ހަބަރު

ފިލި މައްސަލާގައި އަދީބު ކުށަށް އިއުތިރާފްވެއްޖެ

Sep 17, 2019

ފިލައިގެން އިންޑިޔާއަށް ވަޑައިގެންނެވި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާގެ ކުށަށް އަދީބު އިއުތިރާފުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަދީބު ފިލި މައްސަލައިގެ ޝަރީއަތުގައި ދައުލަތުން ބުނީ އަދީބުގެ ޕާސްޕޯޓު ހިފައްޓާފައިވާ އިރު ކަނޑުމަގުން ރާއްޖެއިން ބޭރަށް ވަޑައިގަންނަަވަނިކޮށް މިދިޔަ މަހު 3 ގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެކަމަށް ކަނޑައެޅިފައިވާ އަދަބަކީ ޖުނުހުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށް ދައުލަތުން ފާހަގަ ކުރި އެވެ. އެއީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ޝަރީއަތުގައި އަދީބު ވިދާޅުވީ އޭނާ ފިލަން މަސައްކަތް ކުރީ ފުރާނައަށް ނުރައްކާވާ ކަމުގެ އިންޒާރުތައް ލިބެމުންދާތީ ބޭރުގެ ހިޔާމަތް ހޯދަން ކަމަށެވެ. އަދި އެ ކުށަށް އިއުތިރާފްވާ ކަމަށާއި އިއުތިރާފްވި ބަޔާނެއް ފުލުހުންނަށް ދީފައިވާ ކަމަށް އަދީބު ވިދާޅުވި އެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށާއި އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

އަދީބު ކުށަށް އިއުތިރާފްވެފައިވާތީ މައްސަލަ ބެލި ގާޒީ ނިންމެވީ ފަސް ދުވަސް ތެރޭގައި އަވަސް ނިޔާގެ ޝަރީއަތް ބާއްވާ އަދީބަށް ހުކުމް ކުރުމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުށަށް އިއުތިރާފްވުމުން އަދީބަށް އަންނާނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.