އިޒްރޭލް

ވަގުތީ ނަތީޖާ ދައްކަނީ ނަތަންޔާހޫ ނާކާމިޔާބުވާ ކަމަށް

އިޒްރޭލުގައި މިހާރު ކުރިއަށްދާ ބޮޑު ވަޒީރު ނަތަންޔާހޫގެ ސިޔާސީ ކުރިމަގު ކަނޑައެޅޭ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ލިކޫޑް ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބި ނަތަންޔާހޫއަށް ނާކާމިޔާބީއާ ވަނީ ކުރިމަތިވެފަ އެވެ.

އިޒްރޭލުގެ އާންމު އިންތިހާބުގެ ވޯޓުލުން ނިމި، ވޯޓު ގުނަން ފަށާފައިވާއިރު، ނަތަންޔާހޫއަށް މަޖިލީހުގެ މެޖޯރިޓީ ވަނީ ގެއްލިފަ އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން ނަތަންޔާހޫއަށް ކާމިޔާބު ކުރެއްވިފައި ވަނީ 31 ގޮނޑި އެވެ. މެޖޯރިޓީ ހޯދަން ބޭނުންވާ 61 ގޮނޑި ވަނީ އިދިކޮޅު ޕާޓީތަކުންނާއިި، އިޒްރޭލުގެ ކުދި ސިޔާސީ ޕާޓީތަކުން ވަނީ ކާމިޔާބުކޮށްފަ އެވެ. އިޒްރޭލުގެ މަޖިލީހުގެ ޖުމްލަ އަދަދަކީ 120 ގޮނޑި އެވެ.

ނަތަންޔާހޫ ނިސްބަތްވާ ލިކޫޑް ޕާޓީއާ އެންމެ ވާދަވެރިކޮށް ދަނީ އިދިކޮޅު ލީޑަރު ކަމަށްވާ ބެނީ ގަންޓްޒް ނިސްބަތްވާ ސެންޓްރިސްޓް ބްލޫ އެންޑް ވައިޓް ޕާޓީ އެވެ.

ބަންޓްޒް ވަނީ އޭނާގެ ސަޕޯޓަރުންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކާފަ އެވެ. ގަންޓްޒް ވިދާޅުވީ، އިންތިހާބުގެ ރަސްމީ ނަތިޖާ އާންމު ނުކުރަނީސް އުފާ ފާޅު ނުކުރައްވާނެ ކަމަށެވެ. އަދި ވަގުތީ ނަތީޖާއަށް ބަލާފައި ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހި ވަޑައިގަންނަވާ ކަމަށެވެ. އިތުރަށް ވިދާޅުވީ، ނަތަންޔާހޫއަށް އިންތިހާބު ނާކާމިޔާބުވީ، އިޒްރޭލުގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައް ނުކުރެއްވުމުން ކަމަށެވެ.

އަނެއްކޮޅުން ނަތަންޔާހޫ ވެސް ވަނީ އޭނާގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވާފަ އެވެ. ވިދާޅުވީ، އޭނާ މަސައްކަތް ކުރެއްވީ އިޒްރޭލަކީ ގައުމަކަށް ހަދަން ކަމަށެވެ. އަދި ހުރިހާ ސިޔާސަތެއް ބައްޓަން ކުރެއްވީ އިޒްރޭލާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށެވެ. ދެން މަސައްކަތް ކުރައްވަނީ ކޯލިޝަން ހަދައިގެން ބޮޑުވަޒީރު ކަމުގެ މަގާމު ކަށަވަރު ކުރައްވަން ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.

ކޯލިޝަނެއް އުފެއްދުމުގައި ނަތަންޔާހޫ ނާކާމިޔާބުވެ ވަޑައިގެންފި ނަމަ ބޮޑުވަޒީރު ކަމުގެ މަގާމުން ވަކިވާނެ އެވެ. އިޒްރޭލުގެ މަސްރަހު ދާގޮތުން ނަތަންޔާހޫއާއެކު ކޯލިޝަން ހަދާނެ ޕާޓީއެއް ވާނެ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިންތިހާބު ކާމިޔާބު ވެއްޖެނަމަ ޖޯޑަން ވެލީ އިޒްރޭލުގެ ބަޔަކަށް ހަދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވުމުން، ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ ނަތަންޔާހޫއަށް އަމާޒުވެފަ އެވެ. އަދި އިންތިހާބާ ކައިރިކޮށް ނަތަންޔާހޫގެ މައްޗަށް ތަފާތު ކޮރަޕްޝަން ތުހުމަތުތައްކޮށް ތަހުގީގު ފަށާފައިވާތީ ގިނަ ޕާޓީތަކުން ވަނީ ނަތަންޔާހޫ އާއެކު ކޯލިޝަން ހަދަން ދެކޮޅު ހަދާފަ އެވެ.