އީރާން

އިރާނުން އެމެރިކާއާއެކު މަޝްވާރާއެއް ނުކުރާނެ: ރޫހާނީ ލީޑަރު

އެމެރިކާއެކު ކުރަން ހަމަޖެހިފައިވާ ސުލްހައިގެ މަޝްވަރާތަށް، އެމެރިކާއާއެކު ދެން ކުރިއަށް ނުގެންދާނެ ކަމަށް އިރާނުގެ ރޫހާނީ ލީޑަރު އާޔަތުއްލާ އަލީ ހާމަނާއީ ވިދާޅުވެއްޖެ އެވެ.

ސުލްހައިގެ މަޝްވަރާތަށް އެމެރިކާއާއެކު ނުކުރުމަށް ހާމަނާއީ ނިންމީ، ސައުދީގެ އަރަމްކޯ ކުންފުންޏަށް ޑްރޯން ހަމަލާދިން ކަމުގެ ތުހުމަތު އެމެރިކާއިން އިރާނަށް ކުރާތީ އެވެ. މި ތުހުމަތު އިރާނުން ދޮގު ކުރުމުން، އެމެރިކާއިން ވަނީ އދއަށް އިރާނަށް ފިޔަވަޅު އަޅަން އެދިފަ އެވެ.

އެމެރިކާއިން ބުނާ ގޮތުގައި، އެމެރިކާގެ ޖާސޫސީ އިދާރާތަކުން ވަނީ ސައުދީ ތެޔޮ ކުންފުންޏަށް ހަމަލާދިނީ އިރާންކަން ސާބިތުކުރެވޭ ވަރަށް ޖާސޫސީ ހެކި ހޯދާފަ އެވެ. ސައުދީން އަރަމްކޯއަށް ދިން ހަމަލާ ތަހުގީގު ކުރަމުންދާއިރު، އެހަމަލާއާ އިރާނާ ގުޅުވާލެވޭނެ އެއްވެސް ހެއްކެއް އަދި ނުފެނެ އެވެ. އަރަމްކޯއަށް ދިން ހަމަލާގެ ޒިންމާ އުފުލާފައިވަނީ، ސައުދީން ހަނގުރާމަ ކުރަމުންދާ ޔަމަނުގެ ހޫތީ ޖަމާއަތުންނެވެ.

ތަކުރާރުކޮށް އެމެރިކާއިން އަރަމްކޯއަށް ދިން ހަމަލާގެ ފަހަތުގައި ވަނީ އިރާންކަމަށް ބުނަމުންދާތީ، ހިތްހަމަނުޖެހި ވަޑައިގެން ހާމަނާއީ ވިދާޅުވީ، އަރަމްކޯއަށް ހަމަލާދިނީ އިރާނުން ކަމަށް އެމެރިކާއިން ބުނަނީ، އިރާނަށް އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ބޭނުމުގައި ކަމަށެވެ.

ހާމަނާއީ ވިދާޅުވީ، އެމެރިކާއަށް ހުރިހާ ކަމެއް އެނގޭއިރުވެސް ނޭގިފައިވާ ކަމަކީ، މިހާތަނަށް އެމެރިކާއިން އިރާނަށް އެޅި އެއްވެސް ފިޔަވަޅަކަށް އިރާނުން ބޯލަބައި ކިޔަމަންވެފައިނުވާ ކަމަށެވެ. އެމެރިކާއިން އިރާނުގެ އިގްތިސޯދު ނައްތާލައި ދުނިޔޭގެ ޗާޓުން އިރާނުން ފޮހެލަން މަސައްކަތް ކުރި ނަމަވެސް އެކަން ނުކުރެވޭނެ ކަމަށް ވެސް ހާމަނާއި ވިދާޅުވި އެވެ. އިތުރަށް ހާމަނާއި ވިދާޅުވީ، އެމެރިކާއެކު ކުރަން ހަމަޖެހިފައިވާ ސުލްހައިގެ މަޝްވަރާތަކަށް އިރާނުން ނޫނެކޭ ބުނުމުން، ކަންބޮނޑުވާނީ އެމެރިކާ ކަމަށެވެ.