ސުޕްރީމް ކޯޓުގެ ފަޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިސްކަން ދޭ ލިސްޓުގެ ކުރީގައި ކުރީގެ ބަންޑާރަ ނާއިބު ފާތުމަތު ދިޔާނާ ސައީދާއި ޑުރަގް ކޯޓްގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ހިމަނަފައިފި އެވެ.
ޖޭއެސްސީގެ ބައްދަލުވުމެއްގައި މިއަދު އެ ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކާއި، ރައީސް ސޯލިހު ފޮނުވާފައިވާ ނަންތަކާއެކު، ސުޕްރީމް ކޯޓަށް ޝަރުތު ހަމަވާ ބޭފުޅުންނާ އިންޓަވިއު ކުރުމަށް އެކުލަވާލި ކޮމެޓީން ނިންމި ރިޕޯޓް ބަލައިގަންނަން ފާސް ކޮށްފަ އެވެ.
އަދި އެ ރިޕޯޓްގެ އަލީގައި ޖޭއެސްސީން އިސްކަންދޭ ތަރުތީބު އެނގޭނެ ގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ވެސް ވަނީ ނިންމާފަ އެވެ.
ޖޭއެސްސީގެ ލިސްޓުގައި އެންމެ އިސްކަން ދީފައިވަނީ ދިޔާނާ އަށެވެ. ދެން ޑްރަގް ކޯޓްގެ ފަނޑިޔާރު މަހާޒެވެ. ތިން ވަނައަށް ހިމަނާފައިވަނީ ހދ. ވައިކަރަދޫ ގްރީންވިލާ، މުހައްމަދު ނިޔާޒެވެ. އޭގެ ފަހަތުން ހައިކޯޓްގެ ފަނޑިޔާރު އަލީ ސަމީރާ، ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އެވެ.
ސުޕްރީމް ކޯޓަށް އައްޔަންކުރަން ޖޭއެސްސީގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ފަސް ބޭފުޅެއްގެ ނަން އާންމު ކޮށްފައިވާއިރު އެ މަގާމަށް ހަތް ބޭފުޅަކު ކުރިމަތިލެއްވި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ދިޔާނާއަކީ ޝަރުއީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކަރު ބޭފުޅެކެވެ. މަހާޒުގެ ނަން، ޖޭއެސްސީއަށް ފޮނުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އޭނ މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުގައި ވަކި ކުރަން ވޯޓެއް ނަގައިގެނެވެ.
މީގެ ދުވަސްކޮޅެއް ކުރިން ވެސް ޖޭއެސްސީއިން ސުޕްރީމް ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާން ކުރި އެވެ.
އެ ފަހަރު ހުޅުވާލި ފުރުސަތުގައި ވެސް ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު އަމިއްލައަށް ކުރިމަތިލެއްވި އެވެ. އެއީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. އޭގެ ތެރެއިން އަލުން ކުރިމަތި ނުލައްވަނީ ފަނޑިޔާރު ހަމީދެވެ.