އަލް ގައިދާގެ ޖަމާއަތުގެ ލީޑަރު އަދި ނައިން އިލެވެންގެ ހަމަލާގެ ފަހަތުގައި ހުރި އުސާމާ ބިން ލާދިންގެ ދަރިފުޅު ހަމްޒާ ބިންލާދިން މަރުވެފައިވަނީ އެމެރިކާއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.
ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނީ، ހަމްޒާ މަރުވެފައި ވަނީ ޕާކިސްތާނާއި އަފްޣާނިސްތާނުގައި ކުރިއަށް ގެންދިޔަ އަސްކަރީ އޮޕަރޭޝަނެއްގައި ކަމަށެވެ. ހަމްޒާ މަރާލެވުމަކީ އަލް ގައިދާ ޖަމާއަތުގެ ހަރަކާތްތައް ހުއްޓުމަކަށް އައުން ކަމަށް ވެސް ވައިޓް ހައުސްއިން ބުންޏެވެ.
ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއްގައި ހަމްޒާ މަރުވެފައިވާ ކަމުގެ މައުލޫމާތު އެމެރިކާ ސަރުކާރާ ހިއްސާކުރީ އެމެރިކާގެ ޖާސޫސުންނެވެ. ނަމަވެސް ހަމްޒާ މަރުވެފައި ވަނީ ކޮން ދުވަހެއްގައި ކަމެއް އެމެރިކާއިން ހާމަ ކޮށްފައެއް ނުވެ އެވެ.
ދެހާސް ސަތާރަ ވަނަ އަހަރު އެމެރިކާއިން ވަނީ ހަމްޒާއަކީ އަލް ގައިދާގެ އާ ލީޑަރުގެ ގޮތުގައި ކަނޑައަޅާފައިވާކަން އެނގޭ ކަމަށެވެ. އަދި ހަމްޒާ ހުރި ތަނެއްގެ މައުލޫމާތު ދޭ ފަރާތަކަށް އެއް މިލިއަން ޑޮލަރުގެ އިނާމެއް ދޭން ވެސް އެމެރިކާއިން ވަނީ ނިންމި އެވެ.
ހަމްޒާ، އަލް ގައިދާގެ ލީޑަރު ކަމަށް ހަމަޖައްސަން ނިންމާފައިވާ ކަން އެމެރިކާއަށް އެނގުނީ، ބިން ލާދިން މަރާލަން ހިންގި އޮޕަރޭޝަންގައި ބިން ލާދިން ގެންގުޅުނު ޑޮކިއުމެންޓުސްތަކުގެ ޒަރިއްޔާއިންނެވެ. އެހާ ހިސާބުން އެމެރިކާގެ ޖާސޫސީ އިދާރާތަކުން ވަނީ ހަމްޒާ ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.
ޖާސޫސުންނަށް ފިލެގެން ހަމްޒާ ދިރިއުޅެމުން ގެންދިޔައީ ޕާކިސްތާނު ބޯޑަރު ކައިރީގަ އެވެ.