ރާއްޖެ ބަދަލުކޮށް، އެހެން ގޮތަކަށް ދިވެހިން އަނބުރަން ދިވެހިންގެ ތެރެއިން ބަޔަކު އުޅޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ދެއްކެވި ވާހަކަތަކަށް، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅު ވެއްޖެ އެވެ.
ޣިޔާސުއްދީން ސުކޫލުގެ ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ދިވެހިންގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ދިވެހިންގެ ތެރެއަށް ބުރުގާ އެޅުން ތައާރަފުވުމުގެ ކުރިން ދިވެހިން ލައި އުޅުނު ހެދުން ދޫކޮށްލުމުން އެކަމާ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. ވިދާޅުވީ ގޮތް ބަދަލު ނުކޮށް އެ ގޮތުގައި ތިބުމަށް ގޮވާލައްވާ ކަމަށެވެ.
ގާސިމް ވިދާޅުވީ މީގެ ހާހެއްހާ އަހަރު ކުރިން ފެށިގެން ދިވެހިން ގަބޫލު ކޮށްގެން ތިބި އިސްލާމްދީނުގައި ސާބިތުވެ ތިބުމުން ކަންބޮޑުވާ ބޭފުޅަކު އުޅުއްވާ ކަމަށެވެ. އެކަމަކު ދިވެހިންގެ ތެރޭގައި ސިޔާސީ ގޮތުން ކިތަންމެ ބޮޑު ޚިޔާލު ތަފާތުވުންތަކެއް އޮތް ނަމަވެސް ދީނީ މައްސަލަތަކުގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް ނެތް ކަމަށެވެ.
ގާސިމް ވިދާޅުވީ ދިވެހިން ކުރިން އުޅުނު ގޮތްކަމަށް ބުނެ އެހެން ގައުމިއްޔަތެއް ގެނައުމަށް ދިވެހިން ފުުރުސަތު ނުދޭނެ ކަމަށާއި އެ ފުރުސަތު ޖޭޕީ އާއި އެމަނިކުފާނު ވެސް ނުދެއްވާނެ ކަމަށެވެ.
"އެކި ގޮތް ގޮތުން އަޅުގަނޑުމެންނަށް އިވެމުން މިދަނީ ރާއްޖޭގައި އޮތް މާތްވެގެންވާ އިސްލާމްދީން މަތީގައި ގައުމު އޮވެގެން މި ކުރިއަށްދާ ދިއުމާމެދުގައި ބަޔަކު ކަން ބޮޑު ވެގެން އުޅޭކަން. މީހަކު ކަން ބޮޑު ވެގެން އުޅޭކަން. މިއީ ވަރަށް ދެރަ ކަމެއް އިނގޭތޯ! އެ މީހަކީ ކާކުތޯ އަޅުގަނޑު ކޮށި ކުޑަ ކޮށްލާފައި ގެންނަ ކަމަށް ވަންޏާ... ދަންނަވާކަމަށް ވަންޏާ އެއީ މިއަދު އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނެވި މުހައްމަދު ނަޝީދު... ވަރަށް ދެރަ ކަމެއް ދެއްތޯ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ ޣިޔާސުއްދީން ސުކޫލު ދަރިވަރުންގެ ބައިވެރިވި ޖަލްސާއެއްގައި ނަޝީދު އެފަދަ ވާހަކަފުޅެއް ދެއްކެވީ ކީއްވެގެންތޯ ވެސް މިރޭ ސުވާލު ކުރައްވާފަ އެވެ.
"ކުދިންތަކަކަށް ކޯންޗެއް ވިސްނައިދޭންތޯ މި އުޅެނީ.. ސީދާ ކަނޑައެޅިގެން ރޯމަރު ދޮގު މި ހައްދަވަނީ!" ގާސިމް ވިދާޅުވިއެވެ.
ރޭ އޮތް ޖަލްސާގައި ނަޝީދު ވިދާޅުވީ ދިވެހިންގެ "ގައުމިއްޔަތު" ބަދަލު ކުރަން، ނުވަތަ ފޮހެލަން ވޭތުވެދިޔަ 20 އަހަރުތެރޭ ގިނަ މަސައްކަތްތަކެއް ބަޔަކު ކޮށްފައިވާ ކަމަށެވެ.
"އެންމެ ބޮޑު ކަމަކީ މިސްކިތްތައް ތަޅާލުން. ގަބުރުސްތާނުތައް ތަޅާލުން. ޒިޔާރަތްތައް ތަޅާލުން، މާޒީ ފުހެލުން! އެއަށްފަހު މުޅިން އެހެން ގޮތެއް އެއީ އަޅުގަނޑުމެންގެ ގޮތް ކަމަށް އަޅުގަނޑުމެންގެ ތެރެއަށް ތައާރަފު ކުރުން. އެއީ ހެދުން ވެސް އަޅުގަނޑުމެން ބަދަލު ކުރުން. ފަގުޑިއެއް ވެސް އެޅުން ނުވަތަ އެހެން ގޮތަކަށް އާންމުކޮށް މުންޑު އަދެފައި ތިބޭ މީހުން [ހުސްގަޔާ] އާންމުކޮށް ލިބާސް ލާފައި ތިބޭ މީހުން އަދި އެއަށްފަހު އަޅުގަނޑުމެން ލާން ފެށި އެއްޗަކީ ފަޓުލޫނު،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ދިވެހިންގެ މާޒީ ފުހެވި ދިވެހިން އުޅެމުންދިޔަ ގޮތް ބަދަލު ކުރުމަށް އެތައް ގޮތްތަކެއް ތައާރަފު ކޮށްފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއް ގެނުވި އެއްކަމަކީ ދިވެހިންގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށް ކަމަށެވެ.
"އަޅުގަނޑުގެ މަންމަ އެހެން ގޮތަކަށް ހެދުން އަޅަންފެށީ އަޅުގަނޑުގެ އުމުރުން 30 އަހަރުވީ ފަހުން. މަންމަ ހެދުން އަޅާގޮތް، މަންމަ ބަދަލުކުރީ ބުރުގާއެއް އަޅާފަ، އެހެން ގޮތަކަށް ހެދުން އެޅީ... އޭގެ ކުރީގައި މާމަ ހެދުން އެޅިގޮތެއް ވެސް ހުރި. މާމަވެސް ބައެއް ފަހަރަށް ހަވީރަށްވީމަ ބުރުގާއަކަށް ބަދަލުކުރޭ... އެހެންނަމަވެސް އެއީކީއެއް ފަހުން މަންމަ އަޅާފަ ހުރި ބުރުގާއެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.