ވިޔަފާރި

އަލްޝާލީން އާ ލޯންޗެއް ތައާރަފުކޮށްފި

އަލްޝާލީ މެރިން މޯލްޑިވްސް (އޭސް މެރިން) އިން 31 މީހުން ޖާގައިގެ އާ ލޯންޗެއް މިއަދު ތައާރަފުކޮށްފި އެވެ.

އޭސް މެރިން އިން ތިލަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ އޮޕަރޭޝަން މެނޭޖަރު އިސްމާއީލް ޝަރީފު ވިދާޅުވީ އަލަށް ތައާރަފުކޮށްފައި ވަނީ 39 ފޫޓުގެ "ކޯސްޓް ކްރާފްޓް 38 ޕްލަސް" ގެ ނަން ދީފައިވާ ލޯންޗެއް ކަމަށެވެ.

މިއީ އެ ކުންފުނިން ރާއްޖޭގެ ކަނޑު ތަކަށް ހާއްސަކޮށް ފަރުމާ ކޮށްފައިވާ ލޯންޗުގެ އާ މޮޑެލްއެކެވެ.

"މި ލޯންޗް ފަރުމާ ކުރީ މި އަހަރުގެ ބޯޓު ޝޯއާ ދިމާކޮށް ނަމަވެސް ބޯޓް ޝޯ ރީޝެޑިއުލް ކުރުމާއެކު ކަސްޓަމަރަށް ޑެލިވާ މި ކުރީ. މިއީ މި ބްރޭންޑުގެ ފުރަތަމަ ލޯންޗް،" ޝަރީފު ވިދާޅުވި އެވެ.

ތިލަފުށީ އަލްޝާލީ ބޯޓު ޔާޑުގައި ބަނދެފައިވާ މި ލޯންޗަކީ އެ ކުންފުނީގެ އެހެން އުޅަނދު ތަކެކޭ އެއްގޮތަށް، ހަލްއަށް ނުވަތަ އޮނިގަނޑަށް ފެނުގެ އަސަރުކޮށްގެން ހަލާކުވެ، ފީވެގެން ދާނެ މެޓީރިއަލަކާ ނުލައި ތައްޔާރުކޮށްފައިވާ އުޅަނދެކެވެ. މި ލޯންޗުގެ އިންޓީރިއާ އާއި ސްޓްރަކްޗާ ވެސް ފަރުމާކޮށްފައިވާނީ ކަސްޓަމަރު ބޭނުންވާ ގޮތަށް ޖާގަ ތަނަވަސްކޮށެވެ. އަދި ލޯންޗު ބަނދެފައިވާނީ ސަލާމަތީ ގޮތުން ރައްކާތެރިކޮށެވެ.

"މި ލޯންޗް އަށް ވެސް 18 މަސް ދުވަހުގެ ޑިފެކްޓްސް ވޮރަންޓީ ދޭނެ. ކޮންމެ ކަސްޓަމަރަކަށް ވެސް ކޮންސަލްޓް ލިބިގެން ދާނެ. އަޅުގަނޑުމެން ބާލާ ކޮންމެ ލޯންޗަކާއެކު ވެސް ޑާޓާ ޝީޓެއް ލިބިގެން ދާނެ. އެހެންވެ، ކަސްޓަމަރަށް އެނގޭނެ މި ލޯންޗުގައި ބޭނުން ކޮށްފައި ހުރީ ކޮން އެއްޗެއްކަން،" ޝަރީފު ވިދާޅުވި އެވެ. "އާއްމުކޮށް ގިނަ މީހުން މި ބަލަނީ ސްޕީޑަށް. އެކަމަކު ހަގީގަތުގައި މުހިންމީ ސްޕީޑަށްވުރެ، ސޭފްޓީ، ސޭފްޓީއަށް ބަލާއިރު މި ލޯންޗުގައި ސްޓެބިލިޓީ ވަރަށް ރަނގަޅު ވާނެ. ސްޓެބިލިޓީ ރަނގަޅުވި ވަރަކަށް ރައްކާތެރިކަން ބޮޑުވާނެ،"

އޭސް މެރިން އިން ދާދި ފަހުން ވަނީ 49 ފޫޓުގެ ލޯންޗެއް ވެސް ބާޒާރަށް ނެރެފަ އެވެ. އެ ކުންފުނީގެ އުޅަނދު ފަހަރަކީ ރާއްޖޭގެ ޓޫރިޒަމް ސެކްޓާ އާއި އާއްމު ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު އުޅަނދު ތަކެކެވެ.

ދުބާއީގެ އަލްޝާލީ ގްރޫޕުގެ ސަބްސިޑަރީއެއް ކަމަށްވާ އޭސް މެރިން ތިލަފުށީގައި ހިންގަމުންދާ ޑޮކްޔާޑަކީ ރާއްޖޭގައި މި ވިޔަފާރި އެންމެ ފުޅާކޮށް ކުރަމުން ގެންދާ އެއް ތަނެވެ. ދުބާއީގެ އަލްޝާލީ މެރިންއާ ގުޅިގެން އޭސް މެރިން އުފައްދާފައިވަނީ ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކޯސްޓްލައިނުންނެވެ.