ކުޅިވަރު

ގައުމީ ޓީމަށް އެހީ އެބަދެން، ކުލަބުތަކަށް ފުރުސަތުދީ

މާޒިޔާގެ ފަރާތުން ގައުމީ ޓީމަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދެމުން އެބަދާ ކަމަށާއި، ހަމައެގޮތަށް އެފްއޭއެމުން ކުލަބުތަކަށްވެސް އެއްބާރުލުން ދޭން ޖެހޭ ކަމަށް މާޒިޔާގެ ކޯޗް މަރުޔާން ސެކްލޮވްސްކީ ބުނެފި އެވެ.

ސެކްލޮވްސްކީ ފާހަގަ ކުރީ ފުޓްބޯޅަ ސީޒަންގެ ކަލަންޑަރުގައި ގައުމީ ޓީމަށް ބުރޭކު ދޭއިރު އެއީ ކިހާ މުއްދަތަކަށް ދޭ ބުރޭކެއްކަން ސީޒަން ފެށުމުގެ ކުރިން ދުރާލައި އެނގެން ޖެހޭ ކަމަށެވެ.

"މިއީ ދެތިން ގަޑިރު އިޝީންދެލައިގެން ތިބެ ފައިނަލު ކުރެވޭނެ ކަމެއް،" ލީގްގެ ޝެޑިއުލް އަށް ކުއްލިއަކަށް އަންނަ ބަދަލާ ބެހޭގޮތުން ސްކްލޮވްސްކީ ވާހަކަ ދެއްކި އެވެ. "ފީފާގެ ބުރޭކްތައް ދުރާލައި އެނގޭއިރު އެ ދުވަސްތަކުގައި ދޭނީ ކިތައް ދުވަހުގެ ބުރޭކެއް ކަން ދުރާލައި އެނގިފައި އޮންނަނަމަ އަހަރެމެންނަށް ވެސް ފަސޭހަ ވާނެ."

މި މަހު ގުއާމް އާއި ޗައިނާ އާ ދެކޮޅަށް ކުޅުނު މެޗަށް ލީގް ބުރޭކެއް ނެގީ އެންމެ ފުރަތަމަ ނެރުނު ޝެޑިއުލްއަށް ބަދަލު ގެނެސްފަ އެވެ. ސެކްލޮވްސްކީ ބުނީ އެގޮތަށް ކުއްލިއަކަށް ބަދަލު ގެނައުމުން ކުލަބުތަކުގެ ކޯޗުންގެ ޕްލޭންތައްވެސް ބަދަލު ގެންނަން ޖެހުމަކީ އުނދަގޫ ވާނެ ކަމެއް ކަމަށެވެ.

"މިހާރު އަހަންނަށްކަށް ނޭންގެ ލީގްގެ ދެ ވަނަ ބުރުގައި އަހަރެމެން މެޗުތައް ކުޅޭނީ ކޮން ދުވަހެއްގައި ކަމެއް، ސީޒަން ފަށާއިރު އެންމެ ފުރަތަމަ މެޗު ކުޅޭނެ ދުވަހާއި އެންމެ ފަހުން މެޗު ކުޅޭނެ ދުވަސް އެނފައި އޮތުމަކީ އެންމެންނަށްވެސް ފަސޭހަ ކަމަކަށް ވާނެ،" ސްކެލޮވްސްކީ ބުންޏެވެ. "މާޒިޔާގެ 10 ކުޅުންތެރިން ގައުމީ ޓީމަށް އެބަދޭ އެހެންވީމަ އަހަރެމެންގެ ފުލު ސަޕޯޓް ގައުމީ ޓީމަށް އޮންނާނެ، އެކަމަކު އެބަޖެހޭ ކުލަބުތަކުގެ ކޯޗުންގެ މަސްއޫލއިްޔަތު އަދާ ކުރުމަށް ފުރުސަތު ދޭން."

ލީގްގައި މިރޭ މާޒިޔާ ނުކުންނާނީ ދަ ގުރާންޑޭ އާ ދެކޮޅަށެވެ. ސެކްލޮވްސްކީ ބުނީ ދަ ގުރޭންޑޭ މިހާތަނަށް ހޯދާފައިވާ ނަތީޖާ ތަކުން އެއީ ވަރުގަދަ ޓީމެއް ކަން އެނގިގެން ދާ ކަމަށެވެ.

"ސެޓް ޕީސްތަކުގައި އެ ޓީމު ވަރަށް ނުރައްކާ، ރަނގަޅު އެޓޭކިން އެއް އެބައޮތް، ޓެކްޓިކްތައް ރަނގަޅު އަދި ވަރަށް ރަނގަޅު ކޯޗެއްވެސް އެބަ ހުރި."