އިޒްރޭލް

ނަތަންޔާހޫގެ ސިޔާސީ ކުރިމަގު ކަނޑައަޅާ އިންތިހާބު ފަށައިފި

އިޒްރޭލު ބޮޑު ބަޒީރު ބެންޖަމިން ނަތަންޔާހޫގެ ސިޔާސީ ކުރިމަގު ކަނޑައެޅުމުގެ ވޯޓު މިއަދު ނަގަން ފަށައިފި އެވެ.

މިއީ ނަތަންޔާހޫގެ ސިޔާސީ ކުރިމަގު ކަނޑައެޅުމުގެ ގޮތުން ބާއްވާ ދެވަނަ އިންތިހާބެވެ. އެޕްރީލް މަހު ބޭއްވި އިންތިހާބުގައި ނަތަންޔާހޫއަށް މަޖިލިސް މެޖޯރިޓީ ލިބި ވަޑައިގެންނެވި ނަމަވެސް ކޯލިޝަން ސަރުކާރެއް އުފެއްދުމުގައި ނާކާމިޔާބުވުމުން ވަނީ އާ އިންތިހާބެއް ބާއްވަން އިއުލާން ކޮށްފަ އެވެ.

އިޒްރޭލުގައި މިއަދު ފެށި އާންމު އިންތިހާބުގެ ހިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތިއްޖާ ދައްކާ ގޮތުން، ނަތަންޔާހޫގެ ކަނާތު ފިޔައިގެ ލިކޫޑް ޕާޓީ އާއި އެންމެ ވާދެވެރި \ބުލޫ އެންޑް ވައިޓް ޕާޓީ ފެންނަނީ ވަރަށް ހަމަހަމަކޮށެވެ. ހިޔާލު ހޯދުމުގެ ވޯޓުތަށް ދައްކާގޮތުން އާންމު އިންތިހާބުގެ ނަތިއްޖާ އަނބުރާލެވެނީ އިޒްރޭލުގެ ކުދި ސިޔާސީ ޕާޓީތަކަށެވެ.

އާންމު އިންތިހާބު ފަށާފައި މިވަނީ ކޮރަޕްޝަނުގެ ތަފާތު ތިން ތުހުމަތެއް ނަތަންޔާހޫއަށް ކުރެވި އެ މައްސަލަތަކުގެ ތަހުގީގު ވެސް ކުރިއަށް ދަނިކޮށެވެ. އަދި އިންތިހާބު ކާމިޔާބު ވެއްޖެނަމަ ހުޅަނގު އައްސޭރީގެ ޖޯޑަން ވެލީ އިޒްރޭލުގެ ބައެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ނަތަންޔާހޫ ވިދާޅުވުމުން، އިޒްރޭލު ގިނަ ބައެއްގެ ފާޑު ކިޔުން ނަތަންޔާހޫއަށް އަމާޒުވެފައި ވަނިކޮށެވެ.