނުވަތަ ޕީސްކީޕަރުން ވެސް ވަނީ ހަތިޔާރު އެޅި ޖަމާއަތްތަކާ ދެކޮޅަށް މަސައްކަތް ކޮށްފަ އެވެ. އެފްރިކާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތްތަކުން ފާއިތުވި ހަތަރު އަހަރު ދިން 2،200 އަށް ވުރެ ގިނަ ހަމަލާގައި ވަނީ 11،500 މީހުން މަރުވެ، މިލިއަނަކަށް ވުރެ ގިނަ މީހުން ޒަހަމްވެފަ އެވެ.