މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ބިދޭސީންގެ މައްސަލަ ހައްލު ނުވެއްޖެނަމަ މަގާމު ދޫކޮށްލާނަން: ފައްޔާޒު

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ މަގާމުގައި ނުހުންނަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ފައްޔާޒު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ވަޒީރުން ހިމެނޭ ގޮތަށް ޓާސްކު ފޯހެއް އެކުލަވާލާފައިވާ ކަމަށެވެ. އެ ޓާސްކު ފޯހުގެ ޗެއާމަނަކީ ވެސް މިނިސްޓަރު ފައްޔާޒެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ބިދޭސީންގެ މައްސަލަ ހައްލު ކުރުން ކަމަށާއި އެކަމުގައި ސަރުކާރުގައި ހެޔޮ ނިޔަތް ވެސް އެބައޮތް ކަަމަށެވެ. އެ މަސައްކަތް ފެއިލް ވެއްޖެނަމަ ދެން ކަންކުރައްވާނީ ކިހިނެތްތޯ ދެންނެވުމުން މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ކުރައްވާނެ ކަމަށާއި އެކަން ނުކުރެވިއްޖެނަމަ މަގާމުގައި ނުހުންނަވާނެ ކަމަށެވެ.

"މައްސަލަ ހައްލު ނުކުރެވިއްޖެނަމަ އަޅުގަނޑު މި މަގާމަކު ނުހުންނާން،" ފައްޔާޒު ވިދާޅުވި އެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރަން މިދިޔަ ސަރުކާރުތަކުން ވެސް ބޮޑެތި މަސައްކަތްތަކެއް ފަށާނެކަން ހާމަކުރި އެވެ. ނަމަވެސް މައްސަލައަށް އެދެވޭ ހައްލެއް އަންނަ އެއްވެސް ކަމެއް ކުރެވިފައެއް ނުވެއެވެ.

ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ގަވާއިދާ ޚިލާފަށް ވަރަށް ގިނަ އަދަދަކަށް ބިދޭސީން އުޅެމުންދާ ކަމަށެވެ. ނަމަވެސް އެއީ ސީދާ ކަނޑައެޅިގެން ކިހާ އަދަދެއްކަން އެނގެން ނެތް ކަމަށެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު 50،000 ވުރެ އިތުރު ވާނެ ކަމަށް ބެލެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ ރާއްޖޭގައި ބޮޑުއިރު، ރާއްޖޭގައި އެންމެ ގިނައިން އުޅެނީ ބަގްލަދޭޝަންގެ މަސައްކަތްތެރިންނެވެ. ސަރުކާރުން މިއަދު ވަނީ ބަނގްލަދޭޝް މަސައްކަތްތެރިނަށް ކޯޓާ ހަމަވެފައި ވުމުން އިތުރު މީހަކު ދެން އެ ގައުމުން ރާއްޖެ ނުގެނެވޭނެ ކަމަށް ބުނެފަ އެވެ.