ޓެރަރިޒަމް

ޓެރަރިޒަމްގެ ބިލުގައި ބޮޑެތި ހައްގުތައް ހިފަހައްޓާފައެއް ނުވާނެ: އަފީފު

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގައި ރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެއް ނޯންނާނެ ކަމަށާއި ބިލުގައި މާ ބޮޑެތި ހައްގުތަކެއް ހިފަހައްޓާފައި ނުވާ ކަމަށް ރައީސް އޮފީހުގެ ލީގަލް ކައުންސިލަ އަހުމަދު އަބްދުﷲ އަފީފު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި އަފީފު ވިދާޅުވީ ޓެރަރިޒަމްގެ ކުށްތަކަކީ އެހެން ކުށްތަކަކާ އެއްވަރުގެ ކުށްތަކަށް ނުވުމުން ދުނިޔޭގެ ގިނަ ޑިމޮކްރެޓިކް ގައުމުތަކުގައި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އަސާސީ ހައްގުތައް ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި އެ ވަރަށް ވެސް ހައްގުތައް ހިފަހައްޓާފައި ނުވާނެ ކަމަށް އެނާ ވިދާޅުވި އެވެ.

"ޓެރަރިޒަމްގެ ބޮޑެތި ކުށްތަކުގެ ނުރައްކަލުން ސަލާމަތްވުމުން ބައެއް ކަހަލަ އަސާސީ ހައްގުތައް ހަނިކުރުމަކީ އެއްވެސް ގައުމެއްގއި ނުކުރާ ކަމެއް ނޫން، ނަމަވެސް މި ބިލުގައި އާދަޔާ ހިލާފު ބޮޑަކަށް އެއްވެސް ހައްގެއް ހިފަހައްޓާފައެއް ނޯންނާނެ، ޖަސްޓިފައިބަލް މިންވަރަކަށް ހިފަހައްޓާފައި އޮތަސް އޮންނާނީ،" އަފީފު ވިދާޅުވި އެވެ.

އަފީފު ވިދާޅުވީ ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރަށް ބަލާފައި، އެ ނުރައްކަލާ ކުރިމަތިލުމަށް ޓެރަރިޒަމްގެ ގާނޫނަށް ކޮންމެހެން ވެސް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ. އެ ގޮތުން ބޭރު ދުނިޔޭގެ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުންނާ މެދު އަމަލު ކުރާނެ ގޮތެއް ޓެރަރިޒަމްގެ ގާނޫނުގައި ނެތް ކަމަށާއި އެހެންކަމުން އެ މީހުންނަށް ރެހިބިލިޓޭޓް ކުރެވޭ ގޮތަށް މިހާރު ގާނޫނަށް އިސްލާހު ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބައެއް ސިޔާސީ ބޭފުޅުންނަށް ކޮށްފައިވާ ހުކުމްތައް ފާހަގަކުރައްވަމުން އަފީފު ވިދާޅުވީ މިހާރު އޮތް ބިލުން އެ ކަން ވެސް ނިމުމަކަށް އަންނާނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ ބިލުގައި ޓެރަރިޒަމްގެ ކޫށް ސާފުކޮށް ބަޔާން ކޮށްފައި އޮތުމެވެ.

"މުޒާހަރާއަކުން ނުވަތަ އެއްވުމަކުން ނަގާ މީހަކު ވެސް ޓެރަރިޒަމްގެ ދައުވާ އެބަ ކުރެވޭ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދުނޭ ކިޔާފައި. އެހެން މިހާރަކު ނުވާނެ. އެއްވެސް މީހަކު ޕޯޑިއަމްގައި ދައްކާ ވާހަކައަކުން ޓެރަރިޒަމްގެ ކުށުގެ ތެރެއަށް ނުވެއްދޭނެ." އަފީފް ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހެޅުއްވި ބިލު މިހާރު އޮތް ގޮތުން، ކޯޓު އަމުރެއް ނެތި ޓެރަރިޒަމްގެ ކުށުގެ ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް 48 ގަޑިއިރު ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ. އަދި އެފަދަ ކުށްތަކުގެ ތުހުމަތުގައި، ކޯޓު އަމުރެއް ނެތި މީހުންނާއި ތަންތަން ބަލައި ފާސްކުރުމުގެ ބާރު ވެސް ފުލުހުންނަށް ލިބެ އެވެ.

ޓެރަރިޒަމްގެ ބިލުގައި ބައެއް ހައްގުތައް ހިފަހައްޓާފައިވާތީއާއި ފުލުހުންނަށް އިތުރު ބާރުތަކެއް ލިބޭ ގޮތަށް އޮތީތީވެ ބައެއް ގާނޫނީ ވަކީލުންނާއި އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް، މަޖިލީހުގެ އެމްޑީޕީގެ މެންބަރުންގެ ކަންބޮޑުވުން ވެސް އެ ކަމުގައި އޮތް ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.