ހަބަރު

"މި ސަރުކާރަށް ގޯނާ ކުރަން ފުރުސަތެއް ނުދޭނަން"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ގޯނާ ކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނެ ކަމަށް ޖޭޕީގެ ލީޑަރު އަދި ސަރުކާރު ކޯލިޝަންގެ އެއް ހިއްސާދާރު، ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް ގާސިމާއި ޖޭޕީން މަސައްކަތްތައް ކޮށްފައި ވެއެވެ.

ޖޭޕީގެ މައި ޖަގަހަ، ކުނޫޒުގައި ރޭ އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރަށް ކަމެއް ނުވާކަން ދައްކަން ބަޔަކު މަސައްކަތް ކުރާ ކަމަށެވެ. އަދި ވިދާޅުވީ އެކަން ކާމިޔާބު ނުވާނެ ކަމަށާއި ރައީސް ސޯލިހުގެ ސަރުކާރު ފަސް އަހަރަށް ދެމެހެއްޓުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ޖޭޕީން ކުރާނެ ކަމަށެވެ. އަދި އެ މަސައްކަތުގައި އެ މަނިކުފާނު ސާބިތުވެ ހުންނެވި ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"މިއަދުގެ ސަރުކާރު ހިންގަވަން ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ ގައިކޮޅުގައި ޖަހަން މަސައްކަތް ކުރާ މަންޒަރު މި ފެންނަނީ. އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނޭނގޭ އެ ބޭފުޅުންގެ އެތެރޭގައި ދެ ކޮޅުވެރިކަން އޮތް މިންވަރެއް." ރައީސް ސޯލިހާ، ރައީސް ނަޝީދާ ދެމެދު އޮތް ކަމަށް މީހުން ބުނާ ނުތަނަވަސް ކަމަށް އިޝާރަތް ކުރައްވާ ގާސިމް ރޭ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ސަރުކާރަށް ކަމެއް ނުވާ ވާހަކަ ދައްކަނީ "އެހެން ކޮންމެވެސް ތާސީރެއް" އެކަމުގެ ފަހަތުގައި ފޮރުވިފައި އޮވެގެނެވެ. އަދި ސަރުކާރުގެ ހިންގުން ރަނގަޅުކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.