ސީ ލައިފް ކޮމްޕްލެކްސް

ސީލައިފް މައްސަލައިގައި ކޯޓަށް ނުދާ މީހުނަށް މުހުލަތެއް ދީފި

ސީލައިފް ކުންފުނިން ފްލެޓް ގަތް ފަރާތްތައް އެޗްޑީސީން ބަދަލު ދިނުމަށް ނިންމާފައިވާއިރު، ފްލެޓް ގަތް ފަރާތްތަކުގެ ތެރެއިން ކޯޓަށް މައްސަލަ ހުށަނާޅައި ތިބި ފަރާތްތަކަށް، އެ ފަރާތްތަކުގެ މައުލޫމާތު އެޗްޑީސީއަށް ހިއްސާ ކުރުމަށް މުހުލަތެއް ދީފި އެވެ.

އެޗްޑީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސީލައިފް މައްސަލަ ކޯޓަށް ހުށަހެޅު ފަރާތްތަކަށް ބަދަލު ހަމަޖެއްސެމުގެ މަސައްކަތް މިހާރު އެޗްޑީސީން ކުރަމުންދާ ކަމަށެވެ. އަދި ފްލެޓު ގަތް މީހުންގެ ތެރެއިން ކޯޓަށް މައްސަލަ ހުށަނާޅާ ފަރާތްތަކުް އެޗްޑީސީއަށް އެންގުމަށް އެކުންފުނިން އެދިފައިވެ އެވެ.

ސީލައިފުން އެޕާޓްމަންޓް އަޅަން އިއުލާނުކުރި މަޝްރޫއާއެކު އެޕާޓްމަންޓުތައް ގަތުމަށް 280 މީހަކު، ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާއަށްވުރެ ގިނައިން ސީލައިފަށް ފައިސާ ދައްކާފަ އެވެ. ގިނަ އަދަދެއްގެ ފަރާތްތަކުން ސީލައިފްއިން ފްލެޓު ގަނެ، ފައިސާ ދެއްކިފަހުން އެ ކުންފުނިން ވަނީ އެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް ނިންމާފަ އެވެ. އެހެންކަމުން ފްލެޓަށް ފައިސާ ދެއްކި ގިނަ ފަރާތްތަކުން ވަނީ ސީލައިފްއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. ނަމަވެސް ކޯޓުން ބޭރުން މައްސަލަ ނިމުނީ، އެޗްޑީސީއިން އެ ފަރާތްތަކަށް ބަދަލު ދިނުމަށެވެ.

ފްލެޓް ގަތުމަށް ފައިސާ ދެއްކި މީހުން ސީލައިފްއާ ދެކޮލަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އެޗްޑީސީ ވެސް ހިމެނޭ ގޮތަށްވުމުން، އެޗްޑީސީން ވަނީ ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ސީލައިފުން ފްލެޓް ގަތް ފަރާތްތަކަށް ބަދަލު ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއްބަސްވުމުގެ ދަށުން ސީލައިފުން އަޅަން ނިންމި ހައުސިން ޔުނިޓުތައް ގަތުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް، އެފަރާތްތަކުން ދެއްކި ފައިސާ އާއި އެއްވަރުގެ އަދަދެއް އެޗްޑީސީއިން ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ގެއްލުން ލިބުނު ފަރާތްތަކަށް އެކަމުގެ ބަދަލެއްގެ ގޮތުން ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ހައުސިން ޔުނިޓު ދޭންވެސް ވަނީ އެއްބަސްވެފަ އެވެ.

އެޗްޑީސީން ބުނީ، ސީލައިފްގެ މައްސަލައިގައި ކޯޓަށް ނުދާ ފަރާތްތަކުން މިމަހު 26 ވަނަ ދުވަހުގެ ކުރިން، ސީލައިފުން ފްލެޓް ގަތުމަށް ވެފައިވާ އެއްބަސްވުމާ، ސީލައިފަށް ފައިސާ ދެއްކި ކަމުގެ ރަސީދު ކޮޅާއި، އައިޑީކާޑު ހިފައިގެން އެޗްޑީސީއަށް އައުމަށް އެދޭކަމަށް ބުނެފަ އެވެ.