ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކާއި، ސިވިލް ކޯޓްގެ ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ 65 ވަނަ ބައްދަލްވުމުގައެވެ.
ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ އަރީފް، ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބާ، ސިވިލްކޯޓްގެ ފަނޑިޔާރު ހަސަން ފަހީމް އިބްރާހިމްގެ އިތުރުން ފަނޑިޔާރު ހުސައިން ފާއިޒު ރަޝާދުގެ ސުލޫކީ މައްސަލައެއް ބެލުމަށެވެ.
މީގެ އިތުުރުން ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަލީ ޝަރީފުގެ ސުލޫކީ ދެ މައްސަލައެއްވެސް ބެލުމަށް ވަނީ ނިންމާފައެވެ.
ޖޭއެސްސީން ބުނީ މިއަދުގެ ކޮމިޝަންގެ ބައްދަލުވުމަށް 31 މައްސަލައެއް ހުށައެޅުނު ކަމަށާ އޭގެ ތެރެއިން ބަލަން ނިންމާފައިވަނީ މި ހަތަރު ބޭފުޅުންނާ ގުޅޭ ފަސް މައްސަލަ ކަމަށެވެ.
ދާދިފަހުން ޖޭއެސްސީއަށް އައި ބޮޑު ބަދަލާއެކު، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުން ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެފަދަ މައްސަލަތައް ބެލުމަށްފަހު ބައެއް ފަނޑިޔާރުން ވަކިކުރުމަށް ވެސް ޖޭއެސްސީން ވަނީ ލަފާދީފަ އެވެ. އެ ލަފަޔާ އެއްގޮތަށް މަޖިލީހުން ފާސްކޮށް ބައެއް ފަނޑިޔާރުން މިހާރު ވަނީ މަގާމުންވެސް ދުރުކޮށްފައެވެ.
އޭގެ ތެރޭގައި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވަ އެވެ.