އަބްދުﷲ ޝާހިދު

ޝާހިދަށް ޗައިނާއިން ކީ މަރުހަބާއިން ގުޅުން ހީނަރުކަން އެނގޭ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޗައިނާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން ހީނަރުވެފައިވާ މިންވަރު އެނގޭ ކަމަށް އިދިކޮޅު ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް މިހެން ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް މިއަދު ވަޑައިގަތުމުންނެވެ.

ޝިޔާމް ވިދާޅުވީ މިނިސްޓަރު ޝާހިދަށް މަރުހަބާ ދެންނެވުމަށް ޗައިނާގެ އެއްވެސް އިސްވެރިއަކު ވަޑައިގެންފައި ނުވާ ކަމަށާއި އެއިން ދައްކުވައި ދެނީ ދެ ސަރުކާރުގެ ގުޅުން ހީނަރުވެފައިވާ މިންވަރު ކަމަށެވެ.

ފޮރިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޗަައިނާއަށް ޝާހިދު ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި، އެ ގަައުމުގެ ނައިބު ރައީސް ވަންގް ގިޝަން އާއި ފޮރިން މިނިސްޓަރު ވާންގް ޔީއާ ބައްދަލު ކުރައްވާ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.

އޭގެ އިތުރުން އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ ނައިބު ރައީސް އަދި ޗީފް އިންވެސްޓްމަންޓް އޮފިސާ ޑީޖޭ. ޕާންޑިއަން އާއި ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕްގެ ރައީސް ލީ ޑައޮސޮންގްއާ ވެސް ބައްދަލު ކުރައްވާނެ އެވެ.

ޗައިނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ގުޅުން ބަދަހިކުރި ގައުމެވެ. އެމަނިކުފާނުގެ ސަރުކާރުގައި ޗައިނާގެ ހިލޭ އެހީއާއި ލޯނު އެހީގެ ދަށުން ތަރައްގީގެ މަޝްރޫއުތަކެއް ހިންގެވި އެވެ. ނަމަވެސް އާ ސަރުކާރާއެކު އެ ގުޅުމަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް ވަނީ އައިސްފައި ވެއެވެ.