ސައުދީ އަަރަބިއްޔާ

ހާޝުގްޖީ މަރާލި ސައުދީ ކޮންސިއުލޭޓް އޮފީސް ވިއްކާލައިފި

އެމެރިކާގެ ނޫހެއް ކަމަށްވާ ވޮޝިންޓަން ޕޯސްޓަށް ސައުދީ އަރަބިއްޔާގެ ރަސްކަމަށް ފާޑު ކިޔައި ލިޔަމުން ދިޔަ ކޮލޮމިސްޓެއް ކަމަށްވާ ޖަމާލު ހާޝުގްޖީ މަރާލި އިމާރަތް ސައުދީން ވިއްކާލައިފި އެވެ. ހާޝުގްޖީ މަރަލާފައިވަނީ ތުރުކީގެ އިންސްޓަންބުލްގައި ހުންނަ ސައުދީގެ ކޮންސިއުލޭޓް އޮފީސްތެރޭގަ އެވެ.

ތުރުކީގެ ގައުމީ ޓީވީން ބުނީ، ހާޝުގްޖީ މަރާލި ކޮންސިއުލޭޓް އޮފީސް ވިއްކާލުމަށްފަހު، ސައުދީން އަލުން ކޮންސިއުލޭޓް އޮފީހެއް ގާއިމް ކުރުމުގެ ގޮތުން، ސަރިޔާ ޑިސްރިކްޓުން ބިމެއް ގަނެފައިވާ ކަމަށެވެ. ތުރުކީގެ ގައުމީ ޓީވީން އިތުރަށް ބުނީ، ސައުދީން ކޮންސިއުލޭޓް އޮފީސް ހުންނަ ބިން ވިއްކާފައިވަނީ ތުރުކީގެ ގާނޫނާ ގަވާއިދުތަކާ ހިލާފަށް ކަމަށެވެ. ތުރުކީގައި ބިމެއް ވިއްކާލަން ބޭނުންވާނަމަ، އެކަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އަންގައި ހުއްދަ ހޯދަން ޖެހެ އެވެ.

ސައުދީގެ ކޮންސިއުލޭޓް އޮފީސް ހުންނަ ބިން ގަވާއިދާ ހިލާފަށް ވިއްކި މައްސަލަ މިހާރު ވަނީ ތުރުކީގެ ފޮރިން މިނިސްޓްރީގެ ސަމާލުކަމަށް ވެސް އައިސްފަ އެވެ. ނަމަވެސް މިކަމާ ގުޅިގެން އެއްވެސް ކަހަލަ ފިޔަވަޅެއް އަޅާފައިވާ ކަމަށް ނުބުނެ އެވެ. އެ މިނިސްޓްރީގެ އޮފިޝަލަކު މިޑިލް އީސްޓް އޮބްޒާވާއަށް ވިދާޅުވީ، ސައުދީން ބިން ވިއްކުމުގެ ކުރިން ހުއްދަ ނުހޯދި މައްސަލަ ސީރިއަސްގެ މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.

ހާޝުގްޖީ މަރާލާފައިވަނީ 2018 ވަނަ އަހަރު އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހު އޭނާގެ ވަރީގެ ސެޓްފިކެޓް ހޯދުމަށް ކޮންސިއުލޭޓް އޮފީހަށް ދިއުމުން، ސައުދީން ފޮނުވި ހާއްސަ ތަމްރީނުތަކެއް ލިބިފައިވާ ޓީމަކުންނެވެ. މި ޓީމު ވަނީ ހާޝުގްޖީ މަރާލި ރޭ ހަމަ ސައުދީއަށް ފުރައިފަ އެވެ. ފަހުން ހާޝުގްޖީގެ މަރުގެ މައްސަލަ ބެލުމުގެ ނަމުގައި އިންސްޓަންބުލްއަށް ގޮސް ވަނީ ކޮންސިއުލޭޓް އޮފީހުގައި ހުރި ހާޝުގްޖީ މަރާލި ކަމުގެ ހެކިތަށް ނައްތާފަ އެވެ.

ހާޝުގްޖީ މަރުގެ މައްސަލަ ތަހުގީގު ކުރަން ތުރުކީގެ ފުލުހުން ސައުދީގެ ކޮންސިއުލޭޓް އޮފީހަށް ވަންނަން އުޅުމުން ސައުދީން ވަނީ ދެކޮޅު ހަދާފަ އެވެ. އަދި ފަހުން ވަނީ ހާޝުގްޖީ ކޮންސިއުލޭޓް އޮފީހުން ސަލާމަތުން ނުކުންނަ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުކޮށްފަ އެވެ. ނަމަވެސް ފަހުން އެގުނު ގޮތުގައި ވީޑިއޯގައި ވަނީ ހާޝުގްޖީ މަރާލި ޓީމުގެ ބައިވެރިއެކެވެ.

ކޮންސިއުލޭޓް އޮފީސް ގަވާއިދާ ހިލާފަށް ވިއްކާލި މައްސަލައިގައި ސައުދީން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ކޮންސިއުލޭޓް އޮފީސް ވިއްކާފައި މިވަނީ ހާޝުގްޖީގެ މަރުގެ މައްސަލަ އަދި އެއްކޮށް ތަހުގީގު ނުކުރެވި އުޅެނިކޮށެވެ.