ޕޮލިޓިކްސް

2023 ގައި ޖޭޕީން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ: ގާސިމް

ދެހާސް ތޭވީސް ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ކެންޑިޑޭޓަކު ނެރޭނެކަން އެ ޕާޓީން އިއުލާނުކޮށްފި އެވެ.

ޖޭޕީއަށް މެންބަރުންތަކެއް ސޮއި ކުރަން މިރޭ ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ޖޭޕީ ބޮޑުކޮށް ވަރުގަ ދަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޕާޓީގެ މެންބަރުންގެ އަދަދު 30،000 އިތުރު ކުުރަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ "ރިފޯމް" ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށާ ކުރިއަށް އޮތް ތާނގައި ރާއްޖޭގައި އޮތް އެންމެ ޑިމޮކްރެޓިކް ޕާޓީއަކަށް ވެގެންދާނީ ވެސް ޖޭޕީ ކަމަށެވެ. އަދި ގާސިމް ވިދާޅުވީ 2023 ގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ.

"އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވެސް ކެންޑިޑޭޓަކު ނެރޭނެ. އެކަން ކަށަވަރު. އެއީ ކޮން ބޭފުޅެއްތޯ އަޅުގަނޑުތޯ ނޫނީ އެހެން ބޭފުޅެއްތޯ ނިންމާނީ ޕާޓީން." 2008 ވަނަ އަހަރު އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ޖޭޕީ އަބަދު ތިންވަނަ ޕާޓީގެ ގޮތުގައި ނުވަތަ ދެވަނަ ޕާޓީގެ ގޮތުގައި ނޯންނާނެ ކަމަށާއި އެއްވަނަ ޕާޓީގެ ގޮތުގައި ވެސް އޮންނާނެ ކަމަށެވެ.

ޖޭޕީއަށް ގެންނަ ބަދަލުތަކުގެ ތެރެއިން ޕާޓީގެ ލީޑަރު އިންތިޚާބު ކުރާގޮތަށް ވެސް ބަދަލު ގެންނަން ހުށައަޅަން ގަސްތުކުރައްވާ ކަމަށް ވެސް މިރޭ ގާސިމް ވިދާޅުވި އެވެ.