ދެކުނު ކޮރެއާގެ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި އެންމެ ފަހުން ބޯ ބާލާފައިވަނީ އެ ގައުމުގެ އިދިކޮޅު ސިޔާސީ ލީޑަރު ހުވަން ކިޔޯ އަން އެވެ. ހުވަންގެ އޭނާގެ ބޯ ބާލާފައި ވަނީ ސަޕޯޓަރުންނާއި މީޑިއާގެ ވެސް ކުރިމަތީގަ އެވެ. އެ ގައުމުގައި މުޒާހަރާތަކެއް ކުރަނީ ޖަސްޓިސް މިނިސްޓަރު ޗޯ ކުކް އާއި ޗޯ ކުކްގެ އާއިލާ ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނެ އެވެ. އެ މުޒާހަރާތަކުގެ ތެރެއިން ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނި ވަޑައިގަންނަވާ އަންހެން ދެ މެމްބަރަކު ވެސް ވަނީ ބޯ ބާލާފަ އެވެ.
އެކަމަކު މުޒާހަރާއާ ގުޅުވައިގެން ބޯ ބާލަންވީ ކީއްވެ ހެއްޔެވެ؟
އޭގެ ސަބަބަކީ އެއީ ދެކުނު ކޮރެއާގައި ޒަމާނުއްސުރެ ދިގު ދެމިގެން އައިސްފައިވާ ސަގާފީ އަދި ގޮންޖެހުމުގެ އާދައަކަށް ވުމުންނެވެ. ބޯ ބޭލުމުން އެ ދެވުނީ ވަރުގަދަ މެސެޖެކެވެ. އެ މެސެޖަކީ "މިފަހަރު [މުޒާހަރާ ކުރުން] ހުއްްޓާލާނީ ބޭނުންވާ މަގްސަދު ހާސިލް ކުރުމަށްފަހު" ގައެވެ.
ދެކުނު ކޮރެއާގައި މި އާދަ އަށަގެނެފައި ވަނީ 1960 އިން ފެށިގެން 1970 ވަނަ އަހަރާ ހަމައަށް އެ ގައުމުގައި އަސްކަރީ ވެރިކަމެއް އޮތް ދުވަސްވަރު، ސިފައިންގެ ވެރިޔާގެ އަމުރު ތަކަށް ނުކިޔަމަންތެރިކަން ދެއްކުމުގެ ރަމްޒެއްގެ ގޮތުން މީހުން ބޯބަލައި އުޅެފައިވާތީ އެވެ. އޭރު އެއީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް މިހާރު ބޯބަލައި ހަދަނީ އާންމު ގޮތެއްގައި ސިޔާސީ ފަރާތްތަކާއި ފާޓީތަކުގެ އެކްޓިވިސްޓުންނެވެ.
ދެހާސް އަށާރަ ވަނަ އަހަރު ދެކުނު ކޮރެއާގެ ގިނަ އަދަދެއްގެ އަންހެނުން ވަނީ "ސްޕައި ކެމެރާތަކާ" ދެކޮޅަށް ކުރި މުޒާހަރާގައި ވެސް ބޯބާލާފަ އެވެ. ދެކުނު ކޮރެއާގެ އަންހެން ކުދިން ބޮލުގެ އިސްތަށިގަނޑު ކުރުކޮށްފައި ހުންނަނީ އެހެންވެ ކަމަށް ވެސް ބުނެ އެވެ. މާޒީއަށް ބަލާއިރު ދެންވެސް ދެކުނު ކޮރެއާގައި ބޯ ބޭލުމުގެ އާދައަށް ނިމުމެއް އަންނާނެ ހެނެއް ހީނުވެ އެވެ.
ހުވަންގް ކިޔޯ އަން ވެސް އޭނާގެ ބޯބާލަން ފަށަމުން ވިދާޅުވީ، އޭނާގެ ބޯ ބަލަނީ އިދިކޮޅު ފަރާތްތަކުގެ ވަރުގަދަ އަޒުމް ސަރުކާރަށް ދައްކާށެވެ!