ބާ ކައުންސިލަށް ކަނޑައެޅިފައިވާ ބަޖެޓް މިހާރު ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ބާ ކައުންސިލް އުފައްދާ އެ ކައުންސިލަށް މެންބަރުން އިންތިހާބު ކޮށްފައިވަނީ ޖުލައި މަހުގެ 13ވަނަ ދުވަހުއެވެ. ބާ ކައުންސިލުން މިމަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވަނީ އެ ކައުންސިލަށް ބަޖެޓް ލިބިފައިނުވާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނީ ބާ ކައުންސިލަށް ކަނޑައެޅިފައިވާ ބަޖެޓް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ބާ ކައުންސިލުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު މިހާރު ބާ ކައުންސިލަށް އަންގާފައިވާ ކަމަށް ވެސް ފިނޭންސް މިނިސްޓްްރީން ބުންޏެވެ. އެ އެންގުން އަންގާފައިވަނީ މިދިޔަ ހަފްތާގައި ކަމަށް ފިނޭންސުން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ބާ ކައުންސިލުން ފުރިހަމަ ކުރަންޖެހޭ ކަންކަމަށްފަހު އެ ކައުންސިލަށް ހަަމަޖެހިފައިވާ ފައިސާ ދޫކުރާނެ ކަމަށެވެ.
ބާ ކައުސިލުން އިސްލާމިކް ޔުނިވާސިޓީ ހޯލުގައި ބޭއްވި ފޯރަމްގައި މައުމޫން ހަމީދު ވިދާޅުވީ ބާ ކައުންސިލަށް އޮފީހެއް، ބަޖެޓެއް އަދި މުވައްޒިފެއްވެސް ހަމަޖެހިފައިނުވާ ކަމަށެވެ. އެ ކައުންސިލްގައި އިންތިހާބުކޮށްފައި ތިއްބެވި މެންބަރުން އިތުުރުން މިހާތަނަށް ލިބިފައިވާ ސެކްރެޓަރީ ޖެނެރަލެއް އެކަނި ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ ބަޖެޓް ހަމަޖެހުމުން ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ.
ބާ ކައުންސިލްގެ ރައީސަކީ މައުމޫން ހަމީދެވެ. ނާއިބަކީ ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ.
ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ބޭއްވި ބާ ކައުންސިލް އިންތިހާބުގައި މެންބަރު ކަމަށް އިންތިހާބުވި ބޭފުޅުންގެ ތެރޭގައި ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒާއި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައިމް ހިމެނެ އެވެ.
ދެން އިންތިހާބުވި ތިން މެންބަރުންނަކީ އެމްޑީޕީގެ ސެކްރެޓްރީ ޖެނަރަލް އަނަސް އަބްދުލް ސައްތާރާއި މުހައްމަދު ފައިސަލާއި މުހައްމަދު އަސީލް ހަސަން އެވެ. ކުރިން ގާޒީކަން ކުރެއްވި އައިޝާ ސުޖޫން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމުން ބާ ކައުންސިލުން އިސްތިއުފާ ދެއްވާފަ އެވެ. އެ މަގާމު މިހާރު ވަނީ ހުސްވެފަ އވެެ.