ޓެރަރިޒަމް ހުއްޓުވުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ ރައީސް ޔާމީންކަމަށް، ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާމެދު ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށައަޅާ، އެ ބިލްގެ މަސައްކަތް ނިންމުމަށް ދައުރުން ބޭރުގައި ޖަލްސާތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މިހާތަނަށް އެއް ޖަލްސާ ބާއްވާފައިވާއިރު އަންނަ އާދިއްތަ ދުވަހުވެސް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ.
މެންބަރު ޝިޔާމް ވިދާޅުވީ ޓެރަރިޒަމް ހުއްޓުވުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ ރައީސް ޔާމީންކަމަށެވެ. އެގޮތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ރައީސް ޔާމީންގެ ސަރުކާރުން ވުޖޫދުކޮށްފައި ވުން ޝިޔާމް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ޝިޔާމް ވިދާޅުވީ އެ ގާނޫނުގެ ދަށުން ނެޝަނަލް ކައުންޓަރު ޓެރަރިޒަމް ސެންޓަރެއް 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ގާއިމުކުރެވިފައިވާކަމަށެވެ. އެއީ ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއިން އެޅި މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޝިޔާމް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ބޮޑެތި ކަންބޮޑުވުންތަކެއްވެސް ހުރިކަމަށް ވިދާޅުވެފައެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި، ކުށް ކުރާ މިހާ ނޫން އެހެން މީހަކަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަކަމުން މީހަކު ރަހީނުކޮށް ފޮރުވުމާއި، މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި ފަސިންޖަރުން ނޫނީ މުދާ އުފުލާ އުޅަނދެއް ހައިޖެކް ކުރުން ހިމެނެ އެވެ.
ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތެއް ނުރައްކަލެއް ކުރިމަތި ކުރުމުގެ އިތުރުން އުމްރާނީ ވަސީލަތަކަށް ގެއްލުން ދިނުމާއި އާންމު އަސާސީ ހިދުމަތެއް ގަސްދުގައި މެދުކަނޑާލުން ވެސް ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވެ އެވެ. ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް އުފެއްދުމާއި އެ ތަކެތީގެ ވިޔަފާރި ކުރުމަކީ ވެސް ޓެރަރިޒަމް ކުށެކެވެ.
ޓެރަރިޒަމް ކުށްތަކުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވާ ކުށްތަކުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލުގައި ބަންދު ކުރުން ކަމަށް ބިލުގައިވެ އެވެ.
އެ ކުށްތަކަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރުކޮށް އަދި 48 ގަޑިއިރު ވަންދެން ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ދޭ ގޮތަށް ބިލުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި ކޯޓު އަމުރެއް ނެތި ޓެރަރިޒަމްގެ އެފަދަ ބޮޑެތި ކުށްތަކަށް ތުހުމަތު ކުރެވޭ މީހާއާއި އޭނާއާ ގުޅުން ހުރި ތަންތަނަށް ވަދެ ބަލައި ފާސްކުރުމުގެ ބާރު ވެސް ފުލުހުންނަށް ލިބޭ ކަމަށް ބިލުގައިވެ އެވެ.
ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތެއްގައި ހައްޔަރު ކުރެވޭ މީހުންނަށް ގާނޫނު އަސާސީގައިވާ ހަނު ހުރުމުގެ ހައްގެއް ނުލިބޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.
މީގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމަށް ގޮވާލުމާއި އެފަދަ ޖަމާއަތަށް ތާއީދުކޮށް ހިޔާލު ފާޅު ކުރުން ފަދަ ކަންކަން ވެސް ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ބިލުގައި ހިމަނައިފަ އެވެ.
ޓެރަރިޒަމްގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކާމެދު ރައީސް ޔާމީންވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެއީ "ނުރައްކާތެރި ރަނގަބީލެއްގެ އަޑު"ކަމަށެވެ.