މެދު އިރުމަތި

ހޮރޮމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރެއް އިރާނުން ހިފަހައްޓައިފި

އިރާނުގެ އިގްތިސޯދީ ސަރަހައްދުގައި ހިމެނޭ ބައިނަލްއަގްވާމީ ކަނޑު ދަތުރު ކުރާ މަގެއް ކަމަށްވާ ހޮރޮމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރެއް އިރާނުން ހިފައްހައްޓައިފި އެވެ. މިއީ ހޮރޮމުޒް ކަނޑުއޮޅިން މިއަހަރު ހިފެހެއްޓި ތިން ވަނަ ޓޭންކަރެވެ.

އިރާނުން މި ޓޭންކަރު ހިފަހައްޓާފައި ވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ގަވާއިދާ ހިލާފަށް ތެޔޮ ގެންދަނިކޮށެވެ. އިރާނުން ތުހުމަތުކުރާ ގޮތުގައި ޓޭންކަރުގައި ހުރި ތެލަކީ އިރާނުގެ ކަޅު ބާޒާރުން ގަނެފައިވާ 250،000 ލީޓަރުގެ ތެލެވެ. ޓޭންކަރާ ގުޅޭ މައުލޫމާތުތަށް އަދި އިރާނުން ހާމަކޮށްފައެއް ނުވެ އެވެ.

ޔޫއޭއީއަށް ގަވާއިދާ ހިލާފަށް ތެޔޮ ހިފައިގެން ދަތުރުކުރި މި ޓޭންކަރު އިރާނުގެ ސިފައިން ހިފެހައްޓާފައި ވަނީ ޕާޝިއަން ގަލްފުގައި އޮންނަ އިރާންގެ ރަށެއް ކަމަށްވާ ގްރޭޓާ ޓަންބު އައިލެންޑް ކައިރިންނެވެ. ޓޭންކަރުގެ ފަޅުވެރިން މިހާރު ވަނީ އިރާން ފުލުހުންގެ ބެލުމުގެ ދަށުން އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ. އެއީ ކިތައް މީހުން ކަމެއް އިރާނުން ބުނަފައެއް ނުވެ އެވެ.

މީގެ ކުރިންވެސް އިރާނުން ވަނީ، އެއް މިލިއަން ލީޓަރުގެ ތެޔޮ އިރާނުގެ ކަޅު ބާޒާރުން ގަނެގެން ޔޫއޭއީއަށް ދަތުރު ކުރި ޓޭންކަރެއް ހިފަހައްޓާފަ އެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ ކަނޑުދަތުރު ކުރުމުގެ ގަވާއިދާ ހިލާފުވި ކަމަށް ބުނެ އިނގިރޭސިވިލާތުގެ ޓޭންކަރެއް ވެސް ހޮރޮމުޒް ކަނޑު އޮޅިން ހިފައްޓާފައި ވެއެވެ.

އިނގިރޭސިވިލާތާއެކު ދިގު މުއްދަތަަށް ދިގު ދެމިގެންދިޔަ ބަހުގެ ހަމަލާތަކަށްފަހު އިރާނުން ވަނީ އެގައުމުގެ ޓޭންކަރާއި ފަޅުވެރިން ދޫކޮށްލާފަ އެވެ. ޓޭންކަރު ދޫކޮށްލުމާއެކު އިނގިރޭސިވިލާތުން ހޮރޮމުޒް ކަނޑު ބެލެހެއްޓުމުގެ ބޭނުމުގައި އުފައްދަން އުޅުނު އަސްކަރީ ކޯލިޝަންގެ ކަންކަން ވެސް ވަނީ މަޑުޖައްސާލާފަ އެވެ.