ހަބަރު

މޯލްޑިވިއަންގެ އޮފީހެއް ޓްރިވެންޑްރަމްގައި ހުޅުވައިފި

ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޮފީހެއް ޓްރިވެންޑްރަމްގައި ހުޅުވައިފި އެވެ.

ކަސްޓަމަރުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމުގެ ބޭނުމުގައި ހުޅުވި މި އޮފީސް، ހުޅުވައިދެއްވީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައިވާ ސަފީރު އައިޝަތު މުހައްމަދާ، މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނީފާ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖާ މޫސާ ވަސީމް ވިދާޅުވީ 11 އަހަރަށްފަހު ޓްރިވެންޑްރަމްގައި ހުޅުވުނު މި އޮފީހާއެކު ކަސްޓަރުންނަށް ޚިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި މޯލްޑިވިއަންގެ އޮފީސްތަކުން ދެމުންދާ ހުރިހާ ޚިދުމަތްތަކެއް ޓްރިވެންޑްރަމްގައި ހުޅުވުނު އޮފީހުންވެސް ލިބޭނެކަމަށެވެ.

"އާންމުކޮށް އަޅުގަނޑުމެންގެ އޮފީސްތަކުން ދެމުންދާ ހުރިހާ ޚިދުމަތެއް ލިބެން ހުންނާނެ އެކޮޅުންވެސް. މި ހުޅުވުނު އޮފީހާއެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ސީދާ ގޮތުން ގުޅާލެވޭނެ ފުރުސަތެއް މި ފަހިވެގެންދިޔައީ." މޫސާ ވަސީމް ވިދާޅުވިއެވެ.

މޯލްޑިވިއަންއިން ގެންދަނީ ޓްރިވެންޑްރަމަށް ކޮންމެ ދުވަހަކުވެސް ދަތުރުކުރަމުންނެވެ. އަދި ޗެންނާއީއަށްވެސް ގައުމީ އެއާލައިނުން އުދުހެމުންދާއިރު، ވަރަށް އަވަހަށް ކޮޗިން ދަތުރުތައްވެސް ފެށުމަށް އެ ކުންފުނިން ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.