ހަބަރު

ރައީސް އޮފީހަށް އެންޓި ޓެރަރިޒަމް ކޮންސަލްޓެންޓެއް

ޓެރަރިޒަމާ ގުޅުންހުރި އެކިއެކި ކަންކަމުގައި، ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވާނެ އެންޓި ޓެރަރިޒަމް ކޮންސަލްޓެންޓެއް ހަމަޖައްސަވައިފި އެވެ.

އަަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެންޓި ޓެރަރިޒަމް ކޮންސަލްޓެންޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ނޫޝިން ވަހީދެ ވެ. އޭނާއަކީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އިތުބާރު ހުރި މަސްދަރަކުން އަވަސްއަށް ކަށަވަރުވެފައިވާ ގޮތުގައި އެންޓި ޓެރަރިޒަމް ކޮންސަލްޓެންޓެއްގެ ގޮތުގައި ނޫޝިން މަސައްކަތް ކުރައްވާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. އަދި އޭނާ ހުންނެވީ ސިޔާސީ މަގާމެއްގައެއް ނޫނެވެ. އެ ވަޒީފާއަކީ ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ ވަޒީފާއެކެވެ.

ޓެރަރިޒަމާ ގުޅުންހުރި އެކިއެކި ކަންކަމުގައި، ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް އެންޓި ޓެރަރިޒަމް ކޮންސަލްޓެންޓެއް ހަމަޖައްސަވާފައިވާއިރު، ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށައަޅާފަ އެވެ. މަޖިލީސް ޗުއްޓީގައި ވަނިކޮށް ހުށައަޅާފައިވާ މި ބިލް ފާސް ކުރުމަށް ދައުރުން ބޭރުގައި ޖަލްސާތަކެއް ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ. އެގޮތުން ބޭއްވި ޖަލްސާއެއްގައި މި ބިލް މަޖިލީހަށް ވަނީ ހުށައަޅާފަ އެވެ. ދައުުރުން ބޭރުގައި ބާއްވާ ދެވަނަ ޖަލްސާ އަންނަ އާދީއްތަ ދުވަހު އޮންނާނެ އެވެ.

އެ ޖަލްސާގައި އޮންނާނީ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތެވެ.

ސަރުކާރުން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ނިޔަތާމެދު އިދިކޮޅު ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.