ތިމާވެށި

ތިން ރަށެއްގައި ކުނި އަންދާ މެޝިން ބަހައްޓަނީ

ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރަން ތިލަފުށީގައި މިހާރު ބަހައްޓާފައިހުރި ކުނި އަންދާ މެޝިންތަކުގެ ތެރެއިން ތިން މެޝިނެއް ހދ. ކުޅުއްދުއްފުއްޓާއި ފުވައްމުލައް އަދި ކ. މާފުށީގައި ބަހައްޓަން ނިންމާ އެ މަސައްކަތް ތިމާވެއްޓާބެހޭ މިނިސްޓްރީން މެކްސްޓާ މޯލްޑިވްސް އާއި ކޮރަލް ލައިފް ޕްރައިވެޓް ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްފި އެވެ.

މި ދެ ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވަނީ މިއަދު ހެނދުނު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މަސައްކަތް ހަވާލު ކުރި އެއްބަސްވުމުގައިވާ ގޮތުން ދެ ކުންފުންޏަށް މަސައްކަތް ހަވާލުކުރީ 6.4 މިލިއަން ރުފިޔާއަށް 119 ދުވަސް ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.

އެއްބަސްވުމުގެ ދަށުން އެ މެޝިންތައް ރަށްރަށަށް ގެންގޮސް ބަހައްޓާނެ ޝެޑުތައް ހެދުމުގެ އިތުރުން އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް ކުރަން ޖެހޭނީ ހަވާލުވި ކުންފުނިން އެވެ.

ކުނި އަންދާ މެޝިން ބަހައްޓަން ނިންމި މާފުށީގައި މެޝިން ބެހެއްޓުމުގެ މަސައްކަތް ހަވާލުކުރީ 1.90 މިލިއަން ރުފިޔާއަށް ކޮރަލް ލައިފް ޕްރައިވެޓް ލިމިޓެޑްއާ އެވެ. އަނެއް ދެ ރަށުގައި މެޝިން ބެހެއްޓުމުގެ މަސައްކަތް ހަވާލު ކުރީ 4.54 މިލިއަން ރުފިޔާއަށް މެކްސްޓާ މޯލްޑިވްސް އަށެވެ.