އިމާދުއްދީން ސްކޫލް

އީމާދުއްދީނު ކުދީން ލިޔުނު ރީތި ތާރީހު!

މިދިޔަ އަހަރުގެ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި، ހަނދާނީ ލިޔުން ދޭން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގައި ބޭއްވި ޖަލްސާއަކީ ފުރިހަމަ ޖަލްސާއެކެވެ. އަދި އެއީ ތާރީހުން ޖާގައެއް ހޯދި ޖަލްސާއަކަށް ވެސް ވިއެވެ. އެހެންވީ މިހާތަނަށް އެފަދަ ޖަލްސާއަކުން ނުފެންނަ ވަރަށް ގިނަ ކަންކަން ފެނިގެން ދިއުމުންނެވެ. އެ ޖަލްސާއިން ފެނިގެންދިޔަ އާ ކަންތައްތަކާއެކު އެންމެ ބޮޑު ތައުރީފެއް ހައްގުވަނީ އިމާދުއްދީން ސުކޫލަށެވެ. އެ ސުކޫލުގެ މެނޭޖްމަންޓާއި ޓީޗަރުންނާއި ދަރިވަރުންނެވެ. ދެން ބެލެނިވެރިންނެވެ.

ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް އިނާމުދޭ ޖަލްސާތަކުގެ ކަންކަން ރާވާ ހިންގުން ހަވާލު ކުރަނީ ކޮންމެވެސް އެއް ސުކޫލަކަށެވެ. އެ އަހަރަކު ބާއްވާ ޖަލްސާ ރޭވުމުގެ ކަންކަން ހަވާލުކުރާ ސުކޫލަކުން ޖަލްސާ ހުށައެޅުމާއި، ޖަލްސާގައި ހިމެނޭ އެހެން އައިޓަމްތައް ހުށައެޅުމާ އެ ނޫންވެސް ހުރިހާ ކަމެކެއް ކުރާނެ އެވެ.

މި އަހަރު އެ ޖަލްސާގެ ކަންކަން ރާވާ ހިންގާފައި ވަނީ މީގެ 19 އަހަރު ކުރިން ކިޔަވައިދޭން ފެށި އިމާދުއްދީން ސުކޫލުންނެވެ. އެހެންވެ ޖަލްސާ ތަފާތުކޮށް ކުރިއަށް ގެންދަން އިމާދުއްދީން ސުކޫލުން ނިންމި އެވެ. އަދި އެ ސުކޫލުން ބޭނުންވި ގޮތަށް ފުރިހަމައަށް ޖަލްސާގެ ކަންކަން ނިމިގެން ވެސް ދިޔަ އެވެ.

ތައުލީމީ ދާއިރާގެ އެންމެ ބޮޑު ޖަލްސާ

ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމުދޭ ޖަލްސާއަކީ ތައުލީމީ ދާއިރާއަށް އެންމެ ހާއްސަ އަދި އެންމެ ބޮޑު ޖަލްސާ އެވެ. އެއީ ކޮންމެ އަހަރަކު އެތައް ސަތޭކަ ދަރިވަރުންނަށް އެއް ސުޓޭޖަކުން އިނާމް ދޭ ޖަލްސާ އެވެ. އަދި އެންމެ ގިނަ އަދަދަކަށް ދަރިވަރުންނާއި، ބެލެނިވެރިން އަދި ތައުލީމީ ދާއިރާގެ އެކި ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާ ވެސް މެއެވެ. ޖަލްސާގައި 404 ދަރިވަރުންނަށް ޝަރަފުވެރި އިނާމު ދިނެވެ.

ހުރިހާ މަންޒަރެއްގައި އިމާދުއްދީންގެ ދަރިވަރުން

ކުރިން ބޭއްވި މިފަދަ ޖަލްސާތައް މުޅިންހެން ހުށައަޅައިދީފައިވަނީ ސުކޫލްތަކުގެ ވެރިންނާ ޓީޗަރުންނެވެ. މިއަހަރުގެ ޖަލްސާ ތަފާތުވި އެންމެ ބޮޑު ސަބަބަކީ މިއެވެ؛ މިފަހަރު ވެފައި އޮތް ގޮތަކީ އިމާދުއްދީނުން އެކަމަށް ނިމުން ގެނައީ އެވެ. މުޅި ޖަލްސާ ހުށައަޅައިދިިނީ އިމާދުއްދީން ސުކޫލުގެ ދަރިވަރުންނެވެ. ވަނަވަނައަށް އައި ދަރިވަރުންގެ ނަންތައް އިއުލާނު ކުރީ ވެސް އެ ސުކޫލުގެ ދަރިވަރުންނެވެ. ސްޓޭޖް ޑްރާމާ ހުށައެޅީ ވެސް އިމާދުއްދީންގެ ދަރިވަރުންނެވެ. ޖަލްސާގައި ފެނިގެންދިޔަ ރައިވަރުތައް ހުށައެޅީ ވެސް އެ ދަރިވަރުންނެވެ. ލަވަތަކަށް ނެށީ ވެސް އެ ދަރިވަރުންނެވެ. އިނާމް ހަވާލުކުރަން މެހެމާނާ ހަމައަށް އިނާމު އުފުލީ ވެސް އެކުދީންނެވެ. މުޅި ޖަލްސާގެ އެކި ކަންކަމުގައި އިމާދުއްދީންގެ 200ހާ ދަރިވަރުން ބައިވެރި ވިއެވެ.

ސުކޫލްގެ އިސްވެެރިންނާއި ޓީޗަރުން ތިއްބެވީ އިސްޓޭޖް ފުރަަގަހުގައި އިރުޝާދު ދެއްވާށެވެ. ހުރިހާ ކަމެއް ދަރިވަރުން ލައްވާ ކުރުވައި އިމާދުއްދީން ވަނީ މިފަހަރު ނަމޫނާއެއް ދައްކާފަ އެވެ.

"ހަގީގަތުގައި މިއީ ވަރަށް ޝަރަފުވެރި ޖަލްސާއެެއް. އެހެންކަމުން ޖަލްސާ ރާވާ ހިންގުމުގައި އަދި ހުށައަޅައިދިނުމާ އެ ނޫން ކޮންމެ ކަމެއްގައި ބައިވެރިވުމަކީ ވެސް ޝަރަފެއް. ނަމަވެސް އަޅުގަނޑުމެން މިފަހަރު މި ޝަރަފް މި ދޫކޮށްލަނީ އަޅުގަނޑުމެންގެ ދަރިވަރުންނަށް. މިއަދު އިމާދުއްދީންގެ ދަރިވަރުން ސާބިތުކޮށް ދީފައި އެވަނީ ހިތްމަތާއެކު މަސައްކަތްކޮށްފިނަމަ ކޮންމެކަމެއްވެސް ﷲގެ އިރާދަފުޅާއެކު ކުރެވިދާނެކަން" އިމާދުއްދީން ސުކޫލުގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

ޖުވެލް ސެންޓަރުގެ ކުދިން ބައިވެރިކުރުވި

ޚާއްސަ އެއްކަމަކީ މިއީ އެވެ؛ އުނގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށް އިމާދުއްދީނުގައި ހިިންގާ ޖުވެލް ސެންޓަރުގެ ދަރިވަރުން ވެސް ބޮޑު ޖަލްސާގެ އެކި ކަންކަމުގައި ހަރަކާތެރިވި އެވެ. އެންމެ ފާހަގަވީ 98 ދަރިވަރުން ތައުލީމު ހާސިލް ކުރާ އެ ސެންޓަރުގެ ދަރިވަރަކު، އެއް ކެޓަގަރީއަކުން ވަނަވަނަ ހޯދި ދަރިވަރުންގެ ނަންތައް އިއުލާނު ކުރުމެވެ. މަރިޔަމް އަފާ މަޖުދީ ވަނީ ފަރިތަކަމާއެކު 25 ދަރިވަރުންގެ ލިސްޓެއް ކިޔާފަ އެވެ. މިއީވެސް މިފަދަ ބޮޑު ޖަލްސާއަކުން ފެނު އާ ކަމެކެވެ. މީގެ އިތުރުން ސްޓޭޖް ހަރަކާތްތަކާއި، އެ ނޫންވެސް އެކި ކަންކަމުގައި ޖުވެލްގެ ދަރިވަރުން ވަނީ ބައިވެރިވި އެވެ.

ރައީސަށް އެރުވި ހަނދާނީ ހަދިޔާ

ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހާއްސަ ހަނދާނީ ފިލައެއް އަރުވި އެވެ. އެ ހަނދާނީ ފިލައަކީ ވެސް ޖުވެލް ސެންޓަރުގެ ދަރިވަރުންގެ މަސައްކަތެކެވެ. ޕަންޗިން ނީޑްލް ބޭނުން ކޮށްގެން ގުރައެއްގެ ސިފަ ގެނެސްފައިވާ ހަނދާނީ ހަދިޔާ ރައީސަށް ހަވާލުކޮށް ދިނީ ވެސް ޖެވެލްގެ ދަރިވަރުންނެވެ. ރައީސަށް އެކުދިން އެރުވި ހަނދާނީ ހަދިޔާއަކީ އެ ދަރިވަރުންގެ ތޫނުފިލިކަން ބުނެދޭ ރަމްޒެކެވެ.

މިނިސްޓަރުގެ ހެދުން ފަރުމާކުރީ ދަރިވަރުން

ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި، ހަނދާނީ ލިޔުން ދިނުމަށް ބޭއްވި މި ޖަލްސާގައި އެންމެ ގިނަ ބަޔަކު އަޅައިގަތީ މިނިސްޓަރު ޑރ. އައިޝަތު އަލީގެ ހެދުމެވެ. ސަބަބެއް އޮވެގެނެވެ.

އެ ހެދުމުގެ ހަގީގަތް އެންމެ ފުރަތަމަ ހާމަކު ރެއްވީ މިނިސްޓަރެވެ. އިމާދުއްދީން ސުކޫލުގެ ޖުވެލް ދަރިވަރުން ފަރުމާކުރި އެ ހެދުން މިނިސްޓަރަށް ވަރަށް ބޮޑަށް ކަމުދިޔަ އެވެ. ފިޔާތޮށި ކުލައިގެ އެ ހެދުން ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރީ ޖުވެލްގެ ފަސް ދަރިވަރެކެވެ.

ދަރިވަރުން ބޭނުން ޑިޒައިނަކަށް ހެދުން ޒީނަތްތެރި ކުރަން ހަވާލު ކުރުމުން އެ މަސައްކަތް ކޮށްފައިވަނީ އެ ދަރިވަރުންގެ ވިސްނުމަށެވެ. ތިން ދުވަހުގެ މަސައްކަތުން އެ ކުދިން އެ މަސައްކަތް ފުރިހަމަ ކުރި އެވެ.

އަނެއް ކަމަކީ ހުރިހާ ކުދިން ހަމަހަމަކޮށް ބައިވެރި ކޮށްގެން މިފަދަ ޖަލްސާއެއް ކުރިއަށް ގެންދެވުނު މިއީ ފުރަތަމަ ފަހަރެވެ. އެއްވެސް ކުއްޖަކު ބާކީ ނުކުރާނެ ކަމުގެ ވައުދުގެ އަޑު ކިތަންމެ ގަދަ ނަމަވެސް ހަގީގީ "އިންކުލޫސިވް" އެއް މި ދައްކައި ދިނީ އިމާދުއްދީނުންނެވެ.

ޖަލްސާގެ ތީމަކީ "ތައުލީމީ ދާއިރާގެ އެހާރާ މިހާރު"

އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދޭން ބޭއްވި ޖަލްސާގެ އެހެން ތަފާތެއް ވެސް ވެއެވެ. އެއީ މުޅި ޖަލްސާ ވަކި ތީމަކަށް ޚާއްސަ ކުރުމެވެ.

"ތައުލީމީ ދާއިރާގެ އެހާރާ މިހާރު" މުޅި ޖަލްސާއިން ދައްކުވައިދިން ގޮތަށް ތައުރީފު ހައްގެވެ. ހުށައަޅައިދިން ދަރިވަރުންގެ ވާހަކަތަކާ، ޖަލްސާއިން ފެނިގެންދިޔަ ތިން ހުށައެޅުމާއި، ސްޓޭޖް ޑްރާމާއިންވެސް ދައްކުވައިދިނީ "ތައުލީމީ ދާއިރާގެ އެހާރާ މިހާރެ" ޖަލްސާގެ ޝައުގުވެރިން ނުގެއްލި ކުރިއަށް ގެންދެވުނެވެ. އެއީ އިމާދުއްދީނުން ހޯދި ކާމިޔާބެކެވެ.

ހުރިހާ ގުރޭޑެއްގެ ދަރިވަރުން ބައިވެރިވި

މިދިއަ ބުރާސްފަތި ދުވަހުގެ ރޭގެ ޖަލްސާގައި އިމާދުއްދީން ސުކޫލުގައި ތައުލީމު ހާސިލް ކުރަމުންދާ އެކި އުމުރު ފުރާގެ ކުދިން ބައިވެރިވި އެވެ. ޖަލްސާގެ ހުރިހާ ކަމެއްގައި ބައިވެރިވާނީ ސުކޫލުގެ ދަރިވަރުން ކަމަށް މެނޭޖްމެންޓުން ނިންމުމާއެކު ހުރިހާ އުމުރުފުރައެއްގެ ހުރިހާ ގުރޭޑެއްގެ ދަރިވަރުން ވެސް ބައިވެރިކުރަން ނިންމީ އެވެ.

އިމާދުއްދީންގެ ދަރިވަރުން ޖަލްސާ ހުށައަޅަން ނިންމުމުން ބައެއް ފަރާތްތަކުން އެންމެ ބޮޑަށް ކަންބޮޑުވީ ރާވާފައިވާ ގޮތަށް ކަންކަން ކުރިއަށް ނުގޮސްދާނެތީ އެވެ. އަދި 404 ދަރިވަރުންގެ ނަން އިއުލާނުކޮށް އިނާމުދީ، ޝަރަފުވެރި މެހެމާން ވާހަކަ ދައްކަވައި ޖަލްސާ ވަގުތަށް ނިންމާ ނުލެވި ދާނެތީ އެވެ. ނަމަވެސް އިމާދުއްދީނުން ދަރިވަރުން ތައްޔާރު ކޮށްފައި ވަނީ ފުރިހަމައަށެވެ. އެކަން ދަރިވަރުން ވަނީ ސާބިތު ކޮށްދީފަ އެވެ.

އިމާދުއްދީނަށް ވާނެތޯ ސުވާލު އުފެއްދި!

ބޮޑު ރަސްމިއްޔާތެއް ދަރިވަރުން ހުށައަޅާ ގޮތަށް ކުރިއަށް ގެންދެވިދާނެތޯ ބައެއް ފަރާތްތަކުން ސުވާލު އުފެއްދި އެވެ.

އެފަދަ ޖަލްސާއެއްގައި އިމާދުއްދީން ސުކޫލުން އިސްވެ ހަރަކާތްތެރި ނުވާތާ ހަ އަހަރެއްހާ ދުވަސްވެދާނެ އެވެ. އެއީ ބައެއް ފަރާތްތަކަށް އެ ސުވާލު ކުރި އެއް ސަބަބެވެ. ނަމަވެސް އިމާދުއްދީނުން ވަނީ ނަމޫނާ ދައްކާ އެ ސުވާލަށް ޖަވާބު ދީފަ އެވެ.

ޖަލްސާގެ ކަންކަން ފުރިހަމައަށް ނިމިގެންދިއުމުގައި ހުރިހާ ޝުކުރެއް އޮތީ ސުކޫލްގެ ހިންގުންތެރި ވެރިންނާއި، ޓީޗަރުންނަށެވެ. މަސް ދުވަހުގެ ބުރަ މަސައްކަތުން ދަރިވަރުން ތަމްރީނު ކޮށްފައިވާ ގޮތް ފުރިހަމަ އެވެ. ޖަލްސާގައި އިވުނު ރައިވަރުތައް ހެއްދެވީ ސުކޫލުގެ ޓީޗަރުންނެވެ. އައިޓަމްތަކާއި ނެށުންތައް ދަސްކޮށް ދެއްވީ ޓީޗަރުންނެވެ. ޖުވެލްގެ ދަރިވަރުންގެ ހިތްގައިމު މަސައްކަތްތަކުގެ ފަހަތުގައި ވެސް ތިއްބެވީ ޓީޗަރުންނެވެ.

ތައުލީމީ ދާއިރާއަށް ޚާއްސަ ގައުމީ ބޮޑު ޖަލްސާއެއްގެ ހުރިހާ މަންޒަރަކުން މުޅިން ވެސް ދަރިވަރުން ފެނުނު މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް މިއީ އިމާދުއްދީންގެ ވެރިންނަށް އަދި އެ ސުކޫލުގެ ދަރިވަރުންނާ ބެލެނިވެރިންނަށް އާ ކަމެއް ނޫނެވެ. މީގެ އަހަރުތަކެއް ކުރިން ފެށިގެން އެ ސުކޫލުގައި ބާއްވާ ބޮޑެތި ހުރިހާ އިވެންޓަކެއްގައި ވެސް ކުރިއަށް ނެރެނީ ދަރިވަރުންނެވެ. ސުކޫލްގެ ޕްރައިޒް ޑޭގައި ވެސް ހުރިހާ ކަމެއްގައި ޝާމިލްވުމުގެ ފުރުސަތު ދަރިވަރުންނަށް ދެއެވެ.

އިމާދުއްދީން ސުކޫލުން މިވަނީ ނަމޫނާ ދައްކާފައެެވެ. ތާރީހެއް ލިޔެފަ އެވެ. އެކަން އެޑިއުކޭޝަނުން ފާހަގަ ކުރި އެވެ.