ވިޔަފާރި

ރާއްޖެ އިސްތިހާރު ކުރަން ޖަރުމަނާއި އޮސްޓްރިއާގައި ރޯޑްޝޯއެއް

އެމްއެމްޕީއާރްސީން ރާއްޖެ އިޝްތިހާރު ކުރާ "ޖާނީ ޓު ދަ ސަނީ ސައިޑް" ސިލްސިލާގެ ރޯޑްޝޯއެއް ޖަރުމަނާއި އޮސްޓްރިއާގައި ފަށައިފި އެވެ. މިއީ މި ސިލްސިލާގެ ހަވަނަ ރޯޑްޝޯ އެވެ.

ޖަރުމަނު ބަހުން ވާހަކަ ދައްކާ އެ މާކެޓުގައި ރާއްޖެ އިތުރަށް އިޝްތިހާރު ކުރަން އިއްޔެ ފެށި ރޯޑްޝޯ މާދަމާގެ ނިޔަލަށް ކުރިއަށްގެންދަނީ ޖަރުމަނުގެ ކޮލޯން އާއި ފްރެންކްފާޓް އަދި މިއުނިކްގަ އެވެ. އެއަށްފަހު، އޮސްޓްރިއާގެ ވިއެނާގައި ސެޕްޓެމްބަރު 19 ގައި ކުރިޔަށް ގެންދާނެ އެވެ.

އެމްއެމްޕީއާރުސީ އާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހަތް ކުންފުންޏަކުން ވެސް މި ރޯޑްޝޯ ގައި ބައިވެރިވެފަ ވެއެވެ. މި އިވެންޓުގައި ޖަރުމަނާއި އޮސްޓްރިއާގެ އޮޕަރޭޓަރުންނާއި ބައްދަލު ކުރުމާއި ޑެސްޓިނޭޝަން ޕްރެޒެންޓޭޝަންގެ ދިނުމުގެ އިތުރުން ކޮންމެ ސިޓީއެއްގައި ގުރުއަތުން ހޮވޭ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭނެ އެވެ. މި ޗުއްޓީ ދަތުރުތައް ސްޕޮންސާ ކޮށްފައިވަނީ ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓުން ނެވެ.

މި އަހަރުގެ ޖުލައިމަހުގެ ނިޔަލަށް 7.2 ޕަސެންޓުގެ ހިއްސާ އަކާއެކު ޖަރުމަން އޮތީ ރާއްޖެއަށް ފަސް ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގަ އެވެ. މިދިއ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ޖަރުމަނުން ރާއްޖެއަށް އައި ފަތުރުވެރިންގެ ނިސްބަތާ އަޅާބަލާއިރު މިއަހަރުގެ ޖުލައި މަހާ ހިސާބަށް 10.4 ޕަސެންޓު އިތުރުވި އެވެ.

އަދި އޮސްޓްރީއާއިން ވެސް މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފަ އެވެ. ޖުލައި މަހުގެ ނިޔަލަށް އެ ގައުމުން ވަނީ 13،415 ފަތުރުވެރިން ރާއްޖެ އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު، 9.3 ޕަސެންޓުގެ ކުރިއެރުމެކެވެ.

އެމްއެމްޕީއާރްސީން ހިނގާ ޕްރޮމޯޝަނަލް އިވެންޓްތަކުގައި ކުރިން ދިވެހި ނޫސްވެރިން ބައިވެރި ކުރެ އެވެ ނަމަވެސް މިހާރު އެ ފުރުސަތެއް ނުދެ އެވެ.